18 Jan 2022, 11:20
ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އަބޫދާބީއަށް އަމާޒުކޮށް އިއްޔެ ދިން ޑްރޯން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
ޔަމަނުގެ ހަނގުރާމަވެރި ޖަމާއަތެއްކަމަށްވާ ހޫތީން ވަނީ މި ހަމަލާތަކުގެ ޒިންމާ ނަގާފައެވެ. އެ ހަމަލާގައި ތިން މީހަކު މަރުވެ، އިތުރު ބަޔަކު ޒަހަމްވެފައިވެއެވެ.
އެހަމަލާ ކުށްވެރިިކޮށް ރޭ ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އާއްމުންނަށާއި އާއްމު ތަންތަނަށް އަމާޒުކޮށް މި ދިން ޓެރަރިސްޓް ހަމަލާއަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު، އަދި އާއްމުންނާ ދަތުރުވެރިން ނުރައްކަލަށް ހުށަހެޅުނު ފިނޑި އަމަލެއްކަމަށެވެ.
ޔޫއޭއީގެ ސަލާމަތަށް ނުރައްކާކުރާ ފަރާތްތަކާ ދެކޮޅަށް އެގައުމުން ކުރާ މަސައްކަތުގައި ދިވެހި ސަރުކާރުން ޔޫއޭއީ ސަރުކާރާއެކު އޮންނާނެކަން ހާމަކޮށް، އެސަރަހައްދުގެ ސުލްހަ މަސަލަސްކަމަށް އެގައުމުގެ ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް ދިވެހި ސަރުކާރުން ވަނީ ތައުރީފްކޮށްފައެވެ.
ހަމައެއާއެކު ޓެރަރިޒަމާ ދެކޮޅަށް ބައިނަލްއަގްވާމީ މުޖްތަމައާ ގުޅިގެން ދިވެހި ސަރުކާރުން މަސައްކަތްކުރާނެކަމުގެ ޔަގީންކަން ވެސް ދިވެހި ސަރުކާރުން ވަނީ ދީފައެވެ.
އަބޫދާބީގެ ތިން ތެޔޮ ޓޭންކަރަކަށް ދިން މި ހަމަލާގެ ސަބަބުން އަބޫދާބީ އެއާޕޯޓުގެ އެކްސްޓެންޝަން އިމާރާތުގައިވެސް އަލިފާން ރޯވިއެވެ.