14 Jan 2022, 11:06
ދެހާސް ވިހި ވަނަ އަހަރުގެ މެއި މަހު އިނގިރޭސިވިލާތް ލޮކްޑައުންކޮށްފައި ވަނިކޮށް ޕާޓީއެއް ބޭއްވީތީ އެގައުމުގެ ބޮޑުވަޒީރު މައާފަށް އެދިވަޑައިގަންނަވައިފިއެވެ.
ބޮޑުވަޒީރުގެ ގެކޮޅުގައި ކުރިއަށް ދިޔަ އެ ޕާޓީގައި 40 ވަރަކަށް މީހުން ބައިވެރިވިއިރު، އާންމު ރައްޔިތުން ތިބީ ގޭބަންދުގައެވެ.
އޭރު އެ ގައުމުގައި އޮތް އުސޫލުތަކުގެ ތެރެއިން ދެ ގޭބިސީއެއްގެ މީހުންނަށް ގެއިން ބޭރުގައި ބައްދަލުކުރެވޭނީ ދެ މީޓަރުގެ ދުރުމިނެއް ބަހައްޓައިގެންނެވެ. އަދި އޭރު އިނގިރޭސިވިލާތުގެ ސްކޫލްތަކާއި، ކެފޭ ރެސްޓޯރެންޓުތައް އަދި އާންމު ތަންތަން ބަންދުކުރަން ސަރުކާރުން ވަނީ އަންގާފައެވެ.
މި ޕާޓީއެއް ބޭއްވިކަން ފަޅާއެރުމާއެކު ޖޯންސަން ވަނީ އާންމުންގެ ކިބައިން މައާފަށް އެދިވަޑައިގެންފައެވެ. އަދި ގަވާއިދު ހަދާ މީހުން، އެ ގަވާއިދުތަކާ ޚިލާފުވެފައިވާތީ އާންމުންގެ ރުޅިވެރިކަން އެނގިވަޑައިގަންވާކަމަށް ޖޯންސަން ވަނީ ވިދާޅުވެފައެވެ.
އެ ގައުމުގެ އިދިކޮޅު ލޭބާ ޕާޓީން ވަނީ ގާނޫނު ހަދާ މަޖިލީހުގައި ޖޯންސަންއަށް ފާޑު ވިދާޅުވެފައެވެ. އަދި ސަރުކާރުގެ އިސްތިއުފާއަށް ގޮވައިލާފައެވެ.
އިނގިރޭސި ސިއްހީ ވަޒީރަކުވެސް ވަނީ ކޮވިޑާ ގުޅޭ ގަވާއިދަކާ ޚިލާފުވުމުގެ ސަބަބުން މީގެ ކުރިން މަގާމުން އިސްތިއުފާ ދެއްވާފައެވެ.