18 Jan 2022, 22:53
ޖަކާޓާ (18 ޖަނަވަރީ 2022): އިންޑޮނޭޝިޔާގެ ވެރިރަށް ޖަކާޓާގެ ބަދަލުގައި ކަލިމަންޓާން އަށް ބަދަލުކުރަން އެގައުމުގެ ސަރުކާރުން ނިންމި ނިންމުމަށް ޕާލަމެންޓުން ރުހުން ދީފިއެވެ.
އިންޑޮނޭޝިޔާގެ ވެރިރަށް ކަލިމަންޓާން އަށް ބަދަލުކުރުމަށް 35 ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދުވާނެކަމަށް ސަރުކާރުން ލަފާކޮށްފައިވާއިރު މިފައިސާ ސަރުކާރަށް ދޫކުރުމަށްވެސް ޕާލަމެންޓުންވަނީ ނިންމާފައެވެ.
އިންޑޮނޭޝިޔާގެ ވެރިރަށް ކަލިމަންޓާން އަށް ބަދަލުކުރުމާބެހޭ މަޝްވަރާތަކާއި ޕްލޭންތައް އެގައުމުގެ ސަރުކާރުތަކުން ކުރިޔަށްގެންދާތާ އެތަށް އަހަރެއް ވެއްޖެއެވެ. ނަމަވެސް މިކަން ފައިނަލްކޮށް ޕާލަމެންޓަށް ހުށަހެޅީ މިހާރުގެ ރައީސް ޖޯކޯ ވިޑޯޑޯ ގެ ސަރުކާރުންނެވެ.
ކަލިމަންޓާން އަކީ އިންޑޮނީޝިއާގެ އެންމެ ބޮޑު ޖަޒީރާ ކަމަށްވާ ބޯނިއޯ ޖަޒީރާގެ ސަރަހައްދެކެވެ. މެލޭޝިއާގެ ސަބާހް ސަރަހައްދާއި ސަރަވަކް ސަރަހައްދުގެ އިތުރުން ބުރުނާއިވެސް އޮންނަނީ ބޯނިއީ ޖަޒީރާގެ އުތުރުގައެވެ.

ކަލިމަންޓާން ސަރަހައްދު
އިންޑޮނީޝިއާގެ ޖަޒީރާތަކުގެ ބިމަށް ބަލާއިރު ބިމުގެ ސަރަހައްދުގެ 73 އިންސައްތަ ހިއްސާކުރަނީ ހަމައެކަނި ބޯނިއޯ ޖަޒީރާއެވެ. ބޯނިއޯ ޖަޒީރާގެ ބޮޑުބައަކީ ކަލިމަންޓާން ސަރަހައްދެވެ. އެސަރަހައްދުގެ ބައިތަކުގެ ތެރޭގައި ހުޅަނގު ކަލިމަންޓާން، އިރުމަތީ ކަލިމަންޓާން، ދެކުނު ކަލިމަންޓާން އަދި އުތުރު ކަލިމަންޓާން ހިމެނެއެވެ.
އެހެންކަމުން މިއީ އިންޑޮނީޝިއާގެ މިހާރުގެ ވެރިރަށް ޖަކާޓާއަށްވުރެ އެތަށް ގުނައެއް ބޮޑު ސިޓީއަކަށް ވެގެންދާނެއެވެ. ޖަކާޓާގެ އާބާދީއަށް ވުރެ ތިން ގުނަ ބޮޑު އާބާދީއެއް ކަލިމަންޓާންގައި ވަޒަންވެރި ވިޔަސް އެސިޓީ ތޮއް ނުޖެހޭނެއެވެ. ވެރިރަށުގެ ގޮތުގައި ކަލިމަންޓާން ހަމަޖެއްސުމަށް ފަންނީ ގޮތުން ނިންމި ސަބަބުތަކުގެ ތެރޭގައި އެސިޓީއަށް ކިތަންމެ ބަޔަކު ހިޖްރަކުރިޔަށް ތޮއްނުޖެހޭވަރަށް އެސިޓީ ހަތަރު ފަރާތުން ބޮޑުކުރެވެން އޮތުން ހިމެނެއެވެ.

ކަމިމަންޓާން އޮންނަ ބޯނިއޯ ޖަޒީރާ
އިންޑޮނީޝިއާގެ މިހާރުގެ ވެރިރަށް ޖަކާޓާއަކީ އެގައުމުގެ ޖާވާ ޖަޒީރާގެ ރަށެކެވެ. ޖަކާޓާވަނީ ބިމުގެ ސަރަހައްދާ އަޅާބަލާއިރު އާބާދީ ބޮޑުކަމުން ތޮއްޖެހި ފުރިބާރުވެ ތޮއްޖެހިފައެވެ. ދުނިޔޭގެ އެންމެ އާބާދީ ބޮޑު ސިޓީކަމަށްވާ ޖަކާޓާގައި 35 މިލިޔަން މީހުން ދިރިއުޅޭއިރު ޖަކާޓާގެ ވަށައިގެންވާ ސަރައްދުތަކުގެ މީހުން ދުވާލު ގަޑީގައި އެކި ބޭނުންތަކުގައި އެސިޓީއަށް އައުމުން އެސިޓީގެ އާބާދީ ދުވާލު ގަޑީގައި 37 މިލިޔަނަށް އަރާކަމަށްވެއެވެ.
ކަލިމަންޓާން އަކީ އިންޑޮނީޝިއާގައި ބިމުގެ ގޮތުން އެންމެ ބޮޑު ސަރަހައްދެވެ. އެސަރަހައްދުގެ އާބާދީ އަކީ މިހާރު ގާތްގަނޑަލަށް 16 މިލިޔަނެވެ. އާބާދީއަށް ބަލާއިރު އެސަރަހައްދަކީ ވަރަށް ބިންބޮޑު އަދި ބޮޑުކޮށް ފުޅާކުރެވެން އޮތް ސަރަހައްދެކެވެ. މީގެއިތުރުން ކަލިމަންޓާން އޮންނަނީ އިންޑޮނީޝިއަށް ބަލާއިރު ގާތްގަނޑަކަށް މެދުގައި ކަމަށްވާތީ އެސަރަހައްދަށް ދިޔުމަށް އެގައުމުގެ ކަންކޮޅުތަކުގެ މީހުންނަށް ޖަކާޓާއަށްވުރެ ޚަރަދުގެ ގޮތުންނާއި ވަގުތުގެ ގޮތުން މާބޮޑަށް ފަސޭހަވާނެއެވެ.
އިންޑޮނޭޝިޔާގެ ސަރުކާރު ބުނާގޮތުން އެގައުމުގެ އައު ވެރިރަށް ކަލިމަންޓާން ވެގެންދާނީ އެ ގައުމުގެ ޒަމާނީ ތަރައްގީއާއި އާބަން ޑިވެލޮޕްމެންޓްގެ ރަމްޒެއްގެ އިތުރުން ސަރަހައްދީ އިގްތިސާދީ ހަރަކާތްތަކުގެ މައި މަރުކަޒަށެވެ.
ކަލިމަންޓާން އަކީ ހުރިހާ ޚިދުމަތްތަކެއް ޒަމާނާ އެއްގޮތަށް ދެވޭވަރުގެ ބޮޑު އާބާދީއެއް އޮންނަ ސިޓީއަކަށް ހެދުމަށްޓަކައި އެސިޓީއަށް މީހުން ހިޖްރަކުރުމަށް ބޭނުންވާ އިގްތިސާދީ ވަސީލަތްތަކާ އަދި ރިއަލް އެސްޓޭޓްއާއި ޚިދުމަތްތަކާއި އިދާރީ އަދި ތައުލީމާއި ސިއްހަތާ ވަޒީފާއާބެހޭ ހުރިހާ ފެސިލިޓީތަކެއް ލަސްތަކެއްނުވެ އެސިޓީގައި ގާއިމް ކުރާނެކަމަށް އިންޑޮނީއާގެ ސަރުކާރުން ބުނެއެވެ.
މިގޮތުން ކަލިމަންޓާން ބިނާކުރާނީ ތިމާވެއްޓާ ރައްޓެހި އަދި ސައެންސާއި ޓެކްނިލޮޖީގެ އައު އީޖާދުތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފޭނެ ސްމާޓް ސިޓީއެއްގެ ގޮތުގައެވެ. އިގްތިޞާދީ ހަރަކާތްތަކުގެ އިތުރުން ސިއްހީ ފަރުވާއާއި ބޭސް އުފެއްދުމުގެ ދާއިރާއިންވެސް ތަރައްގީވެފައިވާ ރަށެއްގެ ގޮތުގައި އެސިޓީ ހަދާނެކަމަށް އިންޑޮނީޝިއާގެ ސަރުކާރުން ބުނެފައިވެއެވެ.
އާބާދީ ބޮޑުވެ މީހުން ތޮށްޖެހި ސިއްހީ ދިރިއުޅުން އުޅެން ދަތިވެފައިވާ ވެރިރަށްތައް ދުނިޔޭގެ ގައުމުތަކުގައި ވަރަށް ގިނައެވެ. އެފަދަ ސިޓީތަކުގެ ތެރޭގައި ފިލިޕީންސްގެ ވެރިރަށް މެނީލާ، މިސްރުގެ ވެރިރަށް ގާހިރާ، އިންޑިއާގެ ވެރިރަށް ނިއުދިއްލީ، ޖަޕާނުގެ ވެރިރަށް ޓޯކިޔޯ، މެކްސިކޯގެ ވެރިރަށް މެކްސިކޯ ސިޓީ، ބަންގްލަދޭޝްގެ ވެރިރަށް ދާކާ، އަދި ތައިލެންޑްގެ ވެރިރަށް ބެންކޮކް އަދި މިޔަންމާގެ ވެރިރަށް ރަންގޫން އަދި ބްރަޒިލްގެ ވެރިރަށް ރިއިޑިޖިނޭރޯ ހިމެނެއެވެ.
މީގެތެރެއިން މިޔަންމާއާއި މިސްރާއި ބްރަޒިލް އިން ވަނީ އެގައުމުތަކުގެ ވެރިރަށްތަށް އެހެން ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތްތައް ފަށާފައެވެ.