"ތިބާއަށް ކުރެވޭ ފާފަތައް އިހުސާސްކުރެވުމަކީ ﷲ ލެއްވި ރަހުމަތެކެވެ. އަދި އީމާންކަމުގެ ނިޝާނެކެވެ. އެތައް ބަޔަކު ދިރިތިބެ އަދި މަރުވެގެން ދިޔައީ އެމީހުންނަށް އެއްވެސް ފާފައެއް ކުރެވުނުކަމާއިމެދު ޣާފިލުވެގެން ތިބެއެވެ."

***

"މިއޮތް ގަދަ ފިނީގައި ބޭކާރު ވާހަކަދައްކަން ހުރެ ފިނިވެގެން މަރުވާނީތަ؟" އިސްހާގު މިކާލްގެ ކަންފަތުގައި ހިފާ ދަމައިލިއެވެ." ކާރު އަވަހަށް ސްޓާޓްކުރޭ. ކައިލް ވިންޓަރފެލްއަށް ދާން ބޭނުމިއްޔާ ދާނެ. އެކަކަށްވެސް އޭނަ ނުހުއްޓުވޭނެ.."

***

ނޯރާ ޑޮކްޓަރ ކޯޓުގައި ހުރެ ދުވެފައި ކަހަލަ ގޮތަކަށް އިމާރާތުގެ ތެރެއިން ކައިލްއާއި އިސްހާގު މިކާލްއާއެކު ކާރުގައި ނައްޓައިލީއެވެ. އޭނައަށް ދުރުދުރުން ފެނުނީ ކާރު ނިވާވިތަނެވެ. ނޯރާ ބަލަން ހުރީ ކަންބޮޑުވެފައެވެ. މޭގެ ކަށިތައް ބިނދި ޒަޚަމްތައް މުޅިން ފަސޭހަވީއެއް ނޫނެވެ. އަދިވެސް ހަމައެކަނި ނޭވާލާއިރުވެސް ވޭން އިހުސާސްވާނެއެވެ. ކައިލް އެދިޔައީ ކޮންތަނަކަށް ހެއްޔެވެ؟ ލަވެންޑަރއަށް ނޫނީ ނުނިމި ހުރި ކަންތައް ނިންމަން ވިންޓަރފެލްއަށް ހެއްޔެވެ؟ ނޯރާ އުއްމީދުކުރަނީ ފަހުން ވިސްނިގޮތަށް ނުވާނެކަމުގައެވެ.

***

ޒައިނަބުއާއި ހައިތަމް މުޅި ހަފްތާ ހޭދަކުރީ ހިމޭންކަމާއެކު އެހެން މީހުންނަށް އެމީހުންގެ ޚަބަރެއްނުވެ ނުފެނިއެވެ. އައިޒަކްގެ ބައްޕަ ޔަޒީދު ޔާސްމީން ގޮވައިގެން ގެ ދޫކޮށް ދިޔައިރު އައިޒަކްއައި ސާރާ މަޑުކޮށްލީ ލަވެންޑަރގައެވެ. ވިންޓަރފެލްގެ ހާލަތު ސާރާގެ މައިންބަފައިންނަށް އެނގިގެން އެމީހުން އޭނައަށް މަޖުބޫރުކޮށްގެން ގެއަށް ގެންގޮސްދާނެތީއެވެ. ހުރިހާކަމެއްވަނީ ހަމައިން ނައްޓާފައެވެ. އާއިލާގެ އެންމެން ވަކިވެ ގުޅުންތައް އިންތިހާއަށް ގޯސްވިއެވެ. ހުރިހާކަމެއް އޮތީ އޮޅުންބޮޅުންވެފައެވެ.

***

"ކައިލް. މިހުރިހާ ދުވަހު ވަރުދެރަކަމުން ވާހަކަދެއްކޭ ވަރެއްނުވޭ. އެހެންވީމަ މިހާރު މަށަށް ކިޔާދީބަލަ. އެދުވަހު ކައިލްގެ މީހުން ނުގެންދިޔައީ ކީއްވެތަ؟ އަހަރެން އެންމެން ގާތުން އެހިން އެމީހުން ބުނިގޮތުން ކައިލް ޚާއްސަކޮށްގެން އެމީހުންނަށް އަމުރުކުރީ ހަރަކާތް ނުކޮށް އެމީހަކު ތިބިތަނެއްގައި މޫވްނުކޮށް ތިބެން... އެމީހުންނަށް ކައިލް ގޮވިނަމަ ހައިތަމް ގެނައި މީހުންނަށް އަތެއް ފަޔެއް ހަލުވައިލާކަށްވެސް ނުކެރޭނެ..." މިކާލްއަށް އަނގަ މަޑުކޮށްގެން އިންނަންވީ ވަގުތުވެސް ނޭގޭނެއެވެ. އިސްހާގު ބޯ ހޫރައިލިއެވެ. ވިންޓަރފެލްގެ ކުރިމައްޗަށް ކާރު މަޑުކޮށްލުމާއެކު އިސްހާގު މިކާލް ދިޔަނުދީ ހިފެހެއްޓިއެވެ.

"އެބަ އަންނަން..." ކައިލް ކާރުން ފައިބަމުން މަޑުމަޑުން ދޮރު ލައްޕާލައިފިއެވެ.

"ކައިލްއަށް ހައިތަމްއަކީ އޭނަގެ ބައްޕަކަން އެނގޭ. އޭނައަށް އޭރުވެސް އެނގުނު. އަހަންނަށް ހީވާގޮތުން އޭނަގެ ބައްޕަގެ ކުރިމަތީގައި ތިމާގެ ބާރު ދައްކައިލަން ބޭނުންނުވީ.."އިސްގާހު މިކާލްއަށް ވިސްނައިދިނެވެ. ވިންޓަރފެލްގެ އެތެރެއަށް ވަދެ ކައިލް ނިވާވިތަން ދެކެން ދެ މީހުން ބަލަހައްޓައިގެން ތިއްބެވެ.

"އަހަރެމެން ކައިލްއާއެކު ދާކަށް ނުޖެހޭނެތަ؟"މިކާލް އެތާ އިންނާކަށް ބޭނުމެއްނުވިއެވެ."އެމީހުން އަނެއްކާވެސް ހަމަލާއެއް ދޭން ބޭނުންވެއްޖެއްޔާ؟"

"އެމީހުން ނުދޭނެ.." އިސްހާގު އެހެން ބުނެލިކަމުގައިވިޔަސް އޭނަވެސް ބުމަ ގުޅުވާލައިގެން އިންގޮތުން ކަންބޮޑުވުން ފައުޅުވެއެވެ.

***

"މިސްޓަރ ކައިލް....." ޖޫލީގެ ދެލޯ ދިއްލުމާއެކު ލޮލަށް ކަރުނަ އަންނާންފެށިއެވެ. އޭނަ ދޮރު ބޮޑުކޮށް ހުޅުވާލަދިނެވެ. ކައިލްވެސް ކުޑަކޮށް ބޯ ޖަހައިލިއެވެ. ޚާދިމާ އޭނަ ފެނުމުން އެހާ އުފާވުމުން ހައިރާންވެސްވިއެވެ.

"އަޅުގަނޑު....އަޅުގަނޑަށް ކިޔަނީ ޖޫލީ. މަންމަ މިގޭގައި ދިރިއުޅުނުއިރު ޚިދުމަތްކޮށްދިނިން.. އެއީ ވަރަށް ރަގަޅު ކަނބަލެއް...." ޖޫލީ ހުރިހާ ހިތްވަރެއްލާފައި އަނާލިއާއާއި އެއްކޮޅަށް ވާހަކަދެއްކީ އެގެއަށް އައި ހުރިހާ އަންހެނުންގެ ތެރެއިން އޭނައާއި އެއްވަރުމީހެއްގެ ގޮތުގައި އުޅުނީ އަނާލިއާއަށް ވީތީއެވެ. އަނާލިއާ ޖޫލީއާއިމެދު އަމަލުކުރީ އެއްފަންތީގެ މީހެއް ފަދައިން ތަފާތުކުރުމެއް ނެތިއެވެ. ޖޫލީގެ އިހުސާސްތައްވެސް އުތުރި އަރައިގަތީ ޒުވާން ހައިތަމްއާއި ކައިލް ވައްތަރުކަން ފާހަގަކުރެވިއެވެ. ވީއިރު އޭނައަށް އެ ހީކުރެވުނީ ރަގަޅަށެވެ. ކުރީ ދުވަހު އިރުގެ އަލީގައި ކައިލް ފެނުމުން އޭނައަށް އެކަން ފާހަގަކުރެވުނެވެ. ކައިލްއަކީ ހައިތަމްގެ ދަރިފުޅެވެ.

"މަންމައަށް އެހީތެރިވެދިނީތީ ވަރަށް ބޮޑަށް ޝުކުރުވެރިވަން..." ކައިލް ހިތުގެ ފުންމިނުން ބުނެލިއެވެ."މަންމަ ވަރަށް އެކަން ގަބޫލުކުރާނެކަން ޔަގީން..."

"ސާހަބްގެ ބައްޕަ....މިސްޓަރ ހައިތަމް އޮފީހުގައި އެބައިންނެވި..." ޖޫލީ ކައިލް ގޮވައިގެން މަތީބަޔަށް ދާން އުޅުނެވެ.

"މިއައީ އެބޭފުޅާއާއި ބައްދަލުކުރާކަށް ނޫން....."ޖޫލީގެ ކޮނޑުމަތިން ބޯ އަރިކޮށްލާފައި ބަލައިލަމުން ކައިލް ކިޔައިލިއެވެ."ހެލޯ ޒައިނަބު އާންޓީ..."

ޒައިނަބު ފަހަތަށް ވެއްޓެން އުޅެފައިވެސް އަސާގެ އެހީގައި ހަށިގަނޑު ސަމާލުކުރިއެވެ. ޒީނަތްތެރިކަމާއި ދެއްކުންތެރިކަމެއްނެތި ކައިލްއަށް ޒައިނަބު ފެނުނު ފުރަތަމަ ފަހަރަކީ އެއީއެވެ. އެއްވެސް މޭކަޕެއްނެތި އާދައިގެ ހުދުހެދުމެއްގައެވެ. އިސްތަށިގަނޑުން ހުޅިއެއް ޖަހާފައެވެ. އާއްމުކޮށް ކަނދުރާއާއި ކަންފަތް ފަޅުފިލުވި ގަހަނާތައް ހިނގައްޖެއެވެ. ލޮލުގެ ވަށައިގެން ކަޅު ދާއިރާއެކެވެ. ހަފްތާއެއްގެ ތެރޭ އޭނަ މުސްކުޅިވެއްޖެކަމަށް ދައްކައެވެ.

"ކީއްވެ..ކީއްވެ ތިއައީ؟" ޒައިނަބު އަޅައަޅައިގެންފާ ކިޔައިލިއެވެ.

"މިއައީ ހަމައެކަނި ވާހަކަދައްކައިލަން..."ކައިލް ހިނގާލާފައިގޮސް ކައުޗްގައި އިށީދެ އަތުގެ އިޝާރާތުން ޒައިނަބުއަށް އެންގީ ކުރިމަތީގައި ހުރި ސޯފާގައި އިށީނުމަށެވެ. މިވަގުތު އިސްމީހަކަށް ހުރީ ކާކުކަން ނޯޅެއެވެ. ޒައިނަބުގެ ހިތުގެ ވިންދު އަވަސްވިއެވެ.

"ވަރަށް ދުވަސްވާންދެން ޚިޔާލުކުރިން. މަންމައަށްޓަކާ ކޮށްދޭނެ ކަމަކާއިމެދު.މިއާއިލާގެ ސަބަބުން މަންމައަށް އިހުސާސްކުރަން ޖެހުނު ތަދުތަކާއިމެދު...." ޒައިނަބުގެ މޫނުގެ ކުލަ ހުދުވަމުން ދިޔަ މަންޒަރު ދެކެން ކައިލް އިނެވެ.

"ތިއުޅެނީ އަހަރެން މަރައިލަންތަ؟އެހެންވެ މިގެއަށް ތިއައީ؟ އަހަރެންގެ ފުރާނަ ނަގައިލިޔަސް މަގޭ ދަރިފުޅު މިކަމުގެ ތެރެއަށް ނުވައްދާ..." ޒައިނަބުގެ ހަށިގަނޑު ތުރުތުރުލައިގަތެވެ. ކައިލް ބުމަ އަރުވައިލީ އެކަން މަޖާވެގެންނެވެ.

"އަހަންނަކީ މީހުން މަރަމުން އުޅޭ މީހެއްނޫން. ހެއްދެވި ފަރާތަށް ޝުކުރުހުރި އެކަން ވަރުތަނުކުރީތީ."

"ކީއްވެ އެގޮތަށް ކަންތައް ކުރީ؟"ކައިލްގެ ރާގުގައި އިންޒާރުގެ ގޮތް ހުރުމުން ޒައިނަބު ކަންބޮޑުވުމާއެކު ސީޓުގައި ބޮނޑިވެގަތެވެ."ކީއްވެ މަންމައާއިމެދު އެހާ އަނިޔާވެރިވީ؟ މަންމަ އެއްވެސް މީހަކަށް ގެއްލުމެއް ދޭން ނެތްއިރު..."

"ކަލޭގެ މަންމަ...އޭނައަށް އަހަރެމެން މި ޝަހަރުގައި ދިރިއުޅޭކަން އެނގޭ. ދެން ކީއްވެ އަހަރެމެން ގާތަށް އައީ؟ އަހަރެމެންނަށް އަންގަން ބޭނުންވާތީ. ކަލޭ ބޮޑުވަމުން އަންނާތީ އަހަރެމެންގެ ގާތަށް ފޮނުވަން. ކަލޭގެ ބައްޕަ ކައިރިއަށް. އަހަންނަށް ކަލޭގެ މަންމަ އެނގޭތީ މިހެން މިބުނަނީ. އޭނަ ބޭނުންވާނީ ކޮންމެ ގޮތެއް ހަދާފައިވެސް ކަލޭ ހައިތަމްގެ ފިޔައިގެ ދަށުގައި ބޮޑުކުރަން. އަހަރެން މިބުނީ ނުބައިކޮށްތަ؟" ޒައިނަބު ބުނަމުން ދިޔައެވެ. ކައިލްއަށްވެސް އެކަން އެނގެއެވެ. އޭނަގެ މަންމަ އޭނައާއި ދުރުން އުޅުނީ އޭނަދެކެ ނަފްރަތުކުރާކަމަށް ދެއްކީ އޭރުން ފަސޭހައިން މަންމަ ދޫކޮށް ވިންޓަރފެލްގައި ދިރިއުޅެން ދާނެތީއެވެ. އެކަމަކު ކައިލްއަކީ ފަހަރެއްގައިވެސް އެފަދަ ކުއްޖެއް ނޫނެވެ. ދުނިޔޭގެ ހުރިހާ މުއްސަދިކަމެއް ލިބުނަސް އޭނަ މަންމަ އޭގެ ބަދަލުގައި ދޫނުކުރާނެއެވެ. ވެގެން ދިޔަ ހުރިހާކަމެއްގެ ސަބަބުން ކައިލްއަށް ދޭހަވީ މަންމައެއްގެ ލޯބީގެ ވަރުގަދަކަމެވެ. އޭނަގެ މަންމަގެ ހިތްވަރުގަދަކަމާއި ކެތްތެރިކަމެވެ. އަމިއްލައަށް ނަރަކަފަދަ ތަނެއްގައި އުޅެމުންވެސްމެއެވެ.

ޒައިނަބު ކޮޅަށް ތެދުވުނެވެ.

"އެބައަންނަން އެއްޗެއް ހިފައިގެން......"

ޒައިނަބު އެތެރެއަށް ވަދެފައި އައީ ކަރުދާހެއް ހިފައިގެންނެވެ.އަދި އެ ކަރުދާސް މޭޒުމަތީ ބޭއްވިއެވެ."މިއޮތީ..."

"ކަލޭގެ މަންމަ އަބަދުވެސް އުޅުނީ މި ގެ ފަހަތުން. ޔޫ ކެން ހޭވް އިޓް. އަހަރެން ފުލުހުން ކައިރިއަށްގޮސް ކުށަށް އިއުތިރާފު ވެދާނަން.އެކަމަކު ހައިތަމްއާއި ޔަޒީދު މިކަމުގެ ތެރެއަށް ވައްދައިގެން ނުވާނެ. އާދޭސްކޮށްފައި މިބުނީ.." ޒައިނަބު އަދިވެސް އޭނަގެ މަންމަ ދުވީ ފައިސާއާއި މުދަލުގެ ވާރުތަވެރިއަކަށްވާ ހިތުން އެކަމުގެ ދަހިވެތިކަމުގައި ކަމަށް ތުހުމަތު ކުރުމުން ކައިލް ހޮޑުލަވާގޮތްވިއެވެ. ޒައިނަބު އޭނަގެ ދަރިންނާއި އިންތިހާއަށް އަޅައިލައެވެ. ކައިލްއަށްވެސް އެކަން އެނގުނެވެ. އެކަމަކު އަމިއްލަ ދަރިފުޅު ހައިތަމް ލޯބިވި އަންހެނާ ނައްތައިލަން އަމުރުކުރިއިރު އެ ލޯބިވެތި ހިތް އޮތީ ކޮންތާކުހެއްޔެވެ؟ އެ ހިތް މިހާރު ކޮބާހެއްޔެވެ؟ އަމިއްލަ މާމަ ދަރިފުޅު ކުރިމަތީގައި ބައިންދައިގެން އަނާލިއާގެ މަރުގެ ބަދަލުގައި ވިންޓަރފެލް ދޭން ހުށަހެޅިއިރު އެސްފިޔައެއްވެސް ޖަހައިނުލިއެވެ. ކައިލް ބޭނުންވީ އެކަރުދާސް ކުދިކުދިކޮށްލާށެވެ. އެކަމަކު އޭނަ ދިގު ނޭވާއެއްލިއެވެ.

"ޔޫ ސީ. ރުޅި އެތެރޭގައި ބެހެއްޓުމަކީ ވިހައެއް. އަހަރެމެންނަށް ހީވާގޮތުން އަހަރެމެން ޓާގެޓްކުރާ މީހަކަށް ހަމަލާދޭން ބޭނުންކުރާ އެއްޗަކީ ނަފްރަތު. އެކަމަކު ނަފްރަތަކީ ލެނބިފައިވާ ތިލައެއް. ގެއްލުންދެވޭއިރު ދެވެނީ ހަމަ އަމިއްލަ ނަފުސަށް. އަދަދެއްނެތް މައުސޫމް އެތައް ބަޔެއްގެ ފުރާނަ ދުއްވައިލުމުން ލިބުނީ ކޯންޗެއް؟ ފައިސާ؟ ސާފު ރެޕިއުޓޭޝަނެއް އަދި އިމޭޖެއް؟ އެކަން އެހީވީ ކޮންގޮތަކުން؟ އެހުރިހާ ކުށްވެރި އިހުސާސްތަކާއިއެކު މިއަދު ދިރިއުޅެނީ ހިތްހަމަޖެހިގެންތަ؟ އާ ޔޫ ހެޕީ؟"

"އަހަރެން ދެން ކުރަންވީ ކަލޭ ބޭނުންވަނީ ކޮންކަމެއްތަ؟" ގޮތްހުސްވެފައިވާ އަޑަކުން ޒައިނަބު ސުވާލުކޮށްލިއެވެ. ކުރިއަށްވުރެވެސް ރޫތައް ފުންވެއްޖެއެވެ. ކައިލް ޒައިނަބުއަށް ނަޒަރު ހުއްޓާލައިގެން ހުރިއިރު ޔަގީންކުރެވުނީ އުމުރުން މިހާ ދުވަސްވެފައި ހުރިމީހަކު ޖަލުގެ ތޭރިތަކުގެ ފަހަތުގައި ބަހައްޓާވަރުގެ ހިތެއް އޭނަގެ ނެތްކަމެވެ.

" އަނާލިއާ ފިރިހެން ދަރިއެއް ވިހެއީ. ހައިތަމް ދަރިއެއް ބޭނުމެއްނުވޭ....."އެ ލަފުޒުތައް ޚަންޖަރެއްފަދައެވެ. އެކަމަކު ކައިލްވެސް ބޯ ޖަހައިލީ ޒައިނަބުއާއި އެއްބަސްވާކަހަލަ ގޮތަކަށެވެ.

"މަންމާ ދެން ހުއްޓައިލާ..." ހައިތަމްގެ އަޑު އިވުނެވެ." އަހަރެމެން އެންމެން ކުރި ކުށަށް އަހަރެމެން ޖެހޭނީ ފުލުހަށް ދާން. އިތުރަށް ފޮރުވަން އުޅޭނެކަމެއްނެތް. އަހަރެން ކުރިކަމުގެ އަގު އަދާކުރާނަން.."

އެވަގުތު ކައިލްއާއި ހައިތަމްގެ ނަޒަރު ގުޅުމުން ހައިތަމް ވަގުތުން ނަޒަރު ވަކިކޮށްލައިފިއެވެ. ހިތުގައިވާ ރިހުމުގެ ސަބަބުން ކުޅަދާނަނުވީއެވެ.

"ނޫން. ހައިތަމް މީހަކު މަރައިނުލަ.....އެއްވެސް މީހަކު މަރާނުލަމެއްނު ހައިތަމް....އެހެންވީމަ މައިތިރިވެގެން ހުރޭ."ޒައިނަބު ދެކޮޅުހެދިއެވެ.

" އަހަރެން އެކްސިޑެންޓަށް ފަސްއަޅާ ފޮރުވީ. އަނާލިއާއަށް ދިމާވި ހުރިހާކަމެއްގެ ޒިންމާ އުފުލަން ޖެހެނީ އަހަރެން. ހުރިހާ ގާނޫން ހުއްދަނުކުރާ ވިޔަފާރިއެއް ހިނގަމުން އައީވެސް ވިންޓަރފެލްގެ ދަށުން. ހުރިހާ ލިޔެކިޔުންތަކާއި ހެކިތައް ފުލުހުންނަށް ފޮނުވައިފިން..އެމީހުން އަހަރެމެން ބަލާ އަންނާނެ މަންމާ..." ހައިތަމް އިންތިޒާރުކުރަމުން އައީ ކައިލް ހޮސްޕިޓަލުން ދޫކޮށްލާނެ ދުވަހަކަށެވެ. ޖަލަށް ދިއުމުގެ ކުރިން އެންމެ ފަހަރަކު ނަމަވެސް ކައިލްގެ މޫނު ދެކެލަން ހިތް އެދުނީއެވެ.

"އައިމް ޓެރިބްލީ ސޮރީ މިކަހަލަ ބައްޕައަކަށް ވެވުނީމަ. ކޮންމެވެސް ދުވަހަކުން މާފުދޭން ހިތުގައި ޖެހުނު ދުވަހަކުން މާފުކޮށްދޭތި. ޕްލީޒް ފޮގިވް މީ. މިހެންވާނެ ކަމަކަށް އެއްގޮތަކަށްވެސް ހިޔެއްނުކުރަން. ބޭނުންވެގެން ކަންހިނގިގޮތެއް ނޫން މިއީ. ދަރިފުޅާ......"ހައިތަމްގެ ހިތުން އެކި ބަސްތައް އަރާ ފައިބަމުން ދިޔަސް ދުލުން އެންމެ ލަފުޒެއްވެސް ބޭރުކޮށްލަން ނުކުޅެދުނެވެ. އެއަށްވުރެ އޭނަވަނީ އަމިއްލަ ނަފުސާއިމެދު ލަދުވެތިވެފައެވެ. ވާހަކަދައްކަންވެސް ލަދުގެންފައެވެ. އަނާލިއާ މިދުނިޔެއަކު ނެތެވެ. އަނާލިއާއާއިމެދު އެއްވެސް ކަމެއް ރަގަޅަށް ކޮށްދެވޭކަށް މިއަދަކު ނެތެވެ. އެކަންތައް ދެން ޖެހޭނީ ގިޔާމަތްދުވަހަކަށްޓަކާ ބާއްވާށެވެ. އަނާލިއާއަށް އިންސާފު ލިބި އޭނައަށް މާފަށް އެދެވޭނީ އެދުވަހަކުންނެވެ.

ކައިލްގެ މޫނުމަތީގައި ފެންނަން ހުރި ނޫފައިގެންފައިވާ ތަންތަން ފެނުމުނ ހައިތަމްގެ ހިތުގައިވި ތަދު އިތުރުވިއެވެ. ޖަލަށް ލިޔަސް އަމިއްލަ ނަފުސަށް އަނިޔާދިނުމަށްވުރެ މި އަދަބު މާ ބޮޑެވެ. އޭނައަށްވުރެ އިސްކޮޅުން ދިގު އަދި ސިއްހަތު ރަގަޅު އޭނަ ޒުވާންއިރާއި ތަފާތެއްނެތް ލޮލެއް ލިބިފައިވާ ފިރިހެން ދަރިފުޅެވެ.

"އަނާލިއާ ވިހެއީ މީހަކަށް ލިބޭނެ އެންމެ ފުރިހަމަ ދަރިފުޅު. ތެންކިއު. އަހަރެމެންގެ ބޭބީ ދުނިޔެއަށް އުފަންކުރީތީ ޝުކުރުވެރިވަން އަނާލިއާ. އެއީ އަހަރެމެންގެ އާއިލާއަށް ލެއްވި ރަހުމަތެއް. އެބަފެނޭތަ އަނާލިއާ؟ ހުރިހާކަމެއް އޭނަ ރަގަޅުކޮށްފި. އެންމެ ފަހުން......" ލޮލުގައި ކަރުނަ ގިނަވެގަތުމުން ހައިތަމް ލޯ މަރާލައިފިއެވެ.

ނުނިމޭ