10 Mar 2012, 09:51
ދެހާސް ހަތްވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެތެރޭގައި ސަލްޓަން ޕާކުގައި ބޮންގޮއްވި މައްސަލައިގައި ފިލައިގެން އުޅެނިކޮށް ހައްޔަރުކުރި ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާގޭ، މުހައްމަދު އަމީން ރޭ ކްރިމިނަލް ކޯޓުން ދޫކޮށްލުމުން، އަނެއްކާވެސް ކްރިމިނަލް ކޯޓުން ނެރެފައިވާ ހައްޔަރުކުރުމުގެ އަމުރެއް ހިފައިގެން ގޮސް ފުލުހުން ރޭ ދަންވަރު އޭނާ ހައްޔަރުކޮށްފި އެވެ.
އަމީން އަލުން ހައްޔަރު ކުރިކަން ފުލުހުން ވެސް ކަށަވަރުކޮށްދެ އެވެ. ފުލުހުން ކުރިން އޭނާ ހައްޔަރުކުރީ އިންޓަޕޯލުން މީގެ ފަސް އަހަރު ކުރިން ނެރެފައިވާ ރެޑްނޯޓިސްގެ މައްޗަށް ބިނާކޮށެވެ.
ރޭ އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ ރެޑް ނޯޓިސް ނެރުމަށް ކުރިން އެ ކޯޓުން ނެރެފައިވާ އަމުރު ފުލުހުންނަށް ހުށަހެޅިފައި ނުވުމުން އޭނާ ބަންދުގައި ބަހައްޓާނެ ގާނޫނީ އަސާސެއް އޮތްކަމަށް ނުފެންނާތީ އޭނާ ދޫކޮށްލީ ކަމަށެވެ.
އަމީންގެ ގާނޫނީ ވަކީލު އިސްމާއިލް ވިޝާމް މިއަދު ވިދާޅުވީ ރޭ 12:05 ގައި ކްރިމިނަލް ކޯޓުން ނެރެފައިވާ ހައްޔަރު ކުރުމުގެ އަމުރެއް ހިފައިގެން އޭނާ ދިރިއުޅޭ ގެޔަށް ގޮސް ރޭ 1:00 ގައި ފުލުހުން ދެވަނަ ފަހަރަށް އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.
ވިޝާމް ވިދާޅުވީ އޭނާ ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު ހައްޔަރުކުރުމުގެ އަމުރުގައި ބުނެފައިވާ ކަންތައްތަކުގެ ތެރޭގައި އެ މައްސަލައިގައި ހިމެނޭ ސިމްކާޑް ވިއްކާފައި ވަނީ އަމީން ކުރިން މަސައްކަތްކުރި ސްމާޓް މޯބައިލް ފިހާރައިން ކަމަށް އަމުރުގައި ބުނެފައި އޮތުން ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެ ސިމް ރަޖިސްޓްރީކޮށްފައިވަނީ ވެސް އަމީންގެ ނަމުގައި ކަމަށް ބުނެފައިވާ ކަމަށެވެ.
އަމީން ރާއްޖެއިން ބޭރަށް ދިޔަފަހުން، އޭނާ މާލެއިން ކުއްޔަށް ހިފާފައިވާ އެޕާޓްމަންޓެއް ފުލުހުން ބަލިއިރު ބޮންގޮއްވަން ބޭނުންކުރާ ސާމާނުތަކެއް ފެނިފައިވާ ކަމަށް ހައްޔަރު ކުރުމުގެ އަމުރުގައިވާ ކަމަށް ވެސް ވިޝާމް ވިދާޅުވި އެވެ.
ސަލްޓަންޕާކުގައި ބޮންގޮއްވި މައްސަލައިގައި 12 ޓޫރިސްޓަކު ވަނީ ޒަޚަމް ވެފައެވެ. އެ މައްސަލައިގައި 16 މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށްފައި ވެއެވެ. އޭގެތެރެއިން ބައެއް މީހުންގެ މައްޗަށް ވަނީ ކުށް ސާބިތުވެ ޖަލަށް ލުމަށް ހުކުމްކޮށްފައެވެ. އަދި އެ މައްސަލައިގައި ތުހުމަތު ކުރެވޭ 10 މީހަކު ވަނީ ރާއްޖެއިން ފުރައިގެން ގޮސް ފިލާފައެވެ.