16 Jan 2022, 19:57
ހއ. ހޯރަފުށީ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން މިއަދު ފަށައިފިއެވެ.
ހޯރަފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވައި ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމެވެ.
މި މަޝްރޫއާ ބެހޭ ގޮތުން އިތުރު މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ ޖުމްލަ 11 މަގެއް މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރާނެ ކަމަށެވެ. ޖުމްލަ 71.9 މިލިއަން ރުފިޔާގެ މި މަޝްރޫއުކުރިއަށް އޮތް ހަތް މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހޯރަފުށީ މަގުހެދުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/އެމްޓީސީސީ
އާޒިމް ވިދާޅުވީ މަގުހަދާ ނިމޭއިރު ހޯރަފުށީގެ މަގުތައް ވާނީ ހިތްފަސޭހަ، ޒަމާނީ މަގުތަކަކަށް ކަމަށެވެ.
"ބޮޑެތި މަގުތަކުގައި ދެފަރާތަށް ކާނުލާފަ، މެދު މަގުތަކުގަ އެއްފަރާތަށް. ދެން ޕޭވްމަންޓް. ބޮޑެތި މަގުތަކުގަ ހަމަ ދެފަރާތަށް ޕޭވްމަންޓްލާފަ، ކުދި މަގުތަކުގަ އެއްފަރާތައް. ދެން އެއަށްވުރެ ކުދި މަގުތަކުގައި ވެސް ހިނގޭ ގޮތަށް އެކަމަކު ފުލް ޕޭވްމަންޓް ނުލައި ހުންނާނީ. ޖުމްލަ ތިން މޮޑެލްއެއްގެ މަގުތަކެއް މިހުރީ،" އޭނާ ވިދާޅުވިއެވެ.
އިހަވަންދިއްޕޮޅުގައި އޮތް ހަމައެކަނި އެއާޕޯޓުު އޮންނަ ހޯރަފުއްޓަކީ އެސަރަހައްދުގެ ގިނަ ބަޔަކު އަރައިފައިބާ އުޅޭ ރަށެކެވެ.