13 Jan 2022, 15:24
އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ދިވެހި ސަރުކާރުން ނުކުޅެދިފައިވާ ކަމަށް ބުނެ، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ ހިއުމަން ރައިޓްސް ވޮޗްގެ އަހަރީ ރިޕޯޓުގައި ދިވެހި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
ހިއުމަން ރައިޓްސް ވޮޗްއިން މިއަދު ނެރުނު "އިންސާނީ ހައްގުތަކުގެ ރިޕޯޓު"ގައި ވަނީ ރާއްޖޭގެ އަށް މައްސަލައެއް ފާހަގަކޮށްފައެވެ. އެގޮތުން މައިގަނޑު މައްސަލަތަކުގެ ގޮތުގައި ފާހަގަކޮށްފައިވަނީ ބިދޭސީންގެ މައްސަލައާއި އަނިޔާއާއި ޓޯޗާގެ މައްސަލަތަކާއި ޖަވާބުދާރީ ނުކުރުވުމުގެ މައްސަލައާއި ތިމާވެށީގެ މައްސަލައާއި އަންހެނުންނާއި ކުޑަކުދީންގެ ހައްގުތަކާ ބެހޭ މައްސަލަތަކުގެ އިތުރުން ކޮވިޑްގެ އާލަމީ ވަބާއެވެ.
އިންސާނީ ހައްގުތަކާ ގުޅުންހުރި ގިނަ މައްސަލަތަކެއް
ހިއުމަން ރައިޓްސް ރިޕޯޓުގައި ވަނީ ރާއްޖޭގައި ހިނގަމުން އަންނަ އިންސާނީ ހައްގުތަކާ ގުޅުންހުރި ގިނަ މައްސަލަތަކެއް ފާހަގަކޮށް، އެ ކަންކަން ހައްލުކުރުމަށް ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުން ނާންނަކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން ބިދޭސީންގެ މައްސަލައާއި ހިއުމަން ޓްރެފިކިންގެ މައްސަލަތައް ހައްލުކުރުމަށް ފިޔަވަޅެއް އަޅައިފައިނުވާ ކަމަށް ބުނެފައިވެއެވެ.
އެ ރިޕޯޓުގައި ވަނީ، ބ. ބޮޑުފިނޮޅުގައި މަސައްކަތްކުރި ބިދޭސީންގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ށ. މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ މައްޗަށް ހިއުމަން ޓްރެފިކިން ދައުވާ އުފުލައިފައިވާކަން ފާހަގަކޮށްފައެވެ. އަދި ރާއްޖެއިން ހިއުމަން ޓްރެފިކިންއާ ދެކޮޅަށް ކުރާ މަސައްކަތާ ގުޅިގެން، އެމެރިކާގެ ޓިޕް ރިޕޯޓުން ކުރިއެރުން ހޯދި ނަމަވެސް ހިއުމަން ޓްރެފިކިންގެ ޝިކާރައަކަށްވާ މީހުން ދެނެގަނެ، އެ މީހުންނަށް އެހީތެރިވެދިނުމާއި އެފަދަ އަމަލުތައް ހިންގާ ކުށްވެރިން ތަހުގީގުކޮށް، އެ މީހުންގެ މައްޗަށް ދައުވާ އުފުލުމަށް ޓަކައި އެކަށީގެންވާ ފިޔަވަޅުތަކެއް ސަރުކާރުން އަޅާފައިނުވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
އެ ރިޕޯޓުގައި އިތުރަށް ވަނީ 2013 ވަނަ އަހަރު އެންޓި ޓޯޗާ ގާނޫނު ފާސްކުރި ފަހުން، ޓޯޗާ އާއި ބޭއިންސާފުން އަނިޔާކުރުމުގެ އެތައް ސަތޭކަ ޝަކުވާއެއް ސަރުކާރުގެ ކޮމިޝަންތަކަށް ހުށަހަޅާފައިވީ ނަމަވެސް، މި މައްސަލަތަކުގައި ދައުވާ އުފުލައި، އަނިޔާ ލިބިފައިވާ މީހުންނަށް އިންސާފު ހޯދައިދިނުމަށް އެއްވެސް އިދާރާއަކުން މަސައްކަތް ކޮށްފައިނުވާ ކަމަށް ބުނެފައެވެ.
ހަމައެހެންމެ އެއްވެ އުޅުމުގެ މިނިވަންކަމަށް ވެސް ސަރުކާރުން ހުރަސް އަޅައިފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
"އެއްވެ އުޅުމުގެ މިނިވަންކަން ހިމެނޭ ގޮތަށް އަނިޔާވެރި ގާނޫނުތައް އިސްލާހު ކުރުމުގައި ސަރުކާރު ވަނީ ފެއިލްވެފައި، ގިނަ މުޒާހަރާތަކެއް ވަނީ ހުއްޓުވައިފައި،" ރިޕޯޓުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ޖަލުތަކުގައި ކޮވިޑް-19 ފެތުރިގެން ދިޔައިރު ވެސް ޖަލުތަކުގެ ސާފުތާހިރުކަމާއި ހާލަތު ރަނގަޅުކުރުމަށް އެއްވެސް ފިޔަވަޅެއް އަޅައިފައިނުވާ ކަމަށް ވެސް ބުނެފައިވެއެވެ.
ޖަވާބުދާރީކުރުމަށް މަސައްކަތެއް ނުކުރޭ
އިންސާނީ ހައްގުތަކުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނަށް، ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނާއި އަނިޔާވެރިކޮށް މަރައިލައިފައިވާ ބްލޮގަރު ޔާމިން ރަޝީދު ފަދަ އެކްޓިވިސްޓުންނާއި ސިޔާސީ މީހުންނަށް އަމާޒުކޮށް ދިން ރަހުމްކުޑަ ހަމަލާތައް ތަހުގީގު ކުރުމުގައި އެކަށީގެންވާ ކުރިއެރުމެއް ހޯދިފައެއްނުވެއެވެ.
"އެ ކޮމިޝަނުން ލަފާ ދީފައި ވަނީ، ތަހުގީގަށް ނުފޫޒު ފޯރުވައި، ތުހުމަތު ކުރެވޭ ކުށްވެރިންނަށް ހިމާޔަތް ދިނުމުގެ ތުހުމަތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ފުލުހުން ދައުވާ ކުރަން ޕީޖީއަށް ހުށަހަޅަން. ނަމަވެސް ނޮވެމްބަރު މަހުގެ ނިޔަލަށް ފުލުހުން އަދީބުގެ މައްޗަށް ދައުވާކޮށްފައެއް ނުވޭ،" ރިޕޯޓުގައި ބުނެފައިވެއެވެ.
ކަން މިހެން އޮތް އިރު ކޮމިޝަން ޖަވާބުދާރީ ކުރުމަށް މަސައްކަތް ނުކުރާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.