ތެހެރާން (16 ޖަނަވަރީ): ސައޫދީ އަރަބިޔާ އާއި އީރާނުގެ ގުޅުންތައް ރަނގަޅު ކުރުމަށް ކުރަމުން ގެންދާ މަޝްވަރާތަކުގެ ދަށުން ކޮންމެ ގައުމެއްގައިވެސް އަނެއް ގައުމުގެ އެންބަސީ އަލުން ހުޅުވުމަށް މިހާރު އެއްބަސްވެވިފައިވާކަން އީރާނުން ހާމަކޮށްފިއެވެ.

އީރާންގެ ޕާލަމެންޓްގެ ގައުމީ ސަލާމަތާ އަދި ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޝަންގެ މެމްބަރު ޖަލީލް ރަޙީމީ ޖިހާން އާބާދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އީރާނާއި ސައޫދީން މިހާރު ގެންދަނީ ދެގައުމުގެ ދެމެދުގައި އަލުން އެންބަސީ ހުޅުވުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން ކަމަށެވެ.

ސައޫދީ އަރަބިޔާ އާއި އީރާނުގެ ގުޅުންތައް ރަނގަޅު ކުރުމުގެ މަޝްވަރާތައް ކުރިޔަށްދަނީ އިރާގުގައެވެ. ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މިމަޝްވަރާތައް މިހާރު އޮތީ އަލުން އެމްބަސީ ހުޅުވުމާ ހިސާބުގައިކަން އީރާނުގެ ނޫސްތަކުންވެސްވަނީ ހާމަކޮށްފައެވެ.

ސައޫދީ އަރަބިޔާއިން މިކަން ދޮގުކޮށްފައެއް ނުވެއެވެ. އަދި ސައޫދީ ޚާރިޖީ ވުޒާރާއިންވެސްވަނީ މަޝްވަރާތައް ކުރިޔަށްދަނީ ރަނގަޅު މިސްރާބަކަށްކަން ކުރިން ހާމަކޮށްފައެވެ. ނަމަވެސް ދެގައުމުގެ ދެމެދުގައި އަލުން ޑިޕްލޮމެޓިކް ގުޅުންތައް ގާއިމްކުރާނެ ތާރީޚެއް އަދި އިއުލާން ކޮށްފައެއް ނުވެއެވެ.

އީރާނާއި ސައޫދީގެ ގުޅުންތައް ގޯސްވީ މެދުއިރުމައްޗާއި ގަލްފުގެ ސަރަހައްދުގައި އެދެގައުމު އަދާކުރާ ވާދަވެރި ދައުރުގެ ސަބަބުންނެވެ. ސައޫދީ އަކީ މެދުއިރުމައްޗާއި ގަލްފުގެ ސަރަހައްދުގައި ބާރާއި ނުފޫޒު ހިންގުމަށް އެމެރިކާއާއި ޔޫރަޕްގެ ގައުމުތައް ކުރަމުންގެންދާ މަސައްކަތްތަކުގެ ބައިވެރިއެކެވެ. ހުޅަނގުގެ ޒަމާންވީ ސަރަހައްދީ އެޖެންޓެކެވެ.

މިއާ ޚިލާފަށް އީރާނަކީ މުޅިން އަމިއްލަ ނަފްސަށް ބަރޯސާވުމުގެ ސިޔާސަތެއް ގެންގުޅޭ އަދި އަމިއްލައަށް ބާރަކަށްވުމަށް މަސައްކަތްކުރާ އެމެރިކާއާއި ޔޫރަޕްގެ ޒަމާންވީ ވާދަވެރިއެކެވެ. އަދި ދުޝްމަނެކެވެ. އަދި އީރާނަކީ ގަލްފުގެ ސަރަހައްދުގައި ބާރާއި ނުފޫޒު ހިންގުމަށާއި ފަލަސްތީނުގައި އިސްރާއީލުގެ އިސްތިއުމާރު ދެމެހެއްޓުމަށް އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ހިންގާ ހަރަކާތްތަކާ ދެކޮޅަށް ސީދާ ގޮތެއްގައި މަސައްކަތްކުރަމުން ގެންދާ ގައުމެކެވެ. މިއާއެކު އެެމެރިކާއާއި ޔޫރަޕްގެ ދަތިކުރުމުގެ ފިޔަވަޅުތަކާއި އެމެރިކާއާއި އިސްރާއިލުގެ ބިރުދެއްކުންތަކާ އަދި ސަރަހައްދުގައިވާ އެމެެރިިކާގެ އެޖެންޓުންގެ ފިއްތުންތައްވެސް ފާއިތުވި 43 އަހަރު އީރާނަށްވަނީ ކުރިމަތިލާންޖެހިފައެވެ.

މީގެ އިތުރުން އިސްރާއީލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ކުރިމަތިކުރާ ނުފޫޒާ ކުރިމަތިލުމަށްޓަކައި ސަރަހައްދުގެ އަރަބި ގައުމުތަކާއި ގަލްފުގެ ކަނޑުގައި އަމިއްލަ ބާރާއި ނުފޫޒު ހިންގުމަށް އީރާން ގެންދަނީ ސްޓްރެޓީޖިކް ރޭވުންތަކެއްގެ ދަށުން މަސައްކަތް ކުރަމުންނެވެ.

ދެގައުމުގެ ދެމެދުގައިވާ އަސްލު މައްސަލައަކީ ސުންނީ ޝިޔައީންގެ މެދުގައި އޮންނަ މަޛްހަބީ އަރާރުންތަކެއް ނޫނެވެ. ނަމަވެސް ދެގައުމުގެ ދެމެދުގައި އޮންނަ ސިޔާސީ އަރާރުންތަކުގެ ތެރެއަށް ސިޔާސީ ބޭނުންތަކުގައި ސުންނީ ޝިޔައީ މަޛްހަބީ ދެބަސްވުންތައް ވެއްދުމަށް ދެގައުމުންވެސް ގެންދަނީ މަސައްކަތް ކުރަމުންނެވެ.

ސައޫދީ އާއި އީރާނުން ސިޔާސީ ގުޅުންތައް ކަނޑާލީ 2016 ވަނައަހަރުގެ ޖަނަވަރީ މަހުގެތެރޭގައެވެ. އެދެ ގައުމުގެ ދެމެދުގައި މައްސަލަޖެހި އެމްބަސީ ބަންދުކުރުގެ ކުއްލި ސަބަބަކަށްވީ ސައޫދީގެ ޝީޔައީ ދަންނަބޭކަލެއްކަމަށްވާ ބާގިރު ނިމްރު އައްނިމްރު ގެ މައްޗަށް ސައޫދީން މަރުގެ ހުކުމް އިއްވައި އެހުކުމް ތަންފީޒުކުރުމެވެ. ސައޫދީން ނިމްރު އައްނިމްރު ގެ ކަރުބުރިކޮށް އޭނާ އަވަހާރަކޮށްލުމުން އީރާނުގެ އާންމުންވަނީ ރުޅިވެރިކަމާއެކު ތެހެރާންގައި ހުންނަ ސައޫދީ އެންބަސީގައި ހުޅުޖަހާފައެވެ.

މިއާއެކު ސައޫދީން އީރާނާ ގުޅުންތައް ކަނޑާލިއެވެ. ނަމަވެސް ނިމްރު އައްނިމްރުގެ ކަރުބުރިކޮށްލުމުގެ ކުރިން ސައޫދީއާއި އީރާނުގެ ގުޅުންތައް އޮތީ ވަރަށްބޮޑަށް ގޯސްވެފައެވެ. މީގެތެރޭގައި ޔަމަންގެ ހޫޘީންނަށް އީރާނުން އެހީތެރިވުމާއި އަދި ޔަމަންގެ ހޫޘީންނާއި އެގައުމުގެ ސަރުކާރުގެ މެދުގައި އުފެދުނު ހަނގުރާމައިގެ ތެރެއަށް އެމެރިކާގެ އަސްކަރީ އެހީތެރިކަމާއެކު ސައޫދީ އަރަބިޔާ ވަދެގަތުން ހިމެނެއެވެ.

އީރާންގެ ޚާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުލާހިޔާން ވިދާޅުވިގޮތުގައި އީރާނާއި ސައޫދީގެ މަޝްވަރާތައް މިހާރު އޮތީ ދެ ގައުމުން ކުރަން ކަނޑައަޅާ ކަންތައްތައް ހަމަޖެއްސުމާ ހިސާބުގައެވެ. މި މަޝްވަރާތައް ކުރިއަށް ދަނީ ދެ ގައުމަށް އެންމެ ފައިދާ ބޮޑު ގޮތަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އީރާނާއި ސައޫދީގެ ގުޅުންތައް ރަނގަނޅުވާންފެށީ އީރާނާއި އެމެރިކާއާ ދެމެދު ޔޫރަޕްގައި ނިއުކްލިއާ މަޝްވަރާތައް ކުރިޔަށްދާ ދަނޑިވަޅެއްގައެވެ. ހުޅަނގާއި އީރާނުގެ ގުޅުންތައް އަނެއްކާވެސް ރަނގަނޅުވާން ފެށުމުންނެވެ. ނިއުކްލިއާ މަޝްވަރާތައް ކުރިޔަށްދަނީ އެމެރިކާ އީރާނުގެ ނިއުކްލިއާ އެއްބަސްވުމަށް އަލުން އެނބުރި ރުޖޫއަވެ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ މައްޗަށެވެ. މިއާއެކު އީރާންވެސް ނިއުކްލިއާ އެއްބަސްވުމާ ޚިލާފަށް ހިންގާ ނިއުކްލިއާ ހަރަކާތްތައް ހުއްޓާލުމުގެ މައްޗަށެވެ.