14 Jan 2022, 10:07
މެޓާ ނުވަތަ ކުރީގެ ފޭސްބުކްގެ އެންމެ މަޝްހޫރު އެއް މަންސަކަމަށްވާ އިންސްޓަގްރާމްގައި 300 މިލިއަން ފޮލޯވަރުން ލިބުނު ފުރަތަމަ އަންހެނާގެ ލަގަބު ކައިލީ ޖެނާ ހޯދައިފިއެވެ.
ކައިލީއަށް މި ލަގަބު ލިބިފައިވާއިރު، ދެން އެންމެ ގިނަ ފޮލޯވަރުން ލިބިފައިވާ ތަރިންނަކީ އަރިއާނާ ގްރާންޑޭ އަދި ސެލީނާ ގޯމޭޒް އެވެ. މި ދެ ތަރިންގެ ފޮލޯވަރުންގެ ޢަދަދު އުޅެނީ 289 މިލިއަންގައެވެ.
ކައިލީ ޖެނާގެ ލޯބިވެރިޔާ ޓްރެވިސް ސްކޮޓްގެ މިއުޒިކް ޝޯއެއްގައި ތޮއްޖެހި، ފިތި ބާރުވެގެން ބަޔަކު މަރުވި ހާދިސާއަށް ފަހު ކައިލީ ޖެނާ އިންސްޓަގްރާމުން ފެންނަ މިންވަރު މަދުވިއެވެ.
ކައިލީ މިހާރު އިނީ އެ ދެ މީހުންގެ ދެވަނަ ދަރިފުޅަށް ބަލިވެއެވެ.
ދުވާލެއްގެ މައްޗަށް 500 މިލިއަން މީހުން އިންސްޓަގްރާމް ބޭނުންކުރެއެވެ. ދެހާސް ދިހަ ވަނަ އަހަރު ތައާރަފްކުރި މި މީސް މީޑިއާގެ މަންސަ ބޭނުންކުރާ މީހުންގެ އަދަދު އުޅެނީ 1.3 ބިލިއަން ގައެވެ.