14 Jan 2022, 13:07
ހުކުރު ނަމާދަކީ ހަފްތާގައި ކުރެވޭ ކުދި ފާފަތަކުގެ ކައްފާރާއެއްކަން ހަނދާން ކޮށްދެމުން، މިއަދުގެ ހުކުރު ޚުތުބާ، ހުކުރުގެ ދަރުމަ ފުރިހަމައަށް ލިބިގަތުމަށް ހާއްސަ ކޮށްފިއެވެ.
ބޮޑެތި ފާފަތައް ނުކުރާނަމަ، ފަރުޟު އެއް ނަމާދުން އަނެއް ނަމާދަށް، އެއް ހުކުރުން އަނެއް ހުކުރަށް އަދި ރަމަޟާން މަހުގެ ރޯދަ އެއް އަހަރުން އަނެއް އަހަރަށް އެއީ އެ ދެމެދުގައި ކުރެވޭ ކުދި ފާފަތަކުގެ ކައްފާރާއެއް ކަމަށް ހުތުބާއި ބުންޏެވެ.
އިންސާނުންނަށް މާތް ﷲ މިފަދަ މަތިވެރި ހެޔޮކަމުގެ މޫސުންތައް ކެނޑި ނޭޅި ތަކުރާރު ކޮށްދެއްވާފައި ވާއިރު، އެ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ހުތުބާގައި ގޮވާލިއެވެ. އަދި ދުވަސްތަކުގެ ތެރެއިން އެންމެ ހެޔޮ އެއް ދުވަހަކީ، ބަރަކާތުން ފުރިގެންވާ ހުކުރު ދުވަސް ކަމަށް ވެސް ހުތުބާގައި ބުންޏެވެ.
"ހުކުރު ދުވަހަކީ، އެ ދުވަހެއްގައި ދުއާ އިޖާބަ ކުރައްވާ ހާއްސަ ވަގުތުކޮޅެއް ވާ ދުވަހެއް. އެވަގުތަކީ، ހުކުރު ދުވަހުގެ އަސުރު ނަމާދަށް ފަހު އިރު އޮއްސުމާ ދެމެދުގައިވާ ވަގުތު ކޮޅެއް ކަމުގައި އައިސްފައިވޭ. ނުވަތަ އެއީ އިމާމު މިންބަރުގައި އިށީނީއްސުރެ ހުކުރު ނަމާދުކޮށް އަވަދިވެއްޖައުމަށް ދާންދެން އެވާ ވަގުތު ކަމުގައިވެސް ރިވާވެގެންވޭ،" ހުތުބާގައި ބުންޏެވެ.
ހުކުރު އަޅާ މީހުންގެ ހިތްތަކުގައި ސިއްކަ ޖައްސަވާނެ ކަމަށް ރަސޫލާގެ ޙަދީޘެއްގައި ވާކަމަށް ބުނަމުން، ހުކުރު ނޭޅުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރި ވެފައެވެ.
މީގެ އިތުރުން ހުކުރު ދުވަހު ކުރެވޭ އެންމެ މަތިވެރި އަޅުކަމަކީ ހުކުރު ނަމާދު ކަމަށް ވީއިރު، ހުކުރު ނަމާދަށް އަވަސްވެގަތުމަށް ކީރިތި ގުރުއާނުގައި އަންގަވާފައިވާ ކަމަށް ހުތުބާގައި ބުންޏެވެ.