މެޖިސްޓްރޭޓުން ނެތް ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓްތަކުގެ ތެރެއިން 46 ކޯޓަކަށް މެޖިސްޓްރޭޓުން ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އިއުލާން ކޮށްފި އެވެ.

މިދިއަ ބުރާސްފަތި ދުވަހު ޖޭއެސްސީން ކޮށްފައިވާ އިއުލާނެއްގައި ބުނަނީ މެޖިސްޓްރޭޓުން ބޭނުންވާ 46 މެޖިސްޓްރޭޓް ކޯޓް އެބަހުރި ކަމަށެވެ. އޭގެ ތެރެއިން 43 ކޯޓަކަށް އިސް މެޖިސްޓްރޭޓުން ބޭނުންވާއިރު އަނެއް ތިން ކޯޓަށް މެޖިސްޓްރޭޓުން ބޭނުންވާ ކަމަށެވެ. އަދި ބުނެފައި ވަނީ މެޖިސްޓްރޭޓްކަމަށް ޝަރުތު ހަމަވާނީ އިސްލާމީ ޝަރީއާއި ގާނޫނާއި ނުވަތަ ޝަރީއަތުން ޑިޕްލޮމާ އެއް އޮތުމާއެކު ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި މަދުވެގެން ދެއަހަރު ދުވަހު ހޭދަކޮށްފައިވާ ފަރާތްތައް ކަމަށެވެ.

ޖޭއެސްސީގެ މީޑިޔާ އޮފިޝަލު މިއަދު ވިދާޅުވީ މިހާރު މެޖިސްޓްރޭޓުން ބޭނުންވާ ކަމަށް އިއުލާން ކޮށްފައިވާ ރަށްތަކަކީ މިހާތަނަށް މެޖިސްޓޭރޭޓުން ނެތް ރަށްރަށް ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް އަދި ބައެއް ރަށްރަށުގެ މެޖިސްޓެރޭޓް ކޯޓުތަކަށް ބޭނުންވާ މެޖިސްޓޭރޭޓުން ހޯދަން އިއުލާން ކުރާނެ ކަމަށެވެ.

އިސް މެޖިސްޓެރޭޓެއްގެ މުސާރައާއި އިނާޔަތުގެ ގޮތުގައި މަހަކު 25600ރ. ލިބޭއިރު މެޖިސްޓްރޭޓުންގެ މުސާރާއާ އިނާޔަތަށް 23100ރ. ދެ އެވެ.

ޖޭއެސްސީން މެޖިސްޓްރޭޓް ކޯޓްތަކަށް މެޖިސްޓްރޭޓުން ހޯދަން އިއުލާންކޮށްފައި ވަނީ ފަނޑިޔާރުން ރިޓަޔާ ކުރުމުގެ ގަވައިދުގެ ދަށުން ވަރަށް ގިނަ ރަށްރަށުގެ ކޯޓްތަކުގެ މެޖިސްޓްރޭޓުން ރިޓަޔާކޮށްފައި ވަނިކޮށެވެ. އަދި މިހާރު ވެސް ވަރަށް ގިނަ މެޖިސްޓްރޭޓުން ރިޓަޔާވެވަޑައިގަތުމަށް ވަނީ އެދިވަޑައިގެންފަ އެވެ. ފަހަކަށް އައިސް ޝަރުއީ ދާއިރާއަށާއި ފަނޑިޔާރުންނަށް ބިރު ދެއްކުންތައް އިތުރުވެފައި ވުމާއި ގަސްދުގައި ހަމަލާ ދެމުން ގެންދިއުމުގެ ސަބަބުން ވެސް ބައެއް ފަނޑިޔާރުން ޝަރުއީ ދާއިރާއާ ދުރަށް ދާން ވަނީ ފަށާފަ އެވެ.