13 Jan 2022, 22:07
ފާއިތުވި 24 ގަޑިއިރު ތެރޭގައި މާލެއިން ނެގި 7005 ސާމްޕަލްގެ ތެރެއިން 816 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިރޭ އާންމުކުރި މައުލޫމާތުން ދައްކާ ގޮތުގައި މާލެއިން 413 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. މީގެއިތުރުން އަތޮޅުތެރޭގެ ރަށްރަށުން 249 މީހަކު މިއަދު އަލަށް ޕޮޒިޓިވް ވެފައިވާއިރު، ރިސޯޓުތަކުން ޕޮޒިޓިވްވީ 92 މީހުންނެވެ.
މި އަދަދުތަކާއެކު، މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު މިވަނީ 100،451އަށް އަރާފައެވެ.
މި ބަލި ޖެހިފައިވާ 5،118 މީހަކު މިވަގުތު ރާއްޖޭގައި ތިބިއިރު، އޭގެ ތެރެއިން 25 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލްތަކުގައި އެނދުމަތިކޮށްގެންނެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޓެސްޓްކޮށްފައިވަނީ ޖުމްލަ 7،005 ސާމްޕަލެވެ.
ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިއަދާ ހަމައަށް ބަލިން މުޅިން ފަސޭހަވެފައިވާ މީހުންގެ ޖުމުލަ އަދަދަކީ 95،056 އެވެ.
ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް 264 މީހުން ވަނީ މަރުވެފައެވެ.
ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަތިވަމުންދާތީ، ރާއްޖޭގެ ހުރިހާ ރަށެއްގައި މިހާރު މާސްއެޅުން ވަނީ މަޖުބޫރު ކޮށްފައެވެ.
އެޗްޕީއޭއިން ބުނީ މި ހާލަތުގައި އެންމެ މުހިއްމު ކަމަކީ ކޮންމެ ރައްޔިތަކު ވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާ ކުރުން ކަމަށެވެ. އެގޮތުން ބޭރު ތެރޭގައި އުޅޭއިރު ރަނގަޅަށް މާސްކު އެޅުމާއި ގައިދުރު ކަމަށް ފަރުވާތެރިކަން ބެހެއްޓުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.