17 Jan 2022, 21:27
ކޮވިޑް ބަލި ޖެހިފައިވާ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ނުދެނީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.
އޭޑީކޭ ހޮސްޕިޓަލަށް އޭޑީކޭ އަށް ދައްކަމުން ދިޔަ މާބަނޑު މީހަކު، ވިހަންވެގެން އެ ހޮސްޕިޓަލަށް ގެންދިޔުމުން އެ ބަލިމީހާ އައިޖީއެމްއެޗަށް ފޮނުވުމުން އެކަމާ ގިނަ ބަޔަކު ވަނީ އެ ހޮސްޕިޓަލަށް ފާޑު ކިޔައިފައެވެ.
އޭޑީކޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް ބަލި ޖެހިފައިވާ މީހުންނަށް އެކަށީގެންވާ ގޮތަށް ފަރުވާ ދެވެނީ އެކަހެރި ކޮށްގެން ކަމަށް ވާތީ އެފަދަ މީހުންނަށް ފަރުވާ ދޭން ރާއްޖޭގައި ހާއްސަ ފެސިލިޓީތަކެއް ގާއިމްކޮށްފައިވާ ކަމަށެވެ.
އޭޑީކޭއިން ބުނީ އެ ހޮސްޕިޓަލުން އަބަދު ވެސް އަމަލުކުރަމުން އަންނަ އުސޫލަކީ ކޮވިޑް ބަލި މީހެއް ހިދުމަތް ހޯދާނަމަ އެ މީހަކު ފެސިލީޓީއަށް ފޮނުވުން ކަމަށެވެ. އަދި އެމަޖެންސީ ހާލަތްތަކުގައި ފެސިލިޓީއަށް ބަދަލުކުރަނީ ދޭން ޖެހޭ އަވަސް ފަރުވާ ދިނުމަށް ފަހުގައި ކަމަށް ބުނެފައިވެއެވެ.
އެހެންނަމަވެސް އާންމު ހާލަތްތަކުގައި ހޮސްޕިޓަލުން އެ މީހުންނަށް ފަރުވާ ނުދޭނެ ކަމަށާއި މިއީ އެންމެންގެ ވެސް ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި އަމަލު ކުރަމުން އަންނަ އުސޫލެއް ކަމުގައި ބުނެފައިވެއެވެ.
"މިގޮތަށް އަމަލުކުރަމުންމިދަނީ ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން އެހެން ބަލިތަކަށް ފަރުވާ ހޯދަމުންދާ ބަލިމީހުންނާއި، ވިހާ ކޮޓަރިތަކުގައި ވިއްސަން ވައްދާފައިތިބި މީހުންނާއި، ވިހައިގެންނެގޭ ތުއްތުކުދިންނާއި، އޮޕަރޭޝަން ތިއޭޓަރުތަކުން ބޮޑެތި އޮޕަރޭޝަންތައް ކޮންގެން ނެރޭމީހުންނާއި، ދޮށީއުމުރުގެ ހާލުދެރަ މީހުންފަދަ ނާޒުކު ހާލަތްތަކުގައިވާ ތަފާތު އެތައްބައެއްގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައެވެ." އޭޑީކޭއިން ބުނެފައިވެއެވެ.