އިނގިރޭސިވިލާތުގެ ޕާލަމެންޓްގެ ތިރިގޭގެ (ހައުސް އޮފް ކޮމަންސް) ބާއެއްގައި މެންބަރުންތަކަކަށް ހަމަލާދެއްވުމުން އިނގިރޭސި ޕާލަމެންޓްގެ މެމްބަރަކު ބާއަށް ވަނުން ތިން މަސް ދުވަހަށް މަނާކޮށް، 3000 ޕައުންޑުން ޖޫރިމަނާކޮށްފި އެވެ.

ތިންހާސް ޕައުންޑުން ޖޫރިމަނާ ކުރުމަށް މެމްބަރު އެރިކް ޖޮއިސްގެ މައްޗަށް ވެސްޓްމިންސްޓާ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކުރީ ސިޔާސީ ފަރާތްތަކަށް ހަމަލާ ދެއްވި ކަމަށް އޭނާ އިއުތިރާފުވެވަޑައިގެންނެވިތާ ތިން މަސް ދުވަސް ފަހުން ކަމަށް ބީބީސީ ބުންޏެވެ.

ކޯޓުގެ ހުކުމް އައި ނަމަވެސް ޕާލަމެންޓްގައި ދެމިހުންނަވާނެ ކަމަށް އެރިކް (ފޮޓޯގައި) ވިދާޅުވި އެވެ. ނަމަވެސް 2015ގައި އޮންނަ އިންތިހާބުގައި ވާދަނުކުރައްވާނެކަން އޭނާ ކުރިން ވަނީ ހާމަކުރައްވައިފަ އެވެ.

އަދި ހިނގައި ދިޔަ ކަންތައްތަކަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށާއި އަމިއްލަ ނަފުސަށް ލަދުވެތިވެވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައި ނުގަތް ކަމަށް ޓަކައި އުފާކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮންޒަވޭޓިވް ޕާޓީގެ މެމްބަރަކަށް ހަމަލާދެއްވުމާ ގުޅިގެން ހުކުމް އައި، ލޭބަ ޕާޓީ އަށް ނިސްބަތްވެވަޑައިގަންނަވާ އެރިކް،އާ މެދު ސުލޫކީ ފިޔަވަޅު އެޅުމަށް ބަލަން ޖެހޭ ކަންތައްތައް ބަލައި ނިމުމުން އެ ޕާޓީން އޭނާ ވަކިކުރާނެކަން ބީބީސީ އަށް އެނގިފައިވާ ކަމަށް ވެސް އެ އެޖެންސީ އިން ބުންޏެވެ.

އެރިކްގެ މައްޗަށް މިފަދަ ހުކުމެއް އައީ ބާއެއް ތެރޭގައި އޭނާ މޭޒުތައް އެފުށް މިފުށަށް ޖައްސަވައި، ދެ މެމްބަރެއްގެ ގައިކޮޅުން ލޭ އޮހޮރުވާލެއްވި ކަމާއި އޭނާ ހައްޔަރުކުރަން އައި ފުލުހުންނަށް ވެސް ހަމަލާދެއްވިކަން ސާބިތުވުމާ ގުޅިގެންނެވެ.