13 Jan 2022, 20:32
މި އަހަރުގެ ޅެންވެރިންގެ ދުވަސް އުތީމް އާދަމް އަބްދުއްރަހުމާން (އުތީމް އާދަމްބެ)އަށް ޚާއްސަކުރަން ދިވެހިބަހުގެ އެކެޑަމީއިން ނިންމައިފިއެވެ.
ދިވެހި ބަހުގެ އެކެޑަމީން އަންނަނީ ގައުމީ ތާރީޚު ދުވަސް އަދި ޅެންވެރިންގެ ދުވަސް ފާހަގަ ކުރުމަށް އެ ދާއިރާތަކަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅުންނަށް ޚާއްސަ ކުރަމުންނެވެ.
މި އަހަރުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ އުތީމުގެ އާދަމްބެގެ ގައުމީ ޖޯޝުން ފުރިފައިވާ ލަވައެއް ކަމަށްވާ "ފެނިލުމުން ދިވެހި ދިދަ ވިހުރިލާ" އެވެ.
މި އަހަރުގެ ޅެންވެރިކަމުގެ ދުވަސް ޚާއްސަކުރާ އާދަމްބެއަކީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޚާއްސަކޮށް ޅެންވެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ ގައުމީ އިނާމް 2004 ވަނަ އަހަރު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
މީގެ އިތުރުން ޅެމާއި ޅެންވެރިކަމުގެ ދާއިރާއިން ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު 2016 ވަނަ އަހަރު ވަނީ އޭނާއަށް އަރުވާފައެވެ.
މީގެ އިތުރުން އުތީމު އާދަމްބެ އަކީ ގިނަ ދުވަސްތަކެއް ވަންދެން ސަރުކާރަށް ޚިދުމަތްކޮށްދެއްވި ބޭފުޅެއްވެސްމެއެވެ. އެގޮތުން ސަރުކާރަށް 42 އަހަރަށްވުރެ ދިގު މުއްދަތަކަށް ވަނީ ޚިދުމަތް ކުރައްވަވާފައެވެ. 11 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހއ. އަތޮޅުވެރިކަން ކުރައްވާފައިވާ އުތީމު އާދަމްބެ އަކީ އުތީމު ކަތީބުކަމާއި، ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ މުދީރު ކަމުގެ މަގާމާއި، ރާއްޖެތެރޭގެ ކިޔަވައިދޭ ތަންތަނުގެ ނާޒިރު ކަމުގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ.