14 Jan 2022, 11:23
ކުރިއަށް އޮތް ތަނުގައި އެމެރިކާގެ ރިޔާސީ ބަހުސްތައް ބޮއިކޮޓްކުރަން ޖެހިދާނެކަމުގެ އިންޒާރު އެގައުމުގެ އެންމެ ބޮޑު އެއް ޕާޓީ ކަމަށްވާ ރިޕަބްލިކަން ޕާޓީން ދީފިއެވެ.
އެމެރިކާގެ ރިޔާސީ ބަހުސްތައް ބާއްވާ ކޮމިޝަން އޮން ޕްރެޒިޑެންޝަލް ޑިބޭޓްސް (ސީޕީޑީ) އަށް ފޮނުވި ސިޓީއެއްގައި ރިޕަބްލިކަން ޕާޓީން ބުނީ، ބަހުސްގެ ހަމަހަމަކަމާމެދު ސުވާލު އުފެދޭކަމަށެވެ. އަދި ސީޕީޑީ ނޫން އެހެން ފަރާތްތަކުން ކުރިއަށް ގެންދާ ރިޔާސީ ބަހުސްތަކުގައި ބައިވެރިވުމުގެ ވިސްނުން އެ ޕާޓީން ގެންގުޅޭކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ.
ރިޕަބްލިކަން ޕާޓީއަކީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިސްބަތްވެވަޑައިގަންނަވާ ޕާޓީއެވެ. މިވަގުތު ވެރިކަމުގައި ހުންނެވި ޖޯ ބައިޑަން އަކީ ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ ބޭފުޅެކެވެ.
ދެވަނަ ދައުރަކަށް ޓްރަމްޕް އިންތިޚާބުވެވަޑައިނުގަތުމާއެކު އެމެރިކާގައި ސިޔާސީ ކޯޅުންތައް ވަނީ އިތުރުވެފައެވެ. އަދި ޖޯ ބައިޑަން ވެރިކަން ހޯދީ ވޯޓު އޮޅުވާލައިގެން ކަމަށް ރިޕަބްލިކަން ޕާޓީގެ ބައެއް މެމްބަރުން ވަނީ ތުހުމަތުކޮށްފައެވެ.
އެމެރިކާގެ ރިޔާސީ ބަހުސަކީ ދުނިޔޭގައިވެސް މަޝްހޫރު ބަހުސެކެވެ. ސީޕީޑީ އުފައްދައި، މި ބަހުސް ރަސްމީ ގޮތެއްގައި ކުރިއަށް ގެންދަން ފެށީ 1987 ވަނަ އަހަރުގައެވެ.