14 Jan 2022, 13:59
އޮސްޓްރޭލިއާގެ ފިނިހޫނުމިން އިއްޔެ 50.7 ޑިގްރީ ސެލްސިއަސް އަށް އަރައިފިއެވެ.
މިއީ ފަހުގެ ތާރީޚެއްގައިވެސް އެ ގައުމުން ރެކޯޑް ކުރެވުނު އެންމެ ހޫނު ގަދަ ދުވަހެވެ.
ހުޅަނގު އޮސްޓްރޭލިއާގެ ސަހަރެއްކަމަށްވާ އޮންސްލޯގެ ފިނިހޫނުމިން މިއަދުވެސް އިތުރުވާނެކަމަށް އެ ގައުމުގެ ބިއުރޯ އޮފް މީޓިއޮރޮލޮޖީން ވަނީ ހާމަކޮށްފައެވެ.
މިދިޔަ މަހުގައި ހުޅަނގު އޮސްޓްރޭލިއާގައި ހޫނު ގަދަވުމުގެ ސަބަބުން އަލިފާނުގެ ހާދިސާތައްވެސް ހިނގައި، އެތައް ހާސް ބަޔަކު އެހެން ސަރަހައްދުތަކަށް ބަދަލުކުރަންވެސް ޖެހުނެވެ.
އޮސްޓްރޭލިއާގެ ބިއުރޯ އޮފް މީޓިރިއޮލޮޖީން ވަނީ، ގޭގައި މަޑުކުރުމަށް އާންމުންނަށް ނަސޭހަތްތެރި ވެފައެވެ. އަދި ބޭރަށް ނުކުންނަނަމަ، ހިޔާ ލިބޭނެ ގޮތެއް ހަދައިގެން ނުކުތުމަށާއި، ގިނަގިނައިން ފެން ބުއިމަށް އެ ބިއުރޯއިން ވަނީ އިލްތިމާސްކޮށްފައެވެ.
އޮސްޓްރޭލިއާގެ އެހެން ދެ ސަހަރެއްގައިވެސް އިއްޔެ 50 ޑިގްރީ ސެލްސިއަސް އަށްވުރެ ހޫނު ގަދަވިއެވެ.