10 Mar 2012, 09:59
ފިޔާއަކީ އެ ކެއުމުން އިންސާނުންނަށް އުފާވެރިކަމާއި ތާޒާކަމާއި ހިތްހަމަޖެހުން ގެނަސްދޭ ތަރުކާރީއެއްކަން ޢިލްމީ ދިރާސާއަކުން ހާމަވެއްޖެވެ.
ފިޔާއާ ބެހޭގޮތުން އިނގިރޭސިވިލާތުގެ ރީސާޗަރުންގެ ޓީމަކުން ވަރަށްފަހުން ކުރި ދިރާސާއަކުން ހާމަވާގޮތުގައި ފިޔާއަކީ ހަށިގަނޑަށް އެންމެ ބޭނުންތެރި ތަރުކާރީގެ ތެރޭގައި ހިމެނޭ އެއް ތަރުކާރީ އެވެ. ފިޔާގައި ގިނަ ޢަދަދެއްގެ ސިއްޙީ ފައިދާ ހިމެނުމުގެ އިތުރުން ފިޔާކެއުމަކީ ނަފްސާނީ ގޮތުންވެސް ފައިދާތަކެއް ލިބޭ އަދި އިންސާނުންނަށް އުފާވެރިކަމާއި ތާޒާކަމާއި ހިތްހަމަޖެހުން ގެނަސްދޭ އެއްޗެއް ކަމަށް ލަންޑަންގައި ނުކުންނަ ޑެއިލީ ޓެލެގްރާފް ނޫސް ބުނެއެވެ.
އިންސާނުންނަށް އުފާވެރިކަމާއި ތާޒާކަމާއި ހިތްހަމަޖެހުން ގެނަސްދޭ ކާއެއްޗެއްގެ ގޮތުގައި ޗޮކޮލެޓާއި ކޭކު ފާހަގަކުރެވިފައިވާއިރު މިދެބާވަތަށްވުރެ ފިޔައިން ނަފްސާނީ ހިތްހަމަޖެހުން ލިބިދޭ މިންވަރު ދެގުނަ އިތުރުކަން މިދިރާސާއިން ހާމަވެފައިވެއެވެ.
ފިޔާގެ އިތުރުން ހިތްހަމަޖެހުމާއި ތާޒާކަން ލިބިދޭ ކާނާގެ ތެރޭގައި ކައްޓަލައާއި ދޮންކޭލާއި ކެރެޓާއި ބީންސް ހިމެނޭކަން ތަފާތު ދިރާސާތަކުން ހާމަވެފައިވެއެވެ. ސްވިޓްޒަރލޭންޑްގެ ބާން ޔުނިވަރސީޓީގައި ވަރަށްފަހުން ކުރި ދިރާސާއަކުން ހާމަވެފައިވާ ގޮތުން ފިޔާއަކީ ކަށި ވަރުގަދަކުރާ ޚާއްސަ މާއްދާއެއްވެސް އެކުލެވޭ އެއްޗެކެވެ. މިކަންވަނީ މީދަލަށް ފިޔާކާންދީގެން ދިގުމުއްދަތަކަށް ކުރި މިދިރާސާއިން ހާމަވެފައެވެ.
ފިޔާއިން ލިބޭ އެހެން ފައިދާތަކުގެ ތެރޭގައި އިންފެކްޝަން ޖައްސާ ނުރައްކާތެރި ބެކްޓީރިޔާތަކުން ލެއާއި ހަޖަމުކުރާ ނިޒާމް ސަލާމަތް ކޮށްދިނުމާއި ލޭގެޕްރެޝަރ ބެލެންސްކޮށްދިނުމުގެ އިތުރުން ހަންގަނޑު ރީތިކޮށް ތާޒާކޮށްދިނުންވެސް ހިމެނޭކަން ފިޔާ އާބެހޭ ދިރާސާތަކުން ހާމަވެފައިވެއެވެ. -- ޑެއިލީ ޓެލެގްރާފް