10 Mar 2012, 13:57
ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ހަމަނުޖެހުންތަކުގެ ސަބަބުން ޓޫރިސްޓު ކެންސަލޭޝަން އެންމެ ގިނައީ ޗައިނާ، ރަޝިޔާ އަދި ޖާމަނީން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީގެ އާންމު ކުރި ޓޫރިސްޓް ކެންސަލޭޝަން ތަފާތު ހިސާބުތަކުން ދައްކާގޮތުން މިދިޔަ މަހުގެ ނުވަ އަކުން 28 އާ ހަމައަށް 6733 "ބެޑް ނައިޓްސް" ވަނީ ކެންސަލްކޮށްފަ އެވެ. އެންމެ ގިނަ ކެންސަލޭޝަން އައިސްފައި ހުރީ ރާއްޖެ އަށް 29 ޕަސެންޓް ޓޫރިސްޓުން އަންނަ ޗައިނާ އިން އެވެ. ދެވަނަ އަށް އެންމެ ގިނަ ކެންސަލޭޝަން ރިޕޯޓްކޮށްފައި ހުރީ ރަޝިޔާ އިންނެވެ. އެ ގައުމަކީ ރާއްޖެ އަންނަ ޓޫރިސްޓުންގެ އަށް ޕަސެންޓެވެ. ތިން ވަނަ އަށް ކެންސަލޭޝަން ރިޕޯޓްކުރީ ރާއްޖެ އަންނަ ޓޫރިސްޓުންގެ އަށް ޕަސެންޓު ހިއްސާ ކުރާ ޖާމަނީންނެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ކެންސަލޭޝަން އިތުރުވެގެން ދިޔައީ ރާއްޖޭގެ ޓޫރިޒަމާ ދެކޮޅަށް ހިންގި ނެގެޓިވް ކެމްޕޭނުތަކެއްގެ ސަބަބުން ކަމަށެވެ.
އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ކެންސަލޭޝަން ގިނަ ގައުމުތަކުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މިމަހު ވެސް ދަށައް ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.
"އަޅުގަނޑުމެން އެބަ ޓާގެޓް ކުރަން އެބަ ރަޝިޔާގެ މާކެޓަށް ވެސް. ހަގީގަތުގައި އެރައިވަލްސް އަށް ނެގެޓިވް ގުރޯތެއް ނާދޭ. އެކަމަކު ކެންސަލޭޝަން އާ ގުޅިގެން ނެގެޓިވް ގްރޯތެއް އުޅެފާނެ،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީގެ މަސައްކަތުން މިހާރު ވެސް ކެންސަލޭޝަން އަންނަ މިންވަރު މަދުކުރެވިފައިވާ ކަމަށާއި ޓޫރިޒަމަށް އައި ހީނަރުކަން ހަމައަކަށް އެޅެން އަދި ދެތިން މަހެއްހާ ދުވަސް ނަގާނެ ކަމަށެވެ.
"ހަގީގަތުގައި އަޅުގަނޑުމެންނަށް ޗައިނާގައި ކުރެވުނު މަސައްކަތް ކަންނޭންގެ މި ފެންނަނީ. ކެންސަލޭޝަން ވަނީ މިހާރު ވެސް މަދުވެފައި. އަދި ބައެއް ފުލައިޓްސް ވެސް އަލުން ފަށާނެ ކަމަށް ބައެއް ފަރާތްތަކުން ވަނީ މައުލޫމާތު ދީފައި،" އޮފިޝަލް ވިދާޅުވި އެވެ.