އިނގިރޭސި ސަރުކާރުން އެ ގައުމުގެ އެންމެ ބޮޑު ނޫސް އޭޖެންސީކަމަށްވާ ބްރިޓިޝް ބްރޯޑްކާސްޓިން ކޯޕަރޭޝަން (ބީބީސީ) އަށް ދެމުން އަންނަ ފަންޑިންގ ހުއްޓާލަން ނިންމައިފިކަމަށް ރިޕޯޓްކޮށްފިއެވެ.

ބީބީސީ ބަލާ މީހުން ދައްކާ ފީ 2 އަހަރަށް ފްރީޒްކުރުމަށް އިނގިރޭސި ސަރުކާރުން ވަނީ އަންގާފައެވެ.

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ކޮވިޑުގެ ތެރޭގައި ހިންގާ ޖަރީމާތައް އާންމުންނާ ހަމައަށް ގެނައުމުގައި ބީބީސީއިން އަންނަނީ އިސް ދައުރެއް އަދާކުރަމުންނެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ބީބީސީއަށް ދެމުން އަންނަ ފަންޑިންގ ކަނޑާލަނީ މި ސަބަބާހުރެ އެވެ.

އިނގިރޭސި ބޮޑުވަޒީރު ވަނީ ބީބީސީއަށް ދޭ ފަންޑިންގއަށް ބޮޑެތި އިސްލާހުތައް ގެންނަންޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ.

އިނގިރޭސިވިލާތުގެ އިންފްލޭޝަން ރޭޓު 6 އިންސައްތައާ ހަމައަށް މި އަހަރުގެ އޭޕްރީލުގައި އުފުލޭނެކަމަށް ލަފާކުރެވޭއިރު، ބީބީސީގެ ލައިސެންސް ކޯސްޓް ފްރީޒްކޮށްލުމުން މާލީ ގޮތުން އާންމުންނަށް ލުޔެއް ލިބިގެންދާނެކަމަށް ބެލެވެއެވެެ.

ނަމަވެސް މާލީ ކަންކަމާހުރެ ބީބީސީގެ ހިންގުމަށް ބުރޫތަކެއް އަރާނެކަމަށް ބެލެވޭއިރު، ބީބީސީއިން އަންނަނީ ވާދަވެރި މާކެޓެއްގައި މަސައްކަތްކުރަމުންނެވެ.

ބީބީސީއިން މިކަމާ ގުޅޭގޮތުން އެއްވެސް ބަޔާނެއް ނެރެފައި ނުވާއިރު، އިނގިރޭސި ސަރުކާރާ އިދިކޮޅު ފަރާތްތަކުން އަންނަނީ މިކަމަކީ ސިޔާސީ މަގުސަދެއްގައި ބޮރިސް ޖޯންސަން ހިންގަވާ ޖަރީމާއެއްގެ ގޮތުގައި ސިފަކޮށްފައެވެ.