15 Jan 2022, 21:57
އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗްގައި އެ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ޗެލްސީ ބަލިކޮށްފިއެވެ.
ސިޓީ މޮޅުވެފައިވަނީ އެ ޓީމުގެ މިޑްފީލްޑަރު ކެވިން ޑިބްރޫނާ ޖަހައިދިން ހަމައެކަނި ގޯލުންނެވެ.
މެޗު ފަށައިގެން ނުރައްކާތެރި ހަމަލާތަކެއް އުފައްދަމުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ މެންޗެސްޓާ ސިޓީންނެވެ.
އެ ގޮތުން މެޗުގެ 38 ވަނަ މިނެޓުގައި މެންޗެސްޓާ ސިޓީގެ އިނގިރޭސި ކުޅުންތެރިޔާ ޖެކް ގްރީލީޝްއަށް ވަނީ ލީޑު ނަގާނެ ރަނުގެ ފުރުސަތެއް ލިބި ބޭކާރު ވެފައެވެ.
ސިޓީގެ ރަހީމް ސްޓާލިން އޭރިއާބެރުން ގޯލު ކުރިމަތީގައި ހުރި ގްރީލިޝްއަށް ބޯޅަ ދިންއިރު އޭނާއަށް ހުރަސްއަޅަން ހުރީ ޗެލްސީގެ ގޯލްކީޕަރު ކެޕާ އަރިއްޒަބަލާގާ އެކަނެޏެވެ. ނަމަވެސް ގްރީލިޝް ތިރިތިރިން ފޮނުވާލި ބޯޅަ ކެޕާ ގައިގާ ޖެހިފައި ދިޔައީ އަރިމަތިން ބޭރަށެވެ.
އެހެންނަމަވެސް މެޗުގެ 70 ވަނަ މިނެޓާ ހަމައަށް މެޗު އޮތީ ގޯލެއް ނުޖެހި ހަމަހަމަކޮށެވެ. ދެ ޓީމަށްވެސް ގޯލު ޖަހާނެ ފުރުސަތު ލިބުނެވެ.
މެޗުގެ 70 ވަނަ މިނެޓުގައި ސިޓީގެ ކެޕްޓަން ބޭންޑު އަޅައިގެން މިއަދު މޮޅު ކުޅުމެއް ދެއްކި ޑިބްރޫނާ ވަނީ ހިތްގައިމު ގޯލެއް ޖަހާފައެވެ. ޗެލްސީގެ ޑީ އޭރިއާ ބެރުން ޑިބްރޫނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ. މިއީ މި ސިޒަނުގައި އޭނާ އެ ޓީމަށް ޖަހައިދިން ހަ ވަނަ ގޯލެވެ.
މި މޮޅާއެކު ސިޓީން ވަނީ ދެވަނައިގައި އޮތް ޗެލްސީގެ ކުރިން 13 ޕޮއިންޓުގެ ލީޑުގައެވެ. ބާކީ 16 މެޗު އޮށްވައި ސިޓީން ވަނީ މި ބޮޑު ލީޑާއެކު އެއްވަނައިގައި ހަމަޖެހިލައިފައެވެ.