10 Mar 2012, 11:08
މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ކުރިއަށްދާ އޭއެފްސީ ޗެލެންޖް ކަޕުގައި އިއްޔެ އިންޑިޔާއާ ދެކޮޅަށް ކުޅުނު މެޗް 2-0 ލަނޑުން ތަޖިކިސްތާނުން ކާމިޔާބު ކޮށްފި އެވެ.
މުބާރާތުގެ ގްރޫޕް ބީ ގައި ވާދަކުރާ މި ދެޓީމް އިއްޔެ ކަތަމަންޑޫގެ ދަރަސަތު ރަންގަސަލާ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ތަޖިކިސްތާނުން މެޗުގެ ލީޑްނަގައި އިންޑިޔާގެ މައްޗަށް ކުރި ހޯދީ ދެ ވަނަ ހާފުގެ ފުރަތަމަ ހަ ވަނަ މިނެޓުގަ އެވެ. އެ ލަނޑު ތަޖިކިސްތާނަށް ކާމިޔާބު ކޮށްދިނީ ހުނަރުވެރި ފޯވާޑް އަހްތަމް ކަމްރަކުލޮވް އެވެ. އަދި އޭގެ ހަތަރު މިނެޓް ފަހުން ތަޖިކިސްތާންގެ މިޑްފީލްޑަރު ނުރިއްދީން ޑަވްރޮނޮވް ވަނީ މެޗުގެ ލީޑް 2-0 ލަނޑަށް ބަދަލުކޮށްލައި ވާދަވެރި އިންޑިޔާގެ ނުރައްކާތަކަށް ހުރަސްއަޅައި އިންޑިޔާގެ ގޯލަށް އިތުރަށް ނުރައްކާ ކުރަންފަށައިފަ އެވެ.
މެޗުގެ ފުރަތަމަ ހާފަށް ވުރެ، ދެވަނަ ހާފުގައި ދެ ޓީގެ ކުޅުން ފޯރިގަދަވި ކަމުގައި ވިޔަސް، މެޗުގެ ލީޑްނަގައި ހިތްހަމަޖެހިގެން ތިބި ތަޖިކިސްތާންގެ ޓީމުން ދެ ވަނަ ހާފުގައި އެޓީމުގެ ޑީފެންޑަރު ލައިން ވަރުގަދަކޮށް އިންޑިޔާގެ ފޯވާޑުލައިން ހިފަހައްޓަމުންނެވެ. ނަތީޖާއަކަށް ވީ މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނުއިރު، ފައިދާ ދެ ގޯލާއެކު ގްރޫޕުން ތިން ޕޮއިންޓް ތަޖިކިސްތާނުން ހޯދުމުންނެވެ.
މިގްރޫޕްގައި އިއްޔެ ކުޅުނު ދެ ވަނަ މެޗް ކާމިޔާބުކުރީ، މިފަހަރުގެ މުބާރާތް ކާމިޔާބުކުރާނެ ކަމަށް ގިނަ ބަޔަކު ބުނަމުން އަންނަ އެންމެ ފަހުގެ ޗެމްޕިއަން އުތުރު ކޮރިޔާއެވެ. ޕިލިޕީންސްއާ ދެކޮޅަށް ކުޅެ މިމެޗް ކޮރިޔާއިން ކާމިޔާބު ކުރީ 2-0 ލަނޑުން ނެވެ. މެޗުގައި ކޮރިޔާގެ ފުރަތަމަ ލަނޑު މެޗުގެ ދެ ވަނަ ހާފުގެ ފުރަތަމަ ތިން މިނެޓުގެ ތެރޭގައި އެޓީމުގެ މިޑްފީލްޑަރު ޕަކްނަމް ޗޯލް ކާމިޔާބު ކޮށްދިން އިރު، ދެ ވަނަ ލަނޑު 70 ވަނަ މިނެޓުގައި ކޮރިޔާއަށް ކާމިޔާބު ކޮށްދީ މެޗުގެ ލީޑް އެޓިމަށް ނަގައި ދިނީ ޑިފެންޑަރު ޖަންގް ކުކް ޗޯލްއެވެ.
މިމުބާރަތުގައި މިއަދު ވެސް ގްރޫޕް އޭ ގެ ދެމެޗް ކުޅުމަށް ހަމަޖެހިފައި ވާއިރު ފުރަތަމަ މެޗުގައި ރާއްޖެ ގަޑިން މެންދުރު ފަހު 2:15 ގައި ބައްދަލުކުރާ ދެޓީމަކީ ތުރުކުމެނިސްތާނާ ފަލަސްތީނެވެ. މިއަދުގެ މެޗަށް ތުރުކުމެނިސްތާން ނިކުންނައިރު އެޓީމް ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެއާދެކޮލަށް ކުޅެ 3-1 ލަނޑުން މޮޅުވެފަ އެވެ. އަދި ފަލަސްތީން ވެސް ވަނީ މުބާރާތް ބާއްވާގައުމު ކަމުގައިވާ ނޭޕާލް އަތުން މިދިޔަ ބުރާސްފަތި ދުވަހު 2-0 ލަނޑުން މޮޅުވެފައެވެ. މިއަދުގެ މެޗަށް މިދެޓީމް ނިކުންނައިރު ކޮންމެ ޓީމަކަށް ވެސް ލިބިފައި ވަނީ ތިން ޕޮއިންޓެވެ. އެހެންކަމުން މިއަދުގެ މެޗުން މޮޅުވާ ޓީމަކަށް ގްރޫޕްގެ އެއްވަނަ ލިބޭނެއެވެ. މިމެޗް ކުޅޭނީ ކަތަމަންޑޫގެ ހަލްޗޯވްކް ސްޓޭޑިއަމްގަ އެވެ.
މިއަދުގެ ދެ ވަނަ މެޗަށް ރާއްޖެ ގަޑިން ހަވީރު 4:15 ގައި ރާއްޖެ އާ ދެކޮޅަށް ނޭޕާލް ނިކުންނައިރ، މި ދެޓީމަށް އަދި މުބާރާތުގައި މޮޅެއް ލިބިފައެއް ނުވެއެވެ. އެހެން ކަމުން މިއަދުގެ މެޗަކީ ދެ ޓީމަށް ވެސް، މޮޅެއް ހޯދުމަށް ބޮޑު މެޗަކަށް ވާނެއެވެ. މެޗް ކުލޭނީ ކަތަމަންޑޫގެ ދަރަސަތު ރަންގަސަލާ ސްޓޭޑިއަމްގަ އެވެ.