ޗެލްސީގެ ނާކާމިޔާބީ ސީޒަނަށް ނިމުމެއް ގެނައުމަށްޓަކައި މަސައްކަތް ކުރުމަށް އެޓީމުގެ ކުޅުތެރިންނަށް އެކުލަބުގެ ސްޕެއިން މިޑްފީލްޑަރު ހުއާން މަޓާ ބުނެފި އެވެ.

ދާދި ފަހުން ޗެލްސީގެ ކޯޗުކަމުން ދުރުކުރި އަންދުރޭ ވިޔަސް ބޮއަސް ޓީމާއި ގުޅުނު ފަހުން އެކުލަބަށް ގެނައި ފުރަތަމަ ކުޅުންތެރިޔާ އަކީ މަޓާ އެވެ. ވިޔަސް ބޮއަސް އާއި ޗެލްސީގެ ކުޅުންތެރިންގެ މެދުގައި މައްސަލަތަކެއް ވާކަމަށް ގިނަ މީޑިއާ ރިޕޯޓްތަކަކުން ބުނަމުން ދެއެވެ.

"އާ ފެށުމަކުން އަހަރެމެން ފަށަން ޖެހޭނެ. އަހަރެމެންނަށް ލިބެމުންދާ ނާކާމިޔާބީ ތަކަށް އަހަރެމެންނަށް ނިމުމެއް ގެނެވިދާނެ. އެކަމަށްޓަކައި ޓީމުގެ ހުރިހާ ކުޅުންތެރިން މަސައްކަތް ކުރަންޖެހޭނެ. އަހަރެމެންގެ ސްކޮޑަކީ ވަރުގަދަ ސްކޮޑެއް. ސީޒަން މި ނިމުނީކީ ނޫން. ބާކީ އޮތް ދެމަސް ދުވަސްތެރޭ އަހަރެމެންނަށް ދެއްކެން އޮތް އެންމެ ރަނގަޅު ކުޅުން ދައްކަން ޖެހޭނެ." މަޓާ ބުންޏެވެ.

ސްޕެއިން ގައުމީ ޓީމަށް ކުޅެމުންދާ މަޓާ ވަނީ ޗެލްސީ އަށް މުހިންމު ލަނޑުތަކެއް ކާމިޔާބު ކޮށްދީފަ އެވެ. މިސީޒަނުގައި ޗެލްސީ އާއި ގުޅުނު ކުޅުންތެރިންގެ ތެރެއިން އެންމެ ރަނގަޅު ކުޅުމެއް ދައްކަމުން ދަނީ ވެސް މަޓާ އެވެ.