14 Jan 2022, 00:35
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތިލަފުއްޓަށް ވަޑައިގެން އެރަށުގައި ސަރުކާރުން ހިންގާ ވޭސްޓް މެނޭޖްމަންޓުގެ ބޮޑު ޕްރޮޖެކްޓްގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވައިލައްވައިފިއެވެ.
ރައީސްގެ އަރިހުގައި އެންވަޔަރަމެންޓް މިނިސްޓަރު އާމިނަތު ޝައުނާ އާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމާއި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ބައިވެރިވެވަޑައިގަތެވެ.
އެ ޒިޔާރަތުގައި ރައީސް ވަނީ ކުނި މެނޭޖް ކުރުމަށް ގާއިމްކުރާ ޒަމާނީ ކުނި ނައްތާލުމުގެ ނިޒާމު ގާއިމްކުރާ ސައިޓް ބައްލަވައިލައްވައި މަސައްކަތް އަވަސްކުރުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
މި މަޝްރޫއަކީ އެންވަޔަރަމެންޓް މިނިސްޓްރީން ވޭސްޓް ވެމްކޯއާ ގުޅިގެން އަދި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ ފަންނީ ލަފަޔާއި އެހީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އަދި އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) އާއި ޖަޕާން ފަންޑް ފޯ ޖޮއިންޓް ކްރެޑިޓް މެކޭނިޒަމް (ޖޭއެފްޖޭސީއެމް)ގެ އެހީވެސް އެ މަޝްރޫއަށް ލިބޭނެއެވެ.
އެ މަސައްކަތުގެ ދަށުން ތިލަފުށީގައި ކުނި މެނޭޖު ކުރުމަށް ޒަމާނީ ޓެކްނޮލޮޖީ ތައާރަފްކޮށް އަދި ކުނި ނައްތާލުމުގެ ނިޒާމުވެސް ޒަމާނީ ކުރަންވަނީ ނިންމާފައެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މި މަޝްރޫއުގެ މަސައްކަތް ނިންމައި ޑިސެމްބަރު މަހުގެ ތެރޭގައި ތަން އޮޕަރޭޝަނަށް ނެރެން އަމާޒު ހިފައި ސަރުކާރުން މަސައްކަތް ފެށި ނަމަވެސް އަދި މި މަޝްރޫއުގެ މަސައްކަތް ނިމިފައެއް ނުވެއެވެ.