10 Mar 2012, 12:27
ހާލުދެރަވެގެން އައްޑޫ ސިޓީ އިން ހެލިކޮޕްޓަރުގައި އިއްޔެ މާލެ ގެންނަން އުޅުނު ބަލި މީހާ މާލެ ނުގެނެވެނީސް މަރުވެފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފްގެ ސްޕޯކްސްޕާސަން ލެފްޓިނެންޓް ކާނަލް އަބްދުއްރައްހީމު މިއަދު ވިދާޅުވީ އައްޑޫ ސިޓީ އިން އިއްޔެ މާލެ ގެންނަން އުޅުނު ހާލުބޮޑު ބަލިމީހާ މަރުވީ އެ މީހާ ގޮވައިގެން ހެލިކޮޕްޓަރު އައްޑޫން ފުރުމުގެ ކުރިން ކަމަށެވެ. މަރުވީ އެ ސިޓީގެ ކޮން ރަށެއްގެ ކާކުކަން ސާފުވެފައެއް ނުވެ އެވެ.
އިއްޔެ މާލެގެންނަން އުޅުނު ބަލިމީހާ މަރުވީ އެމްއެންޑީއެފްގެ ހެލިކޮޕްޓަރު މާލޭގައި ޖެއްސުމަށް ލޮނުޒިޔާރަތްކޮޅުގައިވާ ހެލިޕެޑްގައި ޖެއްސުމުގެ ހުއްދަ މާލޭ ސިޓީކައުންސިލުން ނުދިނުމުން، ދަތުރު ލަސްވެގެން ކަމަށް ރޭ ބައެއް މީޑިއާތަކުގައި ވަނީ ބުނެފަ އެވެ.
ނަމަވެސް އަބުދުއްރަހީމު ވިދާޅުވީ ލޮނުޒިޔާރަތްކޮޅުގައިވާ ހެލިޕެޑް ނުލިބިގެން ހެލިކޮޕްޓަރުގެ ދަތުރަށް ބުރުލެއް ނާރާނެ ކަމަށާއި ބަލިމީހާ މަރުވީ އައްޑޫން ފުރުމުގެ ކުރިން ކަމަށެވެ.
ހެލިކޮޕްޓަރު ޖައްސަން ލޮނުޒިޔާރަތްކޮޅުގައިވާ ހެލިޕެޑް ދިނުމަށް މާލޭ ސިޓީކައުންސިލުން ދެކޮޅު ހެދި ކަމަށާއި އެހެން ސަރަހައްދަކަށް ޖެއްސުމަށް ވެސް ސިޓީ ކައުންސިލުން ބުނި ކަމަށް އަބުދުއްރަހީމު ވިދާޅުވި އެވެ. އަދި ބަލިމީހާ މަރުވުމުން އެކަމާ ބެހޭ ގޮތުން ސިޓީ ކައުންސިލާ އަލުން ވާހަކަ ދައްކާފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އެ ހެލިޕެޑް ނުލިބުނު ނަމަވެސް އަޅުގަނޑުމެން އެ އޮޕަރޭޝަން ހިންގީމުސް، އެހެން ސަރަހައްދަކަށް ވެސް ޖެއްސިދާނެ، ނަމަވެސް ހެލިކޮޕްޓަރު އައްޑޫން ނައްޓާލުމުގެ ކުރިން ބަލިމީހާ ނިޔާވީ، ނަމަވެސް އެއީ ހެލިޕެޑް ނުދިނުމުން ވީ ކަމެކޭ ދެންނެވޭކަށް ނެތް،" އަބުދުއް ރަހީމު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހެލިޕެޑް ހޯދަން އިއްޔެ ސިޓީކައުންސިލުގައި އެދުމުން އެސަރަހައްދު އެމްޑީޕީ އަށް ދޫކޮށްފައިވާ ކަމަށާއި އެހެން ސަރަހައްދަކަށް ޖެއްސުމަށް މާލޭ ސިޓީ ކައުންސިލުން ބުނި ކަމަށެވެ.