10 Mar 2012, 13:09
ހައްޖަށް މީހުން ގެންދަން މިހާރު ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް ބާތިލު ކުރެވެން ނެތްކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ސިވިލް ކޯޓުން އެގޮތަށް ހުކުމް ކުރީ ހައްޖައް މީހުން ގެންދިޔުމަށް ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް ބާތިލްކޮށް އަލުން އިއުލާންކުރުމަށް އިސްލާމިކު މިނިސްޓްރީގެ މައްޗަށް އަމުރުކޮށްދިނުމަށް އެސްބީޓީ ހައްޖު އުމުރާ ސާވިސްއިން އެ ކޯޓަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހު މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ހައްޖަށް މީހުން ގެންދިޔުމަށް ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް ބާތިލުކުރަން ޖެހޭ ކަމަށް ބުނެ ދެ ކަމެއް އެސްބިޓީގެ ދައުވާގައި ފާހަގަ ކުރި އެވެ.
ފުރަތަމަ ކަމަކީ އެސްބީޓީގެ ފަރާތުން އަބްދުﷲ ބާގިރު އަހުމަދު ހުށަހެޅި ޕްރޮޕޯސަލް އެ ޖަމާއަތުގެ ލެޓާ ހެޑް ހުށަހަޅާފައި ނުވާތީ އިސްލާމިކު މިނިސްޓްރީން ބަލައިގެންފައިނުވާ ކަމެވެ.
ދެވަނަ ކަމަކީ ހައްޖަށް މީހުން ގެންދިޔުމަށް ކުރިމަތިލާފައިވާ ފަރާތްތަކަށް ޕޮއިންޓު ދޭ މިންގަނޑުގައި ހަމަނުޖެހޭ ކަންތައްތަކެއް ހުރިކަމަށް ބުނާ ކަމެވެ.
އެސްބީޓީގެ ދައުވާގައި ބުނެފައި ވަނީ ހައްޖަށް މީހުން ގެންދާ ޖަމާއަތްތަކުން އަމަލުކުރަން މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުގައި ޕްރޮޕޯސަލް ހުށަހަޅާއިރު، ހައްޖަށް މީހުން ގެންދިޔުމަށް އެދޭ ފޯމާއި އެކު ލެޓާހެޑު ހުށަހަޅަން ޖެހޭނެކަމަށް ބަޔާންކޮށްފައި ނުވާތީ ލެޓާހެޑް ހުށަހަޅަން ނުޖެހޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދޭކަމަށެވެ.
ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ނިހާޔަތު އިއްވެވި ހުކުމްގައި ބުނަނީ ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމްގައި، އެ ފޯމާއި އެކު ވަކި ލިޔުންތަކެއް ހުށަހެޅުމަށް ބަޔާންކޮށްފައިވާ އިބާރާތުގައި ވަނީ "ތިރީގައިވާ ތަކެތި މި ފޯމާއި އެކު ހުށަހަޅަން ވާނެ،" އެ ގޮތަށް އިބާރާތް ބޭނުންކޮށްފައިވާއިރު "ހުށަހަޅަން ވާނެ،" އެ ލަފްޒު ބޭނުންކޮށްފައި ވަނީ ކުރުން ލާޒިމް ކަމެއްގެ ގޮތުގައި ކަން އެ ފޯމުން އެނގެން އޮންނަ ކަމަށެވެ.
އަދި މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުގައި ޕްރޮޕޯސަލް ހުށަހަޅާއިރު، ހައްޖަށް މީހުން ގެންދިޔުމަށް އެދޭ ފޯމާއި އެކު ލެޓާހެޑު ހުށަހަޅަން ޖެހޭނެކަމަށް ބަޔާންކޮށްފައި ނެތް ނަމަވެސް އެ ފޯމްގައި ޖަމާއަތުގެ ލެޓާހެޑް ހުށަހެޅުމަށް ލާޒިމްކޮށްފައިވާތީ އެއީ ހައްޖަށް މީހުން ގެންދިޔުމާއި ބެހޭގޮތުން ކޮށްފައިވާ އިއުލާނާއި އެސްބީޓީން ޚިލާފުވުން ކަމަށް ވެސް ސިވިލް ކޯޓުގެ ހުކުމްގައި ވެއެވެ.
މީގެއިތުރުން އެސްބީޓީ އަކީ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ލިބިފައިވާ ތަނަކަށް ނުވާތީ ހައްޖަށް މީހުން ގެންދިޔުމަށް ކުރިމަތިލާ ފަރާތްތަކަށް" ޕޮއިންޓް ދިނުމަށް ބަލާ މިންގަނޑާއި" މެދު ޝަރީއަތުން ގޮތެއް ކަނޑައަޅައިދިނުމުގެ ހައިސިއްޔަތު ލިބިފައިވާ ފަރާތެއްކަމަށް ބެލެވެން ނެތްކަމަށް ވެސް އެ ހުކުމްގައި ވެއެވެ.
އެހެންކަމުން ހައްޖަށްމީހުން ގެންދިޔުމަށް ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް ބާތިލު ކުރުމަށް ފަހު އަލުން އިއުލާން ކުރުމަށް އިސްލާމިކު މިނިސްޓްރީގެ މައްޗަށް އަމުރުކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ހުކުމް ކުރީ ކަމަށް އެ ހުކުމްގައި ވެއެވެ.