10 Mar 2012, 14:25
ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި މިހާރު ފެށިގެން ކުރިއަށްދާ އޭއެފްސީ ޗެލެންޖް ކަޕް ގައި މިއަދު ހަވީރު ނޭޕާލާއި ދެކޮޅަށް ރާއްޖެ ނުކުންނައިރު، ޓީމުގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އިބްރާހީމް ފަޒީލް (އޮއްޕޮ) އަށް އަނިޔާވެއްޖެ އެވެ.
ރާއްޖޭގެ ފުޓުބޯޅައިގެ ޚަބަރުތައް ކަވަރު ކުރާ މޯލްޑިވްސް ސޮކާ ވެބްސައިޓްގައި ޓީމުގެ މެނޭޖާ އިބްރާޙިމް އާމިރު(ސަލްސާ އާމިރު) އާއި ޙަވާލާދީ ބުނެފައިވާގޮތުގައި އޮއްޕޮއަށް މިއަދުގެ މެޗުގައި ނުކުޅެވެނީ އޮއްޕޮގެ މައިބަދައަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުންނެވެ.
"ހަމަ ޔަޤީނުންވެސް މިއަދުގެ މެޗުގައި އޮއްޕޮ ނުކުޅޭނެ. އޮއްޕޮގެ މައިބަދައިގަ ރިހުމެއް އުޅޭތާ މިހާރު ގާތްގަނޑަކަށް ދެމަހެއްހާ ދުވަސް ވެއްޖެ. އެންމެ ފަހުން ތުރުކްމެނިސްތާނާއި ދެކޮޅަށް ކުޅުނު މެޗަށް ފަހު އިތުރަށް ގޯސްވީ." ޓީމުގެ މެނޭޖަރ އާމިރު ވިދާޅުވިކަމަށް މޯލްޑިވްސް ސޮކާގައި ބުނެފައިވެ އެވެ.
އޮއްޕޮއަށް އަނިޔާވުމާއި ގުޅިގެން މިހާރު ޓެސްޓުތައް ހަދާފައިވާކަމަށާއި، މާދަމާގެ ވަގުތެއްގައި ރިޕޯރޓްތައް ލިބޭނެކަމަށްވެސް އާމިރާއި ޙަވާލާދީ މޯލްޑިވްސް ސޮކާގައި ބުނެފައިވެ އެވެ.
"މާދަމާގެ ވަގުތެއްގައި ޓެސްޓް ތަކުގެ ރިޕޯރޓް ލިބޭނެ. ރިޕޯރޓްތައް ލިބުމުން އޮއްޕޮއަށް ކުޅެވޭނެކަން ނުވަތަ ނޫންކަން އެނގޭނީ." އާމިރު ވިދާޅުވި އެވެ.
މިއަދުގެ މެޗަށް ނޭޕާލާ ދެކޮޅަށް ރާއްޖޭގެ ޓީމު ނުކުންނައިރު، ސަސްޕެންޝަންގައި ހުރި ޓީމުގެ ކެޕްޓަން ޢަލީ އަޝްފާގަށް ކުޅެވޭނެއެވެ. ހަމަ އެހެންމެ، އޭ.އެފް.ސީ ކަޕްގައި ބައިވެރިވި ވީ.ބީ އައްޑޫ އެފް.ސީގެ ކުޅުންތެރިންނަށްވެސް މިއަދުގެ މެޗުގައި ބައިވެރިވެވޭނެ އެވެ.
މިއަދުގެ މެޗުން ރާއްޖޭގެ ޓީމު ބަލިވެއްޖެނަމަ މުބާރާތުން ކަޓާނެ އެވެ. ކަތަމަންޑޫގެ ދަސަރަތު ރަސަންގަލާ ސްޓޭޑިއަމްގައި މިއަދު ރާއްޖެއާއި ނޭޕާލް ބައްދަލުކުރާމެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން ހަވީރު 4:15 ގައެވެ. މިމެޗް ޓީވީއެމް އާއި ސަންމީޑިއާ ގްރޫޕުން ލައިވް ކުރާނެ އެވެ.