10 Mar 2012, 12:55
ސަރަހައްދުގެ އެންމެ އުސް ގައުމު ކަމުގައިވާ، ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި މިހާރު ކުރިއަށްދާ އޭފްސީ ޗެލެންޖް ކަޕުގެ ގްރޫޕް އޭ ފަޅިން ކުޅެން ޖެހޭ ދެ ވަނަ މެޗަށް މިއަދު ނޭޕާލާ ދެކޮޅަށް ނިކުންނާނީ ކެޕްޓަން ދަނގަޑޭއާ އެކު، މޮޅުވުމުގެ އަޒުމުގައި ކަމަށް ގައުމީ ކޯޗް ހަންގޭރީގެ އިސްތަވާން އުރުބާނީ ބުނެފި އެވެ.
ކެޕްޓަން ދަނގަޑޭއާ ނުލައި ތުރުކުމެނިސްތާން އަތުން ބަލިވެ، ބަލީގެ ހިތްވަރުން ސަލާމަތް ވުމަށް ނޭޕާލާ ދެކޮޅަށް ރާއްޖެ މިއަދު ނިކުންނަ އިރު، ރާއްޖޭގެ ގައުމީ ކޯޗް ހަންގޭރީގެ އިސްތަވާން އުރުބާނީ ބުނީ، މުބާރާތުގެ ފުރަތަމަ މެޗުގެ ފެށުން ރަނގަޅު ކުރުމާ އެކު މެޗުގެ ލީޑް ފުރަތަމަ ނަގަން ލިބުމަކީ އެ ދުވަހުގެ މެޗުން ވެސް ހިތްވަރެއް ލިބި، މިއަދުގެ މެޗުން މޮޅުވުމަށް ލިބުނު އުންމީދެއްގަ އެވެ. އަދި ފޯވާޑް އަހުމަދު ތޯރިގް (ޓޮމް) އަށް މިއަދުގެ މެޗުގައި ނުކުޅެވުނަސް، ފުރަތަމަ މެޗުގައި ނުކުޅެވުނު ކެޕްޓަން ދަނގަޑޭއަށް މިއަދުގެ މެޗުގައި ކުޅެން ނުކުތުމަކީ ރާއްޖެ މޮޅުވުމަށް ކުޅުންތެރިންނަށް ލިބޭނެ ހިތްވަރާއި އުންމީދުގައި ކަމަށް ވެސް އުރުބާނީ ވަނީ ބުނެފަ އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ ތުރުކުމެނިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި ކެޕްޓަން ދަނގަޑޭ އަށް ނުކުޅެވުނީ އޭއެފްސީ އިން އޭނާ އެ ދުވަހުގެ މެޗަށް ސަސްޕެންޑްކޮށްފައި ވާތީ އެވެ. އަދި މިއަދުގެ މެޗުގައި ފޯވާޑް ޓޮމްއަށް ނުކުޅެވެނީ ބުރާސްފަތި ދުވަހު ތުރުކުމެނިސްތާނާ ދެކޮޅަށް ކުޅުނު މެޗުގެ ދެ ވަނަ ހާފުގައި ތުރުކުމެނިސްތާންގެ ކުޅުންތެރިއަކަށް ގަސްތުގައި ހަމަލާދިނުމުން، އެމެޗުގައި ދެއްކި ރަތްކާޑުގެ ސަބަބުންނެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފެށި މިމުބާރާތުގައި ފަލަސްތީނާ ދެކޮޅަށް ކުޅެ، 2-0 ލަނޑުން ނޭޕާލް ބަލިވީ ކުޅުންތެރިންނަށް ހެދުނު ގިނަ ގޯސްތަކަކުން ކަމަށް ރާއްޖެއާ ދެކޮޅަށް މިއަދު ނިކުތުމުގެ ކުރިން ނޭޕާލްގެ ގައުމީ ގޯޗް ރޮބާޓްސް ބުނީ މިއަދު ބޮޑުމެޗަށް ނޭޕާލުން ކުރިމަތި ލާނީ ރާއްޖެ ބަލިކުރުމުގެ ފުރިހަމަ އިތުބާރު ނޭޕާލްގެ ކުޅުންތެރިންގެ ގައިގައި ހުރެ، އެންމެ ފަހުން ފަލަސްތީނާ ދެކޮޅަށް ކުޅެ، ބަލިވި މެޗުގައި ހެދުނު ގޯސްތައް މިއަދުގެ މެޗުގައި ތަކުރާރު ނުކުރުމަށް އެދި މޮޅުވުމުގެ އުންމީދުގައި ކަމަށެވެ.
"ރާއްޖެ އަކީ މޮޅު ޓީމެއް. އެކަމަކު ރާއްޖެ ބަލިކުރެވޭނެ. ކުޅުންތެރިން ތިބީ އެ އަޒުމުގައި. ބޮޑަށް ބަލާފައި ވާނީ އެންމެ ފަހުން ކުޅުނު މެޗުގައި ހެދުނު މިސްޓޭކްސްތައް މިއަދު ރަނގަޅު ކުރުމަށް. ޓީމް އޮތީ މެޗަށް ތައްޔާރު ވެފައި،" ރޮބާޓްސް ބުންޏެވެ.
ކަތަމަންޑޫގެ ދަރަސަތު ރަންގަސަލާ ސްޓޭޑިއަމްގައި ކުޅޭ މިމެޗަށް ނޭޕާލް ނިކުންނަ އިރު، މިއަދުގެ މެޗަކީ މިގްރޫޕަގައި ކުޅޭ މެޗުތަކުގެ ތެރެއިން ބޮޑު މެޗެކެވެ. އެގޮތުން މިއަދުގެ މެޗުން މޮޅުވެ، ތިން ޕޮއިންޓް ހޯދުމަށް ދެ ޓީމަށް ވެސް މަޖުބޫރު ވެފައިވާ އިރު، ސަރަހައްދުގެ އެންމެ މޮޅު ފޯވާޑް ކަމަށް ބުނާ ރާއްޖޭގެ ކެޕްޓަން އަލީ އަޝްފާގް (ދަނގަދޭ) މިއަދުގެ މެޗުގައި ކުޅެން ނިކުތުމަކީ ނޭޕާލް އެންމެ ފަހުން ކުޅެން މެޗުގައި ކުރި ހިތްވަރަށް ވުރެ، އިތުރަށް މަސައްކަތްތަކެއް ކުރަން ޖެހޭނެ މެޗެއްގެ ގޮތުގައި ދެނެގެން ކަމަށް ވެސް ނޭޕާލް ކޯޗް ރޮބާޓްސް ވަނީ ބުނެފަ އެވެ.
ނޭޕާލާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗު ފަށާނީ ހަވީރު 4:15ގަ އެވެ.