16 Jan 2022, 14:37
ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ހާއްސަކޮށްގެން "ހެލޯ ޕްރީޕެއިޑް"ގެ ނަމުގައި ޕްރީޕެއިޑް ޕްލޭނެއް ތައާރަފްކޮށްފިއެވެ.
ދިރާގުން ބުނީ މި ޕްރީޕެއިޑް ޕްލޭނަކީ ރާއްޖޭގައި ދިރިއުޅޭ އިންޑިއާ، ސްރީލަންކާ، ފިލިޕީންސް، ނޭޕާލް އަދި ތައިލެންޑާއި ޗައިނާގެ ރައްޔިތުންނަށް ހާއްސަ ޕްލޭނެއް ކަމަށެވެ. މި ގައުމުތަކަކަކީ ރާއްޖޭގައި އެންމެ ގިނައިން ބިދޭސީން އުޅޭ ގައުމުތަކެވެ.
ދިރާގުން ބުނީ މި ޕެކޭޖުން ބިދޭސީ ކަސްޓަމަރުން އެމީހުންގެ ގައުމު ޚިޔާރު ކުރުމުން ހާއްސަ ފައިދާތައް ލިބިގެންދާނެ ކަމަށެވެ. އަދި ޕްރީޕެއިޑް އެހެން އޮފާތައް ވެސް ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.
މީގެ އިތުރުން މި ކޮމްބޯ ޕެކޭޖުތަކުން 25 ޕަސެންޓު އިތުރު އެލަވަންސް ލިބޭ ޕްރޮމޯޝަނެއް ވެސް ވަނީ ފަށައިފައެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މާޗު މަހުގެ 31ގެ ނިޔަލަށެވެ.
"ހެލޯ ޕްރިޕެއިޑް" ސިމް ކާޑުތައް މާލެ އަދި ހުޅުމާލޭގައި ހުންނަ ދިރާގުގެ ކަސްޓަމަ ސާވިސް ސެންޓަރުތަކުންނާއި ސޭލްސް ސެންޓަރުތަކުން ގަނެވޭނެއެވެ.
ދިރާގުގެ އެހެން ޕެކޭޖުތައް ގެންގުޅޭ ކަސްޓަމަރުންނަށް ވެސް މި ޕެކޭޖަށް ބަދަލުކުރެވިދާނެއެވެ. އެގޮތުން "PKG HELLO" ޖެހުމަށް ފަހު 444 އަކަށް އެސްއެމްއެސްއެއް ކޮށްލުމުން ޕެކޭޖު ބަދަލުކޮށްލެވޭނެ ކަމަށް ދިރާގުން ބުންޏެވެ.