15 Feb 2022, 08:45
ޑިމޮކްރަސީ އާއި ޝޫރާގެ މަފްހޫމުގެ މައްޗަށް ލިޔެވޭ ލިޔުންތަކާއި، ހުށަހެޅޭ ވިސްނުން ތަކާއި ފިކުރުތައް ޢަރަބި، އިސްލާމީ ޤައުމު ތަކުގައާއި، ދިވެހިރާއްޖޭގައި އަދި އެހެނިހެން ޤައުމު ތަކުގައިވެސް ގިނަވެގެން ހިގައްޖެއެވެ. ޚާއްޞަކޮށް ފާއިތުވި ޤަރުނުގެ ފަހުގެ އަހަރުތަކުގެ ތެރޭގައެވެ. އެއީ، ރަޝިޔާގެ ވެރިކަން ވެއްޓި ބައިބައިވި ހިސާބުން، ހުޅަނގުގެ ނިޒާމު ތަކުގައި ހިމެނޭކަމަށް ދަޢުވާކުރާ އިންސާނީ ޙައްޤުތަކާއި، ހެޔޮވެރިކަމާއި، މިނިވަން ވިޔަފާރިއާއި، މިނިވަން އިޤްތިޞާދު އެއީ، އެޤައުމުތައް އެހެން ޤައުމު ތަކަށްވުރެ އިޤްތިޞާދީ ގޮތުންނާއި، އުފެއްދުންތެރިކަމުގެ ގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރައި ދިއުމުގެ ސަބަބު ކަމަށް ބެލެވޭތީއެވެ. އެހެންކަމުން، އުފެދޭ ސުވާލަކީ ޑިމޮކްރަސީ އާއި ޝޫރާ ގައިވާ ގުޅުމަކީ، އީޖާބީ ގުޅުމެއްތޯ ނުވަތަ އިދިކޮޅު ގުޅުމެއްތޯ ނުވަތަ ފުށުއަރާ ގުޅުމެއްތޯ ކުރެވޭ ސުވާލެވެ. އެކި ޒަމާންތަކުގައި ހުރި އިސްލާމީ ސިޔާސީ ފިކުރުތަކަކީ ކޮބައިތޯ ބަލައި އެ ފިކުރުތަކުގައި ހުރި ފިކުރުތަކަކީ އެއްގޮތް ފިކުރެއްތޯ ނުވަތަ ތަފާތު ފިކުރެއްތޯ އުފެދޭ ސުވާލެވެ.
ޑިމޮކްރަސީއާއި އޭގެ ޠަބީޢަތް
ސޯވިއެޓް ޔޫނިއަން ވެއްޓުމާއި އެބައިމީހުންގެ އިޤްތިޞާދީ އަދި ސިޔާސީ ކަންތައްތައް ބަދަލުވެގެން ދިޔަ ދުވަސްވަރު ވެގެންދިޔައީ ދައުލަތްތަކުގެ ސިޔާސީ ނިޒާމްތަކާއި ގުޅުންތަކަށް ވަރަށް ބޮޑު އަޑިގުޑަންތަކެއް ވެރިވެގެން އައި ވަގުތަކަށެވެ. އެއީ މުޅި ދުނިޔޭގެ އެންމެހައި ޤައުމު ތަކަށެވެ. އެހެންކަމުން އެކި ޤައުމުތަކުގައި ޚާއްޞަކޮށް ހުޅަނގުގެ ޤައުމުތަކުގެ ސިޔާސީ ނިޒާމުތައް ހިންގުމަށްޓަކައި، ޑިމޮކްރަސީގެ ނަމުގައި ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމް ރަޢާރުފު ވިއެވެ. ބައެއް ފަރާތްތަކުން ޑިމޮކްރަސީ މާނަކޮށްފައިވާ ގޮތުގައި، އެއީ ވެރިކަމުގެ ނިޒާމެކެވެ. އެނިޒާމުގައި، ސިޔާސީ ގޮތުން ކަންކަން ހިންގާ ގޮތް ނިއްމުމުގައި ޢަމަލު ކުރެވޭނެ ގޮތްތަކާއި ކަންތައްތައް ތަރުތީބުކޮށް ހިންގާނެ ގޮތް ބަޔާން ކުރުމަށްޓަކައި، ސާފު ބަހުން ލިޔެވިފައިވާ ދުސްތޫރެއް އޮވެއެވެ. އަދި ވާދަވެރި އިންތިޚާބާއި، ޕާޓީތައް ހިންގުމާއި، ބާރުތައް ވަކިކޮށް ހިންގުމުގައި އިންތިޚާބު ކުރެވޭނެ ގޮތްތައް ކަނޑައެޅެއެވެ.
ޑިމޮކްރަސީ މާނަ ކުރުން ތަފާތުވީކަމުގައި ވީނަމަވެސް، ހުރިހާ ފަރާތްތަކުންވެސް އެއްބަސްވާ މައިގަނޑު، އޭގައި އެކުލެވެންޖެހޭ މުހިއްމު ސިފަތަކެއް ބަޔާންކުރެއެވެ. މިސާލަކަށް، ޒައިދާނީ ދެކެވަޑައިގަންނަވާ ގޮތުގައި ޑިމޮކްރަސީއަކީ، ބުއްދީގެ ހަމަތަކަކުގެ މައްޗަށް އެކުލެވޭ ނިޒާމެކެވެ. އެނިޒާމުގައި ގުޅުންތައް ޤާއިމް ކުރެވޭނެ މަގުތައް ވެއެވެ. އޭގައި އެކުލެވިގެންވާ ފަރާތްތަކުގެ ތެރޭގައި، ފަރުދުންނާއި، ރައްޔިތުންނާއި ޖަމާއަތްތައް ހިމެނެއެވެ. މިއެންމެހައި ފަރާތްތަކަށް ޕާޓީތަކަށާއި، މުއައްސަސާތަކަށް ބަސްބުނެ ރައުޔު ފާޅުކުރުމުގެ މިނިވަންކަން ލިބިގެންވެއެވެ. މިހެންކަމުން ޢަމަލީގޮތުން އެބައިމީހުންގެ ބައިވެރިވުމާއި ނިންމުންތައް ނިންމުމުގައި ހަމަހަމަކަން ލިބުމުގެ ސަބަބުން ޙާޞިލްކުރަން ބޭނުންވާ ކަންކަން ޙާޞިލްކުރުމަށް މަގުފަހިވެގެން ދެއެވެ.
ނަމަވެސް މަޙުމޫދު މީޢާރީ ދެކެވަޑައިގަންނަވާ ގޮތުގައި ޑިމޮކްރަސީ، ޑިމޮކްރަސީ އަކަށްވާނީ ދެ ޝަރުތެއް ފުރިހަމަވުމުންނެވެ. އެއީ، އެންމެހައި ޕާޓީތަކާއި މުއައްސަސާތަކުން ބައިވެރިވެ ކަނޑައެޅިފައިވާ މުއްދަތުތަކެއްގައި އިންތިޚާބުކުރެވޭ ފަދަ ވަޒީފާތަކަށް އިންތިޚާބުކޮށްގެން ސަރުކާރުގެ ވަޒީފާތަކަށާއި މިނިވަން މުއައްސަސާތަކަށް މީހުން ކަނޑައެޅުމާއި؛ އަދި މަދަނީ ގޮތުންނާއި، ސިޔާސީ ގޮތުންނާއި، އިޖްތިމާޢީ ގޮތުންނާއި، އިޤްތިޞާދީގޮތުން ފުރިހަމަވެފައިވާ ހިންގުމުގެ ނިޒާމެއް ޤާއިމްވެ އޮތުމުންނެވެ. މިނޫނަސް އެހެން ބޭފުޅުންވެސް ޑިމޮކްރަސީގެ ނިޒާމު ސިފަކުރުމުގައި ޝަރުތުތައް ބަޔާންކޮށްފައިވެއެވެ. އަދި އެއީ ބައެއްފަހަރަށް މިދެންނެވި ޢަދަދަށް ވުރެވެސް ގިނަ އަދި ދިގު ލިސްޓެއް އެކުލެވޭ ޝަރުތުތަކެކެވެ. މިސާލަކަށް، މުއައްސަސާތަކާއި ބާރުތައް މިނިވަންވެ ހިންގުމާއި، ވެރިކަމުގެ ބާރުތަކުގެ މަޞްދަރަކީ ރައްޔިތުންކަމަށް ބެލުމާއި، ތަޝްރީޢީ، ޤަޟާއީ އަދި ތަންފީޒީ ބާރުތައް މުރާޤަބާކޮށް ބެލުން ހިމެނެއެވެ. އަދި ބައެއް ހުޅަނގުގެ އިލްމުވެރީން މިލިސްޓަށް ދީނާއި ދުނިޔެވީ ކަންކަން ތަރުތީބުކޮށް ހިންގުމުގައި މުޅިން ވަކިން މިނިވަންކޮށް ހިންގުން ޝަރުތު ކުރެއެވެ.
އަލްކައްވާރީ ދެކެވަޑައިގަންނަވާ ގޮތުގައި، މިއަދު ޑިމޮކްރަސީ ތަމްޘީލް ކުރަމުންދަނީ، ސިޔާސަތު ކަނޑައެޅުމަށާއި، މަސައްކަތް ކުރުމަށް ބޭނުންކުރެވޭ މަންހަޖެއްގެ ގޮތުގައެވެ. ހެޔޮ ވިސްނުންތަކާއި ޢަޤީދާއެއްގެ ގޮތުގައި ނޫނެވެ. ޑިމޮކްރަސީގެ ސަބަބުން މުޖްތަމަޢުގެ މިންގަނޑުތަކާއި ޢާއްމު އިޖްތިމާޢީ ފޭރަމާށާއި، ޢަޤީދާއަށާއި އިދާރީ ހިންގުމުގެ ނިޒާމް ފަދަ ނިޒާމްތަކަށް އަސަރު ފޯރުވައެވެ. އެއީ ގިނަބަޔަކަށް ފެންނަގޮތުގެ މައްޗަށް ކަންކަން ނިންމުމުގެ ސަބަބުންނެވެ. އެހެންކަމުން، މިއަދުގެ ޑިމޮކްރަސީއަކީ، ގިނަބަޔަކު ބުރަވާގޮތުގެ މައްޗަށް ހިންގޭ އިދާރީ މަންހަޖެކެވެ. މަސްލަޙަތު ތަކާއި ވިސްނުންތައް ތަފާތުވާ ހިނދުގައެވެ. އެކަން ކުރެވެނީ، ސިޔާސީ ފަރާތްތަކަށް ބައިވެރިވުމުގެ ޙައްޤު ދެވި އެކަން ޙިމާޔަތް ކުރެވިގެންނެވެ. ސަރުކާރު ހިންގައި ދެމި އޮތުމުގެ ޔަޤީންކަމާއި ކަށަވަރުކަން ދެވިގެންނެވެ. ލިޔެވިފައިވާ ދުސްތޫރެއްގެ އަލީގައެވެ.
އަނެއްބައި ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި، ހުޅަނގުން މިފެންނަ ޑިމޮކްރަސީގެ އުޞޫލުތަކަކީ، ކުރީ ޒަމާނުގައި ގްރީކުގެ ފަރާތުން ފެނުނު ޑިމޮކްރަސީގެ އުޞޫލުތަކެއް ނޫނެވެ. އެ ޑިމޮކްރަސީ މުޅިން ތަފާތެވެ. މިސާލަކަށް، ގްްްްްްރީކުގައި ވެރިކަންކުރުމުގެ ސިޔާސަތުތައް ކަނޑައެޅެމުންދިޔައީ ވަރަށް ސީދާކޮށެވެ. މުޖުތަމަޢާއި، ދައުލަތުގެ ދެމެދުގައި ހުރަހެއް ނެތިއެވެ. ދައުލަތުގެ މުއައްސަސާތައް ހިންގުމުގަޔާއި، ޝަރުޢީ، ޤާޞާއީ، އަދި ތަންފީޒީ މަސައްކަތުގައިވެސް އެންމެން ބައިވެރިވެގެން ގުޅިގެންނެވެ.
ޑިމޮކްރަސީއަކީ، ހުޅަނގުގައި ފައްޅީގެ ބާރު އޮތް ދުވަސްވަރު އަނިޔާވެރިކޮށް ކަންތައްތައްކޮށް ގްރީކަށް އަރުވާލެވުނު މީހުން އީޖާދުކުރި އަދި އަނިޔާވެރިކަމާއި ދެކޮޅަށް ނުކުތުމުގެ ނަތީޖާއެއްގެ ގޮތުން ގްރީކުން އުފަންވެގެން އައި ނިޒާމެކެވެ. ޑރ. ޝަހީމް ދެކެވަޑައިގަންނަވާ ގޮތުގައި، މައިގަނޑު ބޭނުމަކީ އެބައިމީހުން އުޅޭނެ ގޮތާއި، އެބައިމީހުންގެ ކަންކަން އަމިއްލައަަށް ކަނޑައެޅުމެވެ. ކުރުކޮށް ބުނަނީނަމަ، ޑިމޮކްރަސީގައި ރައްޔިތުންނާއި ނުވަތަ މުޖްތަމަޢާއި ކުރެވޭ މުޢާމަލާތްތަކާއި ކަނޑައެޅޭ ސިޔާސަތުތަކަކީ، މުޅިންހެން ނުފޫޒާއި ބާރު ހޯދުމަށް ހިންގޭ އަދި ކޮންމެހެން ޢާއްމު މަޞަލަޙަތު އޮތުން ކޮންމެ ފަހަރަކު ލާޒިމުނުވާ ނަމަވެސް ސަރުކާރު ހިންގާ ބަޔަކު ދެކޭގޮތަށް ކަންކަން ނިންމަމުންދާ ނިޒާމެކެވެ.
ޝޫރާގެ ތަޢާރުފާއި އޭގެ މުހިއްމުކަން
ޝޫރާ މިބަސް ނެގިފައިވަނީ "އަލްމުޝާވަރާ" މި ކަލިމަ އިންނެވެ. މާނައަކީ، އެބައިމީހުންގެ ގާތުގައި ހުރި ވިސްނުމާއި ރައުޔު ބަޔާންކުރުމެވެ. އަދި އިޞްޠިލާޙީ މާނައަކީ، ކަމެއްގައި މަޝްވަރާ ކުރުމަށް ރައުޔު ދިނުމެވެ. މިބަހުގެ އެންމެ ފުރިހަމަ މާނަ އައިސްފައިވަނީ، އާދެ! ކީރިތި ޤުރުއާނުގައެވެ. އެކަލާނގެ ވަޙީކުރެއްވި ބަސްފުޅުގައި ވެއެވެ. (وَالَّذِينَ اسْتَجَابُوا لِرَبِّهِمْ وَأَقَامُوا الصَّلاةَ وَأَمْرُهُمْ شُورَى بَيْنَهُمْ وَمِمَّا رَزَقْنَاهُمْ يُنفِقُونَ) (އައްޝޫރާ: 38). މާނައީ: "އަދި އެބައިމީހުންނަކީ، އެބައިމީހުންގެ ވެރި ރަސްކަލާނގެއަށް އިޖާބަދީ އަދި ނަމާދު ޤާއިމްކުރި މީހުންނެވެ. އަދި އެބައިމީހުންގެ ކަންތައްތައް އެބައިމީހުންގެ މެދުގައިވަނީ މަޝްވަރާގެ މަތިންނެވެ. އަދި ތިމަން ރަސްކަލާނގެ އެބައިމީހުންނަށް ދެއްވި ތަކެތީން އެބައިމީހުން ހޭދަކުރެއެވެ.'' މިއާޔަތުން އެނގޭ ގޮތުގައި ޝޫރާއަކީ، އިޖުތިމާޢީ އެއްބައިވަންތަކަމުގެ އެއްރުކުނެވެ. މި ރުކުނުގެ ނަމުން ކީރިތި ޤުރުއާނުގެ އައްޝޫރާ ސޫރަތަށް އެނަން ދެއްވާފައިވާކަމީ، މާތްﷲ މިރުކުން މަތިވެރި ކުރައްވާފައިވާ ކަމުގެ ދަލީލެކެވެ. އެހެންކަމުން، ޝަރުޢީ މާނާގައި ޝޫރާއަކީ، ކަންކަމުގެ އަހުލުވެރީންގެ ގާތުން އެކަންކަމުގައި ޢަމަލުކުރާނެ ގޮތާމެދު ސީދާ ޝަރުޢީ ދަލީލެއް ނެތް ޙާލަތުގައި ރައުޔު ހޯދުމެވެ. އެއީ އުއްމަތަށާއި ޢާއްމު ރައްޔިތުންނަށް އެންމެ މަޞްލަޙަތު ހުރިގޮތް ހޯދައިދިނުމަށް ޓަކައެވެ.
ކުރިން ބަޔާން ކުރެވުނު ޝޫރާ ސޫރަތުގެ 38 ވަނަ އާޔަތަކީ، މައްކިއްޔަ އާޔަތަކަށް ވެފައިވުމުން، އެއިން ދަލީލް ކޮށްދެނީ ކޮންއެއްޗެއްބާ؟ ބައެއް ޢިލްމުވެރީން ބަޔާންކުރައްވާ ގޮތުގައި، މިއާޔަތް މުސްލިމުންގެ ދައުލަތެއްވެސް އަދި ސަރުކާރެއްވެސް ނެތް ހިނދެއްގައި މައްކާގައި ވަނިކޮށް މިއާޔަތް ބާވައިލެއްވުމުން އެއިން ދަލީލްކޮށްދެނީ، މަޝްވަރާކުރުމުގެ މުހިއްމުކަމާއި އެކަމުގައި އެކުލެވިގެންވާ މަތިވެރި އަގެވެ. އެއީ އިސްލާމް ކަން ބިނާކުރުމަށެވެ. އަދި އެކަމަކީ މުސްލިމުން އޭގައި ވަރުގަދައަށް ހިފުން އައުލާކަންބޮޑު އަދި އޭގެމަތީގައި ދެމިތިބުމަށް ވާޖިބުވާ ނުވަތަ ލާޒިމްވާ ކަމެއް ކަމަށްވާތީއެވެ. އެއީ މައްކާގައި މުސްލިމުން ވީފަދައިން މުސްލިމުން އެއީ ދައުލަތެއްނެތި ކުޑަ ޖަމާޢަތެއްގެ ގޮތުގައި ވީނަމަވެސް މެއެވެ. އަދި އެހެންމެ، މަދީނާގައި ތިބިފަފަދައިން ދައުލަތެއް ޤާއިމްވެފައިވީ ހިނދުގައިވެސް މެއެވެ.
މާތް ވެގެންވާ އިސްލާމްދީނުގައި ޝޫރާގެ ނިޒާމު ޝަރުޢު ކުރައްވާފައިވާ ކަމުގެ އަނެއް ދަލީލަކީ، އާލުޢިމްރާން ސޫރަތުގެ 159 ވަނަ އާޔަތެވެ. އެއާޔަތުގައި ވެއެވެ. (فَبِمَا رَحْمَةٍ مِّنَ اللَّهِ لِنتَ لَهُمْ وَلَوْ كُنتَ فَظًّا غَلِيظَ الْقَلْبِ لاَنفَضُّواْ مِنْ حَوْلِكَ فَاعْفُ عَنْهُمْ وَاسْتَغْفِرْ لَهُمْ وَشَاوِرْهُمْ فِي الأَمْرِ فَإِذَا عَزَمْتَ فَتَوَكَّلْ عَلَى اللَّهِ إِنَّ اللَّهَ يُحِبُّ الْمُتَوَكِّلِينَ) މާނައީ، ''ފަހެ، އެބައިމީހުންނަށް ކަލޭގެފާނު އޯގާތެރިވެވަޑައިގަތީ، ﷲގެ ޙަޟްރަތުން ލެއްވި ރަޙުމަތެއްގެ ސަބަބުންނެވެ. އަދި ހިތްޕުޅު ހަރުކަށި، ޚުލްޤުފުޅު ނުބައި ބޭކަލަކު ކަމުގައި ކަލޭގެފާނު ވިނަމަ، ކަލޭގެފާނުގެ އަރިހުން އެބައިމީހުން ވަކިވެގެން ހިނގައްޖައީހެވެ. ފަހެ، އެބައިމީހުންނަށް ކަލޭގެފާނު ޢަފޫކުރައްވާށެވެ. އަދި އެބައިމީހުންނަށް ފާފަފުއްސެން އެދި ދަންނަވާށެވެ. އަދި ކަންތަކުގައި ކަލޭގެފާނު އެމީހުންނާ މަޝްޥަރާ ކުރައްވާށެވެ. ފަހެ، ކަލޭގެފާނު ކަމަކާމެދު ކަލޭގެފާނު ޢަޒުމު ކަނޑައަޅުއްވައިފިނަމަ، ފަހެ، ކަލޭގެފާނު ﷲގެ ޙަޟްރަތަށް ޥަކީލުކުރައްވާށެވެ. ހަމަކަށަވަރުން، ޥަކީލުކުރާ މީހުންދެކެ ﷲ ލޯބިވެ ވޮޑިގެންވެއެވެ."
މިއާޔަތް ބާވައިލެއްވުނީ، އުޙުދު ހަގުރާމައަށް ފަހުއެވެ. އަދި އެ ހަގުރާމައިގައި މުސްލިމުންނަށް ލިބުނު ހިތްދަތިކަމާއި ނާކާމިޔާބީއަށް ފަހުގައެވެ. އެހެނީ، އެކަލޭގެ ފާނު އެ ހަގުރާމައަށް މަދީނާއިން ބޭރަށް ނުކުމެ ވަޑައިގަތީ، އެކަލޭގެ ފާނުގެ އަޞްޙާބު ބޭކަލުންނަށް އެގޮތަށް ފެނިވަޑައިތުމުންނެވެ. ނަމަވެސް އެކަލޭގެ ފާނަށް ފެނިވަޑައިގަތީ މަދީނާގެ ރަށްބޭރަށް ނުކުމެ ވަޑައިނުގެން ހަގުރާމަ ކުރުމަށެވެ. އެހެންކަމުން މިކަމުން ދަލީލްކޮށްދެނީ، މަޝްވަރާ ކުރުންމަތީގައި ދެމިހުރުމުގެ އަސާސުގެ މަތީގައި ކުރިޔަށް ވަޑައިގަތުން މުހިއްމުކަމެވެ. އަދި ހުރިހާ ކަމެއްގައިވެސް މަޝްވަރާކުރުން މުހިއްމު ވެގެންވާ ކަމެވެ. އަދި މިއިން ބައެއް ޢިލްމުވެރީން ދަލީލް ނަގާގޮތުގައި ވެރިއަކަށް ހުންނަ މީހެއްގެ މައްޗަށް މަޝްވަރާގައި ހިފުން ވާޖިބު ވެގެންވާކަމުގެ މައްޗަށް މިއާޔަތުން ދަލީލް ލިބޭކަމަށް ވިދާޅުވެއެވެ.
އަދި ހަމައެފަދައިން ރަސޫލާ ﷺ އަމިއްލަ ރައުޔާއި އިދިކޮޅަށް ގިނަ ޞަޙާބީން ރައުޔު ދެއްވުމުން ޝޫރާގެ ރިވެތި މިސާލުގައި އެކަލޭގެ ފާނުން ހިއްޕެވުމުން، ގިނަބަޔަކު ބުރަވާގޮތް އެއީ ޝޫރާގެ މަބުދައެއްކަން އެނގިގެންދެއެވެ. އެހެނީ ރަސޫލާ ﷺ އަކީ، އެއިރު މުސްލިމުންގެ ޤާއިދެވެ. ޒަޢީމެވެ. އެހެންކަމުން ޤުރުއާނުން، ދައުލަތެއްގެ ހައިސިއްޔަތުންނާއި މުސްލިމު އަފުރާދުންގެ ހައިސިއްޔަތުންވެސް ޝޫރާގެ އުޞޫލުގައި ހިފައި އެއަށް ޢަމަލުކުރުމަކީ ލާޒިމު ކަމެއްކަން ކަށަވަރުކޮށްދެއެވެ. ޚާއްޞަކޮށް ދިމާވާ ބޮޑެތި މައްސަލަތަކާއި، ޙާލަތްތަކުގައެވެ. މިޙާދިޘާއިން ޝަރުޢު ކުރެވިގެން ދިޔައީ، ގިނަބަޔަކަށް ފެންނަ ގޮތް އެއީ މިފަދަ ކަންކަމުގައި، ދެބަސްވުންތައް ފިލުވުމުގެ ވަސީލަތެއްކަމެވެ. ޤަރާރެއް ފާސްކުރުމުގެ ވަސީލަތެއްގެ ގޮތުގައެވެ. ރަނގަޅު ނިންމުމަކަށް ވާޞިލްވުމުގެ ވަސީލަތެއްގެ ގޮތުގައިވެސް މެއެވެ.
އަބޫ ހުރައިރަތުގެ ފާނުން ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ. (قَالَ مَا رَأَيْتُ أَحَدًا أَكْثَرَ مَشُورَةً لِأَصْحَابِهِ مِنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ) މާނައީ: "ރަސޫލާ ﷺ އަށްވުރެ މަޝްވަރާ ކުރެއްވުމުގައި ގިނައިން މަޝްވަރާކުރެއްވި އެހެން ބޭފުޅަކު ތިމަން ކަލޭގެފާނު ދެކެވަޑައި ނުގަންނަވަމެވެ."އަދިވެސް އެކަލޭގެފާނުން ޙަދީޘެއްގެ މާނައިގައިވެއެވެ. "އިސްތިޚާރާކޮށްފި މީހަކަށް ދެރަގޮތެއްމެދުވެރި ނުކުރައްވައެވެ. މަޝްވަރާކޮށްފިމީހަކު ހިތާމަނުކުރާނެއެވެ." އަދިވެސް ރިވާވެފައިވެއެވެ. ދެ ޝޭޚުންނާ މަޝްޥަރާ ކުރެއްވުމަށް، ކީރިތި ރަސޫލާ ﷺ އަބަދުވެސް ވަރަށް ބޮޑު އަހައްމިއްޔަތެއް ދެއްވިއެވެ. ދެ ޝޭޚުންނަކީ، އަބޫބަކުރުގެފާނާއި، ޢުމަރުގެފާނެވެ. އަލްއިމާމު އަޙުމަދު ރިވާކުރައްވާފައިވާ ޙަދީޘެއްގެ މާނައިގައި ވެއެވެ. ''ތިޔަ ދެ ބޭކަލުން އެބަހީ: (އަބޫބަކުރުގެފާނާއި ޢުމަރުގެފާނު) ކަމަކާމެދު އެއްބަސްވެ ވަޑައިގެންފިނަމަ، ތިމަންކަލޭގެފާނު ތިޔަ ބޭކަލުންނާ ޚިލާފުވެވަޑައި ނުގަންނަވާނަމެވެ.'' އެހެންވީމާ، ޝޫރާގެ ހަމަތަކުގެ މަތިން ޢަމަލުކުރުން ކަށަވަރު ކޮށްދެއްވާފައިވާ ކަމާއި އަދި އެއާ ތަބާވުމަކީ ވާޖިބެއްކަން، ކީރިތި ރަސޫލާ ﷺ ގެ ޙަދީޘުތަކުން އެނގިގެން ދެއެވެ.
އައްސާޢާތީ ދެކެވަޑައިގަންނަވާ ގޮތުގައި، މި ބަޔާންކުރެވުނު ދަލީލްތަކުގެ މާނައަކީ އިސްލާމީ ޝަރީޢަތަކީ، ﷲ ގެ ޙުކުމްފުޅެވެ. އަދި ކިއެއްތަ! އެއީ އިންސާފާއި ހަމަހަމަ ކަމުގެ އެންމެ މަތީ ދަރަޖައެވެ. އަދި ޝޫރާގެ އުޞޫލަކީ، އުއްމަތުގެ ރައުޔެވެ. އަބޫ ފާރިސް ދެކިލައްވާ ގޮތުގައި، ބަޔާންވެދިޔަ ފަދައިން އަދި ދަލީލްތަކުން ބަޔާންވާ ފަދައިން، ރަސޫލާ ﷺ މަޝްވަރާ ކުރުމުގައި ހަމައެކަނި އެއް އުސްލޫބެއް ނުގެން ގުޅުއްވައެވެ. އަދި ހަމައެފަދައިން މަޝްވަރާގެ އުޞޫލަށް ޢަމަލުކުރުމުގައި ކަންކުރެއްވުމަށް ކަނޑއެޅިގެން ވަކި ގޮތްތަކެއް ބަޔާން ނުކުރައްވައެވެ. އެހެންކަމުން އަޅުގަނޑުމެންނަށް މިއިން އެނގިގެންދަނީ، ޝޫރާގެ ނިޒާމަކީ، އިސްލާމީ ތަފާތު އަދަބު ތަކުގައި ފެނިފައިވާ އެއްޗެއްކަމެވެ. އެއީ އިސްލާމީ ވެރިކަން ކުރުމުގައި ފުރަތަމަ މަޞްދަރެއްގެ ގޮތުގައި ނެގިކަމުގައި ވީނަމަވެސް ނުވަތަ ދެވަނަ މަޞްދަރެއްކަމުގައި ވީނަމަވެސް މެއެވެ. ގިނަ ޢިލްމުވެރީން ބުރަވާގޮތުގައި ޝޫރާގެ ނިޒާމަކީ، ރަސޫލާގެ ޒަމާނުން ފެށިގެން އައިސްފައިވާ ނިޒާމެކެވެ.
މުޙައްމަދު ޢަމާރާ ދެކެލައްވާ ގޮތުގައި، އިސްލާމް ދީނާއި، އިސްލާމީ ދައުލަތް ވަކިކުރަން އެނގުން ލާޒިމެވެ. އެހެނީ، ދީނުގައި އަހައްމިއްޔަތުކަން ދެވި ސަމާލުކަން ދެވިފައިވަނީ، އަޅާއާއި އެކަލާނގެއާއި އޮންނަ ގުޅުމުގެ މައްޗަށެވެ. މިއަކަށް ދުވަހަކުވެސް ބަދަލެއް އައިސްގެން ނުވާނެއެވެ. ނަމަވެސް ދައުލަތާއި ގުޅުންހުރި މައްސަލަތަކުގައި ބެލޭނީ، މަޞްލަޙަތުގެ މައްޗަށެވެ. އެހެންކަމުން އެކަންކަން ކުރުމުގައި ދެ ސިފައެއް ފެނިގެން ދެއެވެ. އެއީ، ދުނިޔެވީ ކަންކަން ނިންމުންތައް ނިންމުން ބިނާވަނީ ބުއްދީގެ ޙުކުމުގެ މައްޗަށާއި މަޞްލަޙަތުގެ މައްޗަށެވެ. އެހެންކަމުން، ރަސޫލާ ﷺ ދުނިޔެވީ ކަންކަން ނިންމުމުގައި އެކަލޭގެ ފާނަކީ އިސްނާކަށް ވާތީއާއިއެކު މަޝްވަރާ ހޯއްދެވިއެވެ. އަދި އެމަޝްވަރާގެ އަސާސަކަށް ވީ ބުއްދިއެވެ. ނުވަތަ ވިސްނުމެވެ. އެހެންވެ ﷲ އެކަލޭގެ ފާނަށް މަޝްވަރާކުރުމަށް އަމުރު ކުރެއްވީއެވެ. ދެވަނަ ސިފައަކީ ދައުލަތާއި ގުޅުންހުރި ކަންތައްތަކަކީ، ޒަމާނާއި ތަން ބަދަލުވުމުން ބަދަލު އަންނަ ކަންތައްތަކެވެ. އެހެންކަމުން އެކަންތައްތައް ތަރައްޤީ ވުމަށް ބިނާވަނީ އިޖްތިމާޢީ ކަންތައްތަކާއި އެބައެއްގެ ހޭލުންތެރިކަމެވެ.
ބަޔާންކުރެވުނު ދަލީލު ތަކާއި ބުއްދީގެ ހަމަތަކުގެ މައްޗަށް ބަލައި، ގިނަ ފިޤުހު ޢިލްމުވެރީން ވިދާޅުވާ ގޮތުގައި، ޝޫރާގެ ނިޒާމުގައި ހިފުމަކީ ނުވަތަ ވެރިކަން ކުރުމުގައި މަޝްވަރާގެ އުޞޫލަށް ތަބަޢަވުމަކީ، އެތަނެއްގެ ވެރިއެއްގެ މައްޗަށް ވާޖިބުކަމެކެވެ. އަދި ކިއެއްތަ، އަލްޤުރުޠުބީ އާއި، އަލްފަޚުރުއްރާޒީ އަދި އިބްނު ޢަޠިއްޔާ ފަދަ ބޭފުޅުން ވިދާޅުވާ ގޮތުގައި، މަޝްވަރާކުރުން ހިމެނެނީ ޝަރުޢީ ހަމައެއްގެ ގޮތުގައެވެ. ކަންކަމުގެ އަހުލުވެރީންނާއި ދީނީ އިލްމުވެރީންނާއި މަޝްވަރާ ނުކުރައްވާ ވެރިއަކު ނަމަ، އޭނާ ޢަޒުލުކުރުން ވާޖިބު ވެގެންވެއެވެ.
ފަހުގެ ދަންނަބޭކަލުންގެ ތެރެއިން ޙަސަނު ހުވައިދީ އާއި އައްޠާހިރު ބުނު ޢާޝޫރު އަދި އަހްމަދު މުޙައްމަދު ޝާކިރު ދެކެވަޑައިގަންނަވާ ގޮތުގައި، މަޝްވަރާގައި ހިފުމަކީ، ވެރިއެއްގެ މައްޗަށް ލާޒިމްކަމެއް ނޫނެވެ. ނަމަވެސް މިޒަމާނުގެ ފަހުގެ ފިޤުހު ޢިލްމުވެރީންގެ ތެރެއިން މުޙައްމަދު ރާޝިދު ރިޟާއާއި އަލްމައުދޫދީ އާއި މުޙައްމަދު ސަލީމުލްޢައްވާ އަދި ޝަލްތޫތު ފަދަ އިލްމުވެރީން ދެކެވަޑައިގަންނަވާ ގޮތުގައި މަޝްވަރާކުރުމާއި މަޝްވަރާގައި ހިފުން ވެރިމީހާގެ މައްޗަށް ލާޒިމްވެގެން ވެއެވެ.
ދެ މަފުހޫމުގައިވާ ގުޅުން
1982 ވަނަ އަހަރުން ފެށިގެން އިޚުވާނުލް މުސްލިމީންގެ ޕާޓީއެއް ވަނީ މިޞްރުގައި އުފެދިފައެވެ. އެއިރު އެބައިމީހުންގެ ފިކުރު ތަކަށާއި މަސައްކަތަށް ނަޒަރު ހިންގުމުން އެގިގެންދަނީ، އެބައި މީހުންނަކީ، "ސަލަފީ" ދަޢުވާއެއް، "ސުންނަތުގެ" މަގުގައި ހިނގާ "ޞޫފީ" ފިކުރުގެ ސިޔާސީ ބައެއްކަމެވެ. އަދި ކިއެއްތަ! ޢަމަލީ ގޮތުން އަދި ސިޔާސީ ގޮތުން ބަލައިފިނަމަ، މުޖްތަމަޢު އިޞްލާޙު ކުރުމަށް މަސައްކަތް ކުރި ބައެކެވެ. އެބައިމީހުން ގޮވަމުން ދިޔައީ، ވެރިކަން ކުރުމުގެ ނިޒާމު އިޞްލާޙުކޮށް މަސްލަޙަތު ރައްކާތެރި ކުރުމަށެވެ. މި ދުވަސްވަރުން ފެށިގެން ޙަސަނުލް ބައްނާއުގެ މަސައްކަތްތައް ފާހަގަވެގެން ދިޔައެވެ. އޭނާ ދެކިލައްވާ ގޮތުގައި، އިސްލާމީ ދައުލަތެއްގެ ވެރިކަން ކުރުމުގައި ބަލަންވީ ރަނގަޅު ނަމޫނާ ފެނިގެންދަނީ ޚަލީފާއިންގެ ޒަމާނުން ނެވެ. އެހެނީ އުއްމަތް އިދާރީ ގޮތުން ހިންގީ މަޝްވަރާގެ އުޞޫލުންނެވެ. ހަމަ އެފަދައިން އޭނާ ވިދާޅުވެފައިވާ ގޮތުގައި ވެރިކަމުގެ ދުސްތޫރީ ނިޒާމް މުޅިން ބިނާވާން ޖެހޭނީ، ފަރުދުންގެ މިނަވަންކަމުގެ މައްޗަށެވެ. މިއީ އިސްލާމް ދީން ގެނެސްދިން ނިޒާމެވެ. ސައްޔިދު ޤުޠުބު ވިދާޅުވާ ގޮތުގައި، ޙާކިމަކު އިޚްތިޔާރު ކުރަންޖެހޭނީ ރައްޔިތުންގެ ކިބައިންނެވެ. ވެރިކަން ވާރުތަ ވުމަކީ، އިސްލާމީ އުޞޫލުތަކުގެ ތެރެއިން އެންމެ ދުރު ގޮތެވެ.
ސޫދާންގެ މުފައްކިރެއް ކަމުގައިވާ ޙަސަނުއްތުރާބީ "އައްޝޫރާ ވައްދިމުޤުރާޠިއްޔާ" މި ނަން ކިޔުނު ފޮތުގެ ޒަރީޢާއިން މިޒަމާނުގެ ޝޫރާގެ ފިކުރު އާކުރިއެވެ. އެފިކުރު އާކުރުމަކީ، އިސްލާމީ ދައުލަތް ތަކުގައި އިނދަ ޖެހިފައިވާ އިޖްތިމާޢީ، އިޤްތިޞާދީ އަދި ސިޔާސީ މަސްރަހު ބަދަލުކުރެވޭނެ ގޮތްކަމުގައި ވިދާޅުވިއެވެ. އޭނާ ދެކެލައްވާ ގޮތުގައި ޝޫރާގެ ނިޒާމަކީ، ދީނީ އަޞްލު އޭގެ މައްޗަށް ދަލީލް ލިބޭ ހަރުދަނާ ނިޒާމެކެވެ. އަދި ޓިއުނީޝިޔާގެ މުފައްކިރެއް ކަމުގައިވާ ރާޝިދުލްޣަނޫސީ ވެސް މިމޭރުމުން ފޮތްތައް ލިޔުއްވިއެވެ. މަޤުޞަދަކީ، ޝޫރާގެ މަބުދައު ކުރިއަށް ނެރުމެވެ.
ފަހުގެ ދަންނަބޭކަލުންގެ ތެރެއިން ތައުފީޤުލްވާޢީ އަދި ޤަރުޟާވީ ވެސް ޝޫރާގެ އަސާސް ކުރިއަރުވަން މަސައްކަތް ކޮށްފައިވެއެވެ. ޤަރުޟާވީ ވިދާޅުވާ ގޮތުގައި، ކަމުގެ އަހުލުވެރިންނާއި، ޚާއްޞާ ފަރާތްތަކާއި މަޝްވަރާކުރުން ވެރިންނަށް ވާޖިބު ވެގެންވެއެވެ. އެހެނީ، ރަސޫލާ ﷺ އަށް އެކަމުގައި ހިފަން ﷲ އަމުރު ކުރައްވާފައިވާ ހިނދު އަހުރެމެންގެ މައްޗަށް އެކަން މާ އައުލާކަން ބޮޑުވެގެންވެއެވެ. އެހެންކަމުން މަޝްވަރާގެ އުޞޫލަކީ، ޑިމޮކްރަޓިކް އުޞޫލަކަށް ވީހިނދު އިސްލާމިކް ޑިމޮކްރަޓިކް ނިޒާމެއް ޤާއިމްކުރުމަކީ އެއްވެސް ދަތި ކަމަކަށް ނުވާނެެވެ. މި ނިޒާމުގައިވެސް އަދި އެ ނިޒާމުގައިވެސް އަހައްމިއްޔަތުކަން ދެނީ މަޝްވަރާކުރުމަށާއި، ޢަދުލުވެރި ވުމަށާއި، މީހުންގެ މެދުގައި ހަމަހަމަކަން ބޭއްވުމަށެވެ. އިދިކޮޅު ހަދަނީ އަނިޔާވެރި ވުމަށާއި، ބާރާއި ނުފޫޒުން ކަންކަން ކުރުމާއި، ރަސްކަލުވެގެން އުޅުމަށެވެ.
ދެ ނިޒާމުގެ ތަފާތު
ހުޅަނގުގެ ތަޖުރިބާތަކުގެ ތެރެއިން ފޭދިގެން އައި އިސްލާމީ ވަންތަކަމާއި މުޅިން ދުރު ޑިމޮކްރަޓިކް ނިޒާމެއް އިސްލާމީ ޤައުމަކަށް ހެޔޮވަރުކޮށް ނުފެއްތޭނެެެއެވެ. ސަބަބަކީ، އޭގެ ގޮފިތަކާއި، މޫތައް ހުޅަނގުގެ ވިސްނުންތަކުގެ ތެރެއިން ވާތީއެވެ. ވެރިކަން ހިންގުމުގެ އިސްލާމީ ނިޒާމުގެ އުޞޫލުތައް ފެށިގެން އަންނަ މަޞްދަރަކީ، ﷲ އެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (وَأَنزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ الْكِتَابِ وَمُهَيْمِنًا عَلَيْهِ ۖ فَاحْكُم بَيْنَهُم بِمَا أَنزَلَ اللَّـهُ ۖ وَلَا تَتَّبِعْ أَهْوَاءَهُمْ عَمَّا جَاءَكَ مِنَ الْحَقِّ ۚ لِكُلٍّ جَعَلْنَا مِنكُمْ شِرْعَةً وَمِنْهَاجًا ۚ وَلَوْ شَاءَ اللَّـهُ لَجَعَلَكُمْ أُمَّةً وَاحِدَةً وَلَـٰكِن لِّيَبْلُوَكُمْ فِي مَا آتَاكُمْ ۖ فَاسْتَبِقُوا الْخَيْرَاتِ ۚ إِلَى اللَّـهِ مَرْجِعُكُمْ جَمِيعًا فَيُنَبِّئُكُم بِمَا كُنتُمْ فِيهِ تَخْتَلِفُونَ) (އަލްމާއިދާ: 48). މާނައީ: "އަދި ތިމަންރަސްކަލާނގެ حق ގޮތުގައި ކަލޭގެފާނަށް ފޮތް ބާވައިލެއްވީމެވެ. އޭގެކުރިން ބާވައިލެއްވި ފޮތްތަކުގައިވާ ތަކެތި ތެދުކުރަނިވި ގޮތުގައެވެ. އަދި އެފޮތްތަކުގެ މައްޗަށް ހެކިވަނިވި ފޮތެއް ކަމުގައެވެ. ފަހެ، اللَّه ބާވައިލައްވާފައިވާ حكم ން، އެއުރެންގެ މެދުގައި، ކަލޭގެފާނު حكم ކުރައްވާށެވެ! އަދި ކަލޭގެފާނުގެ އަރިހަށް އައިސްފައިވާ حق ގޮތާ خلاف އަށް އެއުރެންގެ އެދުންތަކަށް ކަލޭގެފާނު تبع ވެވަޑައިނުގަންނަވާށެވެ! ތިޔަބައިމީހުންގެ ތެރެއިން ކޮންމެ ބަޔަކަށްމެ، شريعة އަކާއި، ފާޅުވެގެންވާ މަގެއް، ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި اللَّه އިރާދަކުރެއްވިނަމަ، ތިޔަބައިމީހުން އެއް أمّة އެއް ކަމުގައި ލައްވައިފީސްކަން ކަށަވަރެވެ. އެހެނެއްކަމަކު ތިޔަބައިމީހުން أمّة ތަކަކަށް ބައިބައިކުރެއްވީ ތިޔަބައިމީހުންނަށް ދެއްވި شريعة ތަކާމެދު ތިޔަބައިމީހުން امتحان ކުރެއްވުމަށެވެ. ފަހެ، ހެޔޮކަންތަކަށް ތިޔަބައިމީހުން ވާދަކުރާށެވެ! ތިޔަބައިމީހުން އެންމެން رجوع ވުންއޮތީ، اللّه ގެ حضرة އަށެވެ. އޭރުން ތިޔަބައިމީހުން އެކަންކަމާމެދު خلاف ވެ އުޅުނުކަންތަކުގެ خبر ތިޔަބައިމީހުންނަށް އެކަލާނގެ އަންގަވާނެތެވެ.''
މަޝްވަރާ އަކީ ވެރިކަން ހިންގުމުގެ އަޞްލުތަކުގެ ތެރެއިން އަޞްލެކެވެ. ޑިމޮކްރަސީގެ ހުރިހާ ކަމެއް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި އެއީ ވަޟްޢީ ފަލްސަފާ އެކެވެ. ހުޅަނގުގެ ޑިމޮކްރަސީގައި ދީން ވަނީ ވަރަށް ބޮޑަށް އެކަހެރި ކޮށްފައެވެ. ދީނާ މެދު މުހިއްމުކަން ދިނުމެއް ނުވެއެވެ. ސަބަބަކަށް ވަނީ އެއީ ދައުލަތް ހިންގުމުގެ ނިޒާމުން ދީން ވަކި ކޮށްލާ ނިޒާމަކަށް ވުމެވެ. އެ ނިޒާމު އުފެދުނީވެސް އެ ސަބަބަށް ޓަކައެވެ. އޭގެ އަޞްލަކީވެސް ދައުލަތުން ދީން ވަކިކޮށްލުމެވެ. މިހެން މިކަންވާންޖެހުނީ ފައްޅިތަކުގެ އަނިޔާވެރިކަމުންނާއި، ނަޞާރާއިންގެ ޝަރީއަތުގައި ދައުލަތެއް ހިނގުމުގެ ނިޒާމެއް ނެތުމުންނެވެ. އިސްލާމީ ނިޒާމުގައި ދީނަކީ އަޞްލެވެ. އޭގެ ދަށުން ހުރިހާ ބާރުތަކެއް ކަނޑައެޅިގެން އާދެއެވެ. އިސްލާމީ ޝަރީޢަތުގައި ދައުލަތް ހިންގުމުގެ ނިޒާމެއް އެބައޮތެވެ. އެނިޒާމުގެ އެންމެ ފުރަތަމަ ރުކުނަކީ އިސްލާމް ދީނެވެ. އިސްލާމީ ޝަރީޢަތުގައި ވާފަދަ، އަޚްލާޤީ، އިޖުތިމާޢީ، އިޤުތިޞާދީ، ސިޔާސީ އުޞޫލުތަކެއް ހުޅަނގުގެ ޑިމޮކްރަސީއަކަށް ލިބިގެން ނުވެއެވެ.
"ރައްޔިތުން" ނުވަތަ "އުއްމަތް" މިއީ ހުޅަނގުގެ ޑިމޮކްރަސީ ގައި ނަމަ، ވަކި ސަރަޙައްދެއްގައި ދިރިއުޅޭ ހުރިހާ ޢަޤީދާތަކެއް ޝާމިލުވާ މާނަ ދޭހަވާ ބަހެކެވެ. ނަމަވެސް އިސްލާމީ ޝަރީޢަތުގައި، "އުއްމަތް] ނުވަތަ [ރައްޔިތުން] މާނަކުރެވެނީ ދީނަށް ނިސްބަތްވި ކޮންމެ މީހަކަށެވެ. އެއީ ކޮންމެ ތަނެއްގައި އެމީހަކު ވީ ނަމަވެސް އެމީހަކީ އުއްމަތުގެ މީހެކެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (إِنَّ هَـٰذِهِ أُمَّتُكُمْ أُمَّةً وَاحِدَةً وَأَنَا رَبُّكُمْ فَاعْبُدُونِ) (ސޫރަތުލްއަންބިޔާއު:92) މާނައީ:" ހަމަކަށަވަރުން، މިއީ، އެއް أمّة އެއް ކަމުގައިވާ ތިޔަބައިމީހުންގެ أمّة އެވެ. އަދި ތިމަންރަސްކަލާނގެއީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް އަޅުކަންކުރާށެވެ!"
ހުޅަނގުގެ ޑިމޮކްރަސީ އަކީ މުޅިންމެ މާއްދިއްޔަތުގެ މައްޗަށް ބިނާވެގެންވާ ނިޒާމެކެވެ. ދުނިޔަވީގޮތުން ރައްޔިތުންނަށް ބާއްޖަވެރި، ހަމަޖެހޭ ދިރިއުޅުމެއް ހޯދުމަށް މި ނިޒާމު މަސައްކަތް ކުރެއެވެ. އެއީ އިޤްތިޞާދީ ގޮތުން ކަމުގައި ވިޔަސް، ސިޔާސީގޮތުން ކަމުގައި ވިޔަސް އަދި ހަމަ އެހެންމެ އިޖުތިމާޢީ ގޮތުން ކަމުގައި ވިޔަސް މެއެވެ. ދީނަކީ މީގައި މުހިއްމު ކަންދޭ އަސާސެއް ނޫނެވެ. ނަމަވެސް އިސްލާމީ ނިޒާމު ބާރު އަޅަނީ އެންމެހައި އިންސާނުންނަށް ދުނިޔެއާއި، އާޚިރަތުގެ ބާއްޖަވެރިކަން ޙާޞިލުކޮށް ދިނުމަށެވެ. މިހެންކަމުން ކަނޑައެޅިގެން ވަޙީ ބަސްފުޅު އައިސްފައި ނުވާ ކަންކަމުގައި އުއްމަތުގެ މަޝްވަރާ ހޯދައި ކަންތައްތައް ނިއްމުމަށް ބާރު އަޅުއްވާފައިވެއެވެ. އިސްލާމީ ވެރިކަމުން ހެޔޮ ކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރެއެވެ. މިއީވެސް އިސްލާމް ދީނުގެ ޝިޢާރެކެވެ.
އިސްލާމީ ޝަރުޢުގައިވާ ޢާއްމު ޙައްޤުތަކާއި މިނިވަންކަން ޑިމޮކްރަސީއާ ދެ ގޮތަކުން ތަފާތެވެ. މިދެންނެވި ޙައްޤުތަކަކީ ޝަރީޢަތުގެ މަޤްޞަދުތައް ޙާޞިލު ކުރުމަށްޓަކައި، އަދި ފަރުދުންނާއި ޖަމާޢަތުގެ މަޞްލަޙަތަށްޓަކައި ކަނޑައެޅިފައިވާ ޙައްޤުތަކެކެވެ. ޑިމޮކްރަސީގައި މިޙައްޤުތަކާއި މިނިވަންކަން ފަރުދުންގެ ކޮޅަށް ބުރަވެފައިވާކަމަށް ބެލެވެއެވެ. މިހެންކަމުން އެ ނިޒާމު ވަނީ ޢަދުލުވެރިކަމުގެ ތަރަހައިން ބޭރުވެފައެވެ. އިސްލާމީ ނިޒާމުގައި މިޙައްޤުތަކާއި، މިނިވަންކަން ވަނީ ޝަރީޢަތުގެ ހަމަތަކުގެ ތެރޭގައި ޤައިދު ކުރެވިގެންނެއެވެ. ޑިމޮކްރަސީގައި މިއީ މުޅިން ހުޅުވާލެވިފައިވާ ޙައްޤުތަކެކެވެ. މިނިވަންކަމެކެވެ. ދީނީ ނުވަތަ ޢަޤީދާގެ ގޮތުންނާއި، މިލްކުވެރި ކުރުމުގަޔާއި، ޚިޔާލު ފާޅުކުރުންފަދަ ކަންކަމުގައި ވަކި ޙައްދެއް ނެތި ވަނީ މިނިވަންކަން ދެވިފައެވެ. މިހެންކަމުން މި ނިޒާމުގައި ﷲ ރުހިވޮޑިގެން ނުވާކަމެއްވެސް ކުރެވިދާނެއެވެ.
ޑިމޮކްރަސީގައި ވެރިކަން ހިންގުމުގެ ބާރަކީ، މިނިވަން މުސްތަޤިއްލު އަމިއްލަ ވަންތަ ބާރު ތަކެކެވެ. އެބައިމީހުންގެ ޤަރާރު ތަކަކީ ތަންފީޒު ކުރެވޭނެ ޤަރާރު ތަކެކެވެ. އެއީ އިންސާނީ އަޚްލާޤާ ގުޅުމެއްނުވާ ޤަރާރުތަކެއް ކަމުގައިވިޔަސް އެއަށް އަޣުލަބިއްޔަތު ލިބިއްޖެނަމަ ފާސްވެގެން އެއަށް ޢަމަލު ކުރެވޭނެއެވެ. މިސާލަކަށް، އެއްޖިންސުން ކައިވެނި ކުރުން ހުއްދަ ކުރާ ޤާނޫނަކަށް އަޣުލަބިއްޔަތު ލިބުމުން އެކަން ހުއްދަވާނެއެވެ. މިކަން މިގޮތަށް ހުއްދަކޮށްފައިވާ ޤައުމުތައް ހުޅަނގުގައި ވެއެވެ. މިފަދަ ކަންކަމަކީ އިންސާނީ ފިޠުރަތު މުގުރާލާ ކަންކަމެވެ. މިއާއި ޚިލާފަށް އިސްލާމީ ނިޒާމަކީ، ނުވަތަ މަޝްވަރާގެ ނިޒާމަކީ ﷲ ގެ ޝަރީޢަތުގެ ދަށުގައިވާ ނިޒާމެކެވެ. ދައުލަތް ހިންގުމުގެ ހުރިހާ ބާރެއް ފެށިގެން އަންނަނީ ﷲ ގެ ޝަރީޢަތުންނެވެ. އޭގެ އުޞޫލުތަކުންނެވެ. އޭގެ އަޚްލާޤީ ހަމަތަކުންނެވެ. ކިތައްމެ ގިނަ މީހުންގެ ރުހުން ލިބުނަސް ޝަރުޢީ ދާއިރާއިން ބޭރުގައި ކަމެއް ނުކުރެވޭނެއެވެ. އެއްވެސް ނައްޞަކާ ޚިލާފަށް މަޝްވަރާއެއް ނުކުރެވޭނެއެވެ. މީގެ ދަށުން އުޞޫލުތަކާ ތަޢާރުޟް ނުވާގޮތަށް ޤާނޫނާއި، ޤަވާޢިދުތައް އެކުލަވާލުމުގެ ބާރު ލިބިގެންވެއެވެ.
ނިންމުން
ދިވެހިރާއްޖޭއަކީ މީގެ އަހަރުތަކެއްގެ ކުރިން ވަރަށް އަމާން ތަނެކެވެ. ނަމަވެސް މިއަދު މިދަނީ ކުޑަކުދިންނާއި ބޮޑެތިމީހުން، އަންހެނުންނާއި، ފިރިހެނުން އަދި ދޭދޭ ފަރުދުންނާއި، ޢާއިލާތަކުގެ މެދުގައި ޚިޔާލު ތަފާތުވުމާއި އަރާރުންވުމުގެ ޘަޤާފަތެއް ފެތުރެމުންނެވެ. ޚާއްޞަކޮށް ސިޔާސީ ހަމަނުޖެހުންތައް ބޮޑުވެ އިޖްތިމާޢީ ގޮތުން ވަރަށް ދަށު ދަރަޖައިގެ ޢަމަލުތައް ދަނީ ކުރަމުންނެވެ.
ޝޫރާ އާއި ޑިމޮކްރަސީގެ ދެ މަފުހޫމަކީ ދެ މަފްހޫމެވެ. ދެ މަފްހޫމުގެ ފަހަތުގައި ވަނީ ތަފާތު ދެ ފަލްސަފާ އެކެވެ. ދުވަހަކުވެސް އެ ދެ އެއްޗެއް އެކެއް ނުކުރެވޭނެއެެވެ. ނަމަވެސް މިދެންނެވި ދެ މަފްހޫމުގައިވެސް އެއްގޮތްވާ ކަހަލަ ކަންކަން އެބަހުއްޓެވެ. އެހެންކަމުން، ހުރި ރަނގަޅު ކަންކަން އިޚްތިޔާރު ކޮށްގެން އިސްލާމީ ވަންތަ ހަރުދަނާ ނިޒާމެއް ޤާއިމް ކުރުމަކީ މުހިއްމު ކަމެކެވެ. ޚާއްޞަ ގޮތެއްގައި ބަވަނަ ވެފައިވާ ދުވަސްވަރެއްގައި، ދުނިޔެ ތަރައްޤީވެ، އެއްޤައުމާއި އަނެއްޤަައުމުގެ ގުޅުންތައް ހަރުދަނާކުރުމުގެ މަޤްޞަދަށްޓަކައެވެ. ވެރިން އިންތިޚާބު ކުރުމާއި، މުއައްސަސާތަކުގެ މަޤާމުތަކަށް ނަޒާހަތްތެރި މީހުން ކަނޑައެޅުމުގައެވެ. އިދާރީ ގޮތުން ކަންކަން ތަރުތީބުކޮށް ހިންގައި ޚިދުމަތް ދިނުމުގައެވެ. ހަމަހަމަކަން ޤާއިމްކޮށް އެންމެންގެ ހިއްސާ ޤައުމު ބިނާކުރުމުގައި އޮތުމަށްޓަކައެވެ. މި ދެ ނިޒާމް ނުގުޅޭ ހިސާބަކީ، "ޢިލްމާނީ" މަބުދައު ކަމަށްވާ ދުނިޔެއާއި، ދީން ވަކިކުރުމުގެ ހިސާބުންނެވެ. ނަމަވެސް ޝޫރާގެ ނިޒާމަކީ، އިލާހީ ފަލްސަފާގެ ތެރެއިން އައިސްފައިވާ ޤުރުއާނާއި ސުންނަތުގެ އަލީގައި ޤާއިމްކުރެވޭ ނިޒާމެކެވެ. އެ ނިޒާމުގައި ސިޔާސީ ނިއްމުންތަކާއި ޢާއްމުކޮށް ދުނިޔެވީ ކަންކަން ނިއްމަނީ މިދެންނެވި ތަރަހައިގެ ތެރެއިން އަދި ޢިލްމުވެރީންގެ ރައުޔާއި އެއްގޮތަށެވެ.
އެހެންކަމުން، އިސްލާމީ ދައުލަތެއްގައި ދައުލަތް ހިންގުމުގައި ތަބަޢަވާންޖެހޭ ކަންތައްތަކެއްގެ ގޮތުގައި އަންނަނިވި ކަންކަން ފާހަގަ ކުރެވެއެވެ. ޑިމޮކްރަސީއާއި ޝޫރާގެ މަފްހޫމަށް ރަގަޅަށް ބަލައި ނަޒަރުހިންގައި މަޝްވަރާގެ ނިޒާމެއް ޤާއިމްކުރުމާއި، ޢާއްމުކޮށް އިސްލާމީ ތާރީޚަށް ރުޖޫޢަވެ، ޚާއްޞަކޮށް ޚުލަފާއުއްރާޝިދޫންގެ ޒަމާނަށް ނަޒަރުހިންގައި މިޒަމާނަށް އެކަށޭނެ ހަރުދަނާ ނިޒާމެއް ވެރިކަން ހިންގުމުގައި އަދި ވެރިން އިންތިޚާބުކޮށް ހޮވުމުގައި ޤާއިމްކުރުމާއި، 19 ވަނަ ޤަރުނުގެ ފަހުކޮޅުގައި ހިގައިދިޔަ ކަންތައްތަކުން ޢިބްރަތް ލިބިގަތުމާއި، ތަފާތު ފިކުރުތަކާއި ފަލްސަފާތަކުގައިވާ ތަފާތު ނައްތާލުމަށް މަސައްކަތްކުރުމާއި، 21 ވަނަ ޤަރުނުގައި ދުނިޔެ ބަވަނަވެ، ދައުލަތްތަކުގެ ގުޅުން ބޮޑުވެފައިވާ ޒަމާނެއްގައި ޑިމޮކްރަޓިކް ވިސްނުން ކުފުރު ކުރާ ވިސްނުން ނުގެންގުޅުމާއި، ރިއާސީ ނުވަތަ ބަރުލަމާނީ ނިޒާމެއް ކަމުގައި ވީނަމަވެސް ހަރުދަނާ ގޮތެއްގައި އިންތިޚާބުތައް ބާއްވާ، އެންމެންގެ ބައިވެރިވުން އޮތުމަށް ހިއްވަރުދީ ޤައުމު އެންމެންގެ ހިއްސާގެ ތެރެއިން ކުރިއަރުވާ ތަރައްޤީ ކުރުމަށް މަސައްކަތް ކުރުމެވެ.
ހުޅަނގުގެ ޑިމޮކްރަސީ އަކީ އަޅުގަނޑުމެންގެ މި ދިވެހިރާއްޖެ އަށް އެންމެ ރަނގަޅަށް ފެތޭނެ އެއްޗެއް ނޫނެވެ. އަޅުގަނޑުމެންގެ ޤައުމުގެ ނިޒާމު ބައްޓަން ކުރަންވާނީ އިސްލާމް ދީނާއި، ދިވެހި ޘަޤާފަތާއި، މާތް އަޚުލާޤަށް ފެތޭނޭ ގޮތެއްގެ މަތީން އިސްލާމީ ނިޒާމެކެވެ. ހުޅަނގުގެ ޑިމޮކްރަސީގައި ހުރި ރަނގަޅު ކަންކަން ފަރުވާތެރިކަމާއެކު ބަލައި، ބޭނުން ކޮށްގެން ވިޔަސް މެއެވެ.