10 Mar 2012, 14:28
އިޓަލީގެ އޭއެސް ރޯމާގެ ބްރެޒިލް ޑިފެންޑަރު ހުއާން އަށް ލިބުނު އަނިޔާ އާއި ގުޅިގެން ހަ ހަފްތާ ނުވަތަ ހަތް ހަފްތާ ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެކަން އެކުލަބުން ޔަގީން ކޮށްދީފި އެވެ.
އިޓަލީ ލީގުގައި މިދިޔަ އާދިއްތަ ދުވަހު ލާޒިއޯ އާއި ދެކޮޅަށް ކުޅެ 2-1 ލަނޑުން ރޯމާ ބަލިވި މެޗުގައި ހުއާންގެ ކަކުލުގެ ލިގަމެންޓަށް ވަނީ އަނިޔާއެއް ލިބިފައެވެ. މިއަނިޔާގެ ސަބަބުން މިސީޒަނުގައި ދެން ހުއާންގެ ކުޅުމެއް ނުފެންނާނެ އެވެ.
"ހުއާން ސިލްވޭރާ ޑޮސް ސަންޓޯސްގެ ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާއާއި ގުޅިގެން ސްކޭންތަކަކާއި ޓެސްޓްތަކެއް ވެސް ވަނީ ހަދާފައި. ޓެސްޓްތަކުގެ ނަތީޖާ ތަކަށް ބަލާފައި ޑޮކްޓަރުން ބުނަމުންދަނީ ހުއާން އަށް 45-50 ދުވަހުގެ މުއްދަތަކަށް ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެ ކަމަށް." ރޯމާގެ ވެބްސައިޓުގައިވާ ބަޔާނެއްގައި ވެއެވެ.
އިޓަލީ ލީގުގައި ކުޅެމުން އަންނަ އެންމެ ވަރުގަދަ ޑިފެންޑަރުންގެ ތެރޭގައި ހުއާން ހިމެނެ އެވެ. ރޯމާގެ އިތުރުން ހުއާން ގެއްލުމަކީ ބްރެޒިލް ގައުމީ ޓީމަށް ވެސް ލިބޭނެ ދެރައެކެވެ.