ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ލިފްޓަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް، ތިން ޓަވަރެއްގެ ލިފްޓުގެ ހިދުމަތް މެދުކަނޑައިލައިފިއެވެ.

ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ މަރާމާތަށް ފުރަތަމަ މެދުކަނޑައިލަން ނިންމައިފައިވަނީ އެޗް8 ޓަވަރުގެ ހަތަރު ވަނަލިފްޓާއި އެޗް9 ޓަވަރުގެ ދެ ވަނަ ލިފްޓުގެ އިތުރުން އެޗް12 ޓަވަރުގެ 2 ވަނަ ލިފްޓު ކަމަށެވެ.

މި ތިން ލިފްޓު ބަންދުކުރަން ނިންމައިފައިވަނީ އެއް ހަފްތާގެ މުއްދަތަކަށެވެ.

އެޗްޑީސީން ބުނީ މަރާމާތަށް ބޭނުންވާ ސްޕެއާ ޕާޓްސް ލިބުމާއެކު، ހަފްތާއެއްގެ ތެރޭގައި މި ލިފްޓުތަކުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ހަމައެހެންމެ ލިފްޓު ބަންދު ކުރުމާ ގުޅިގެން ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް އެޗްޑީސީން ވަނީ މައާފަށް އެދިފައެވެ.

ހިޔާ ފްލެޓްތަކުގެ ބައެއް އިމާރާތްތަކުގައި ހަތަރު ލިފްޓް ހުންނައިރު އަނެއްބައި އިމާރާތްތަކުގައި ހުންނަނީ ތިން ލިފްޓެވެ.

ހިޔާ ފްލެޓުތަކުގެ އަދަދު މަދުވުމާއި، ބައެއް ލިފްޓުތައް ތާށިވުމުގެ ޝަކުވާއަކީ ހިޔާގައި ދިިރިއުޅެމުން އަންނަ ރައްޔިތުން އަބަދު ވެސް ކުރަމުން އަންނަ ޝަކުވާއެކެވެ. އެކަންކަން ހައްލުކުރުމަށް އެޗްޑީސީން އަންނަނީ އަބަދު ވެސް މަސައްކަތް ކުރަމުންނެވެ.

ހިޔާ ފްލެޓްތަކުގެ ލިފްޓަށް ދިމާވާ މައްސަލަތައް ހައްލުކުރަން އެޗްޑީސީން ވަނީ ކޮންޓެކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން، ލިފްޓަށް ދިމާވާ މައްސަލަތައް ބަލައި ހައްލު ކުރުމާއި، މެއިންޓެނެންސް މަސައްކަތް އެ ކުންފުނިން ކުރާނެއެވެ.