ދިވެހި ސަރުކާރު އޮތީ ރާއްޖޭގެ ރައްޔިތުންގެ ފުރިހަމަ އަޣުލަބިއްޔަތާއެކު ހަމަޖެހި ފުދިގެން ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނުގެ ށ. ދަތުރުގައި ޅައިމަގަށް ވަޑައިގެން މިއަދު ދެއްކެވިވާހަކަފުޅުގައިވިދާޅުވީ އެމްޑީޕީ ފިޔަވަވައި ސަރުކާރުގައި ހިމެނޭ ހުރުހާ ބޮޑެތި ޕާޓީތަކުގެ ރާއްޖޭގެ ރައްޔިތުންގެ އަޣުލަބިއްޔަތު އެބައޮތް ކަމަށާއި ސަރުކާރު އޮތީ ހަމަޖެހިގެން ކަމަށެވެ. އަދި ފުދިފައި ކަމަށެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިއަދު މިތިބީ ވަރަށް ހަމަޖެހިގެން. އަޅުގަނޑުމެން މިތިބީ ވަރަށް ފުދިގެން. އެއީ މިއަދު ދިވެހި ސަރުކާރުގައި ހިމެނޭ އެމްޑީޕީ ފިޔަވައި ދެން އޮތް ހުރިހާ ބޮޑެތި ޕާޓީތައް. މިހުރިހާ ބޮޑެތި ޕާޓީތަކުގެ ފަހަތުގައި، ދިވެހިރާއްޖޭގެ ރައްޔިތުންގެ އަޣްލަބިއްޔަތު އޮތީ،" ރައީސް ވިދާޅުވި އެވެ. "މިރަށުންވެސް އަދި އެހެން ރަށްރަށުންވެސް އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ އެ މަންޒަރު،"

ރައީސް ވަހީދު ވިދާޅުވީ އިވޭ އަޑުތަކަށް އެއް ގޮތަކަށްވެސް ވިސްނަން ނުޖެހޭ ކަމަށާއި ސަރުކާރުގެ މަސައްކަތާއި މަގުސަދުތަކައިގެން ކުރިއަށް ދިއުމަށް ސަރުކާރު އޮތީ ވަރަށް ސާބިތުކަމާއެކީގައި ކަމަށެވެ.

"ވަކި ބަޔަކަށް، ވަކި ޕާޓީއަކަށް، ވަކި ކުލައަކަށް ތަފާތުނުކޮށް، ހުރިހާ އެންމެން ގޮވައިގެން މަސައްކަތް ކުރަން އަޅުގަނޑުގެ ޢަޒުމް ކަނޑައަޅާފައިވަނީ. އެގޮތުން، އަޅުގަނޑު މަސައްކަތް ކުރަމުން ގެންދާނީ، ދިވެހި ރައްޔިތުންނަށް އެއްވެސް ތަފާތެއްނެތި، ހުރިހާ އެންމެންނަށް ހަމަހަމަކަމާއެކީ މަސައްކަތް ކުރެވޭތޯ. އެއީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ، ދިވެހިރާއްޖޭގެ ވެރިކަންކުރާ މީހުންނަށް ލާޒިމްކުރާ ކަމެއް. އެއީ، ވަކި މީހަކަށް ވެގެން، ވަކި ވެރިއަކަށްވެގެން ކުރަންޖެހޭ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ނައިބު ރައީސަކަށް ހުންނެވި ސަރުކާރުގައި ކަން ކުރަމުން ގެންދިޔަ ގޮތަކަށް އެމަނިކުފާނުގެ ސަރުކާރުގައި ކަންތައް ނުކުރައްވާނެ ކަމަށާއި އެމަނިކުފާނުގެ އަމާޒަކަށް ހައްދަވާނީ ހުރިހާ ޕާޓީތަކެއްގެ ހުރިހާ އެންމެން ގޮވައިގެން މަސައްކަތް ކުރެއްވުން ކަމަށެވެ.

އެމްޑީޕީގެ ކައުންސިލެއް އޮންން ޅައިމަގުގައި ރައީސް ވަހީދު ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައީސް ބޭނުންފުޅުވަނީ، ގަދަބާރުން އަނެއްކާވެސް ވެރިކަމަށް ވަޑައިގަތުމަށް ކަމަށް ވިދާޅުވީ ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެ ގޮތުން އެންމެ ބޮޑަށް ފާހަގަ ކުރެއްވެވީ ރައީސް ނަޝީދު ޅައިމަގުގައި ވެވަޑައިގެންފައިވާ ވައުދުތަކެވެ.

"މިރަށުގެ ރައްޔިތުންނަށް އެކިފާޑުފާޑުގެ ވަޢުދުތައް ކޮށްދީފި. ނަމަވެސް، މި ވަޢުދުތަކުގެ ތެރެއިން އެއްވެސް ވަޢުދެއް ނުފުދި މިދަނީ... މިރަށުގެ ސްކޫލް، އެހެން ތަނަކަށް ބަދަލުކުރަން ވެސްވަނީ ވަޢުދުވެފައި. މިރަށު ނަރުދަމާ ހެދުމަށްވެސްވަނީ ވަޢުދުވެފައި. ނަމަވެސް، މިއިން އެއްވެސް ކަމެއް އަދި މިދަނީ ނުކުރެވި. އަޅުގަނޑު ތިޔަބޭފުޅުންނަކަށް މިއަދު ވަޢުދެއް ނުކުރާނަން. އެހެން ނަމަވެސް، އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާނަން، ﷲ އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުންނަށް ކުރިމަތިވެފައިވާ ބޮޑެތި ކަންތައްތަކުގެ ތެރެއިން އެންމެ ކަމެއް ނަމަވެސް އަޅުގަނޑުމެންނަށް ކޮށްދެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަން،" ރައީސް ވަހީދު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކުރީގެ ރައީސް މިރަށަށް ޅައިމަގަށް ވަޑައިގެން ވައުދުތައް ވެވަޑައިގަތުމަށްފަހު އެނބުރި ވަޑައިގެން މިއަހަރުގެ ބަޖެޓްގައި ބޮޑު ލާރިއެއް ވެސް އެކަންކަމަށް ކަނޑައަޅުއްވާފައެއް ނެތް ކަމަށެވެ. އަދި އެކަންކަން ހުރީ ހުވަފެނެއްގެ ގޮތުގައި ކަމަށެވެ.

"މިރަށުގައި ގޭސްހޮޅި ވެސް އަޅައި، ބަޔަކު ލައްވައި އެކަން ކުރުވާނެ ކަމަށް ވިދާޅުވެ، އެކަންވެސް އަޅުގަނޑު ދެންމެ މި ބަލަމުންގެންދާ ފޮތުގައި އެބައޮތް. އެކަމަކު އެކަން ކުރާނެ ގޮތެއް އަޅުގަނޑަކަށް ކުއްލިއަކަށް ގެސްޓް ހައުސް އަޅައިގެން ކުރެވޭނެ ކަމަކަށް އަޅުގަނޑަކަށް ނުވިސްނޭ. ވީމާ، ހައްތަހާވެސް އިތުރުފުޅު ހައްދަވަމުން ގެންދަވާފައި މިހިރީ. އެއްވެސް ވަޢުދެއް ފުއްދަވާކަށް، އެކަމުގައި އެއްވެސް ސީރިއަސް ކަމެއް އޮވެގެން، ހިތްހެޔޮކަމާއެކީގައި، އިޚްލާޞްތެރިކަމާއެކީގައި އެކަން ކުރައްވާކަށް ގަސްތު ކުރައްވާފައެއް ނެތް،" ރައީސް ވިދާޅުވި އެވެ.

ޅައިމަގަކީ އިރުވައި މޫސުމުގައި ރާޅުއަރާ ރަށެއް ކަމަށް ފާހަގަ ކުރައްވަމުން ވެސް ރައީސް ވަހީދު ވަނީ ކުރީގެ ރައީސަށް ފާޑު ވިދާޅުވެފަ އެވެ. ވިދާޅުވީ ވާހަކަތައް އިތުރުކުރުމުގެ ބަދަލުގައި، ޖެހޭނީ، ކަންކަން ރަނގަޅު ކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަން ކަމަށާއި ދުނިޔޭގެ ކުރިމަތީގައި ތިމާވެށީގެ ވާހަކަ ދެއްކިއަސް ރާއްޖޭގައު ހުރި އެފަދަ މައްސަލަތަކަށް ހައެއްލެއް ހޯދަން މަސައްކަތް ކުރެވިފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެން ދުނިޔޭގެ ކުރިމަތީގައި، ދިވެހިރާއްޖެއަކީ ތިމާވެށީގެ ގޮތުން ނާޒުކު ޤައުމެކޭ ކިޔައި ވާހަކަ ދައްކާއިރުގައި، އަޅުގަނޑުމެންގެ އެކިއެކި ކުދި ރަށްރަށުގައި ކުރަންހުރި ކަންތައްތައް މިދަނީ ނުވެ. އަޅުގަނޑުމެން މިދަނީ ހަމައެކަނި ބޭރުގެ ދުނިޔޭގައި، ދިވެހިރާއްޖެއަކީ ތިމާވެށީގެ ކަންކަމުގައި މުޅި ދުނިޔޭގެ ލީޑަރެކޭ ކިޔައިގެން ވާހަކަ ދައްކަމުން. އެކަމަކު ކޮބައިތޯ، އަޅުގަނޑުމެންގެ ރާއްޖޭގައި، އަޅުގަނޑުމެންގެ ރައްޔިތުންނަށް ކޮށްދެވޭ ކަމަކީ، ތިމާވެށި ރަނގަޅު ކުރުމަށްޓަކައި. އަޅުގަނޑުމެން ގަސްތުކުރަނީ، އެ ހުރިހާ ވާހަކަތައް ދުނިޔޭގެ ބަޔަކާ ދައްކާކަށް ނޫން. އަޅުގަނޑުމެންގެ ރަށްރަށަށް ކުރިމަތިވެފައި އޮތް ތިމާވެށީގެ މައްސަލަތައް ޙައްލު ކުރުމަށްޓަކައި، އެކަމަށް ވަކި މަޝްރޫޢުތަކެއް ރާވައިގެން ހިންގަން،" ރައީސް ވިދާޅުވި އެވެ.