އަންނަ އެޕްރީލް މަހުގެ 14 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ ތިމަރަފުށީ ދާއިރާގެ ބައިއިލެކްޝަނަށް ވޯޓްލުމުގެ ހައްގުލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ މުއްދަތު ހަމަވި އިރު އަށް ޝަކުވާއެއް ހުށައަޅާފައިވާ ކަމަށް އިލެކްޝަނުން ބުނެފި އެވެ.

އިލެކްޝަނުން ބުނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް މުއްދަތު ހަމަވި އިރު ހުށައަޅާފައިވާ ޝަކުވާތެރޭގައި ހިމެނެނީ ވޯޓްދިނުމުގެ ހައްގުލިބިފައިވާ މީހުންގެ ރަޖިސްޓްރީގައި ނަން ނެތުމުގެ ސަބަބުން ހުށައެޅިފައިވާ ހަތަރު ސަކުވާ އަކާއި ނަން ނުބައިކޮށް އޮތުމުގެ ސަބަބުން ހުށައެޅިފައިވާ ހަތަރު ޝަކުވާއެއް ކަމަށެވެ.
އިލެކްޝަނުން ބުނީ ހުށައެޅިފައިވާ އަށް ޝަކުވާ ދިރަސާކުރުމަށް ފަހު ވޯޓްލުމުގެ ހައްގުލިބިފައިވާ މީހުންގެ ލިސްޓަށް ބަދަލުގެނެސް އަލުން ގެޒެޓް ކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

ތިމަރަފުށީ ބައިއިލެކްޝަނުގެ އިތުރުން ހަމަ އެ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ ބައިއިލެކްޝަނާއި ހދ. ކުމުންދޫ ރަށު ކައުންސިލްގެ ބައިއިލެކްޝަނާއި ތ. ގާދިއްފުށީ ކައުންސިލްގެ ބައިއިލެކްޝަނަށް ވޯޓްދިނުމުގެ ހައްގުލިބިފައިވާ މީހުންގެ ލިސްޓްތަކަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު މިދިޔަ ހުކުރު ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ.