އިންޑިއާއާއި ރަޝިއާއިން އެކުވެގެން އުފައްދާފައިވާ މިސައިލް ސިސްޓަމެއް ގަންނަން ފިލިޕިންސުން އެއްބަސްވުމެއް ހަދައިފިއެވެ.

ފިލިޕިންސްގެ ދިފާއީ ވަޒީރު ވަނީ މިކަން ހާމަކުރައްވާފައެވެ.

އިންޑިއާ ސަރުކާރާއެކު ފިލިޕިންސުން ހަދާފައިވާ 375 މިލިއަން ޑޮލަރުގެ އެއްބަސްވުމުގެ ދަށުން ބްރާމޯސް އެއަރޮސްޕޭސް ޕްރައިވެޓް ލިމިޓެޑުން ތިން ބެޓެރިއާއި، ޓްރެއިން އޮޕަރޭޓަރުންނާއި މެއިންޓެއިނަރުން އަދި ލޮޖިސްޓިކަލް އެހީ ފޯރުކޮށްދޭނެއެވެ.

ފިލިޕިންސުން އެ މިސައިލް ސިސްޓަމް ގަންނަނީ އެގައުމުގެ އަސްކަރިއްޔާ ހަރުދާނަކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ.

ބްރާމޯސް އެއަރޮސްޕޭސް ޕްރައިވެޓް ލިމިޓެޑަކީ އިންޑިއާއާއި ރަޝިއާގެ ޖޮއިންޓް ވެންޗާ ކުންފުންޏެކެވެ. އަދި އެ ކުންފުނިން މި މިސައިލް ސިސްޓަމް ގަންނަ ފުރަތަމަ ގައުމަކަށް ވާނީ ފިލިޕިންސްއެވެ.

ޗައިނާއިން ފިލިޕިންސުގެ ކަނޑުގެ ސަރަހައްދަށް ވަދެ އަސްކަރީ ހަރަކާތްތައް ހިންގާތީ އެ ގައުމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި މިސައިލް ސިސްޓަމާއެކު ފިލިޕިންސަށް އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒީ)ގެ 370 ކިލޯމީޓަރުގެ ސަރަހައްދަކަށް ފާރަ ލެވޭނެއެވެ.

ޗައިނާއިން ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުތަކަށް އަތްގަދަ ކުރަމުން އަންނަ މައްސަލަ ގިނަ ގައުމުތަކުން ވަނީ ޖައްސާފައެވެ. އެގޮތުން ބްރޫނައި، މެލޭޝިއާ، ވިއެޓްނާމް، ޓައިވާން އަދި ފިލިޕިންސުން ވަނީ މި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.