އިސްލާމްއާބާދު (މާޗް 10): އެމެރިކާއިން ޕާކިސްތާނަށް އިއްޔެ ދިން ވައިގެ ޙަމަލާތަކެއްގައި 12 މީހަކު މަރުވެއްޖެކަން ޕާކިސްތާނުން ކަށަވަރުކޮށްދީފިއެވެ.

ޕާކިސްތާނުގެ ޖާސޫސީ ދާއިރާތަކުން ހާމަކުރިގޮތުގައި ޕައިލެޓަކާނުލާ ދަތުރުކުރާ އެމެރިކާގެ ޖާސޫސީ މަތިންދާބޯޓަކުން ދިން މިޙަމަލާ އަމާޒުކޮށްފައިވަނީ ވަޒީރުސްތާނުގެ ދެކުނުގެ ޝަޚްތަވީ ސަރަޙައްދަށެވެ. ވަޒީރުސްތާނަކި އަފްޣާނިސްތާނުގެ ސަރަޙައްދީ ރޮނގާ އިންވެފައިވާ ޕާކިސްތާނުގެ ފަރުބަދަމަތީ ސަރަޙައްދެކެވެ.

މިޙަމަލާގައި މަރުވީ ތާލިބާން ހަނގުރާމަވެރިންކަން ނުވަތަ އާންމުންކަން ކަށަވަރުނުވާ ކަމަށާ އެމެރިކާގެ ހަމަލާ އަމާޒުކޮށްފައިވަނީ މީހުންގޮވައިގެން ދަތުރުކުރި ވެހިކަލަކަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފާއިތުވި އަހަރު ވަޒީރުސްތާނަށް އެމެރިކާ ދީފައިވާ މިބާވަތުގެ ޙަމަލާތަކުގައި 800 އަށްވުރެ ގިނަމީހުން މަރުވެފައިވާއިރު މީގެތެރޭގައި ގިނައީ ކުށެއްނެތް ޢާންމުން ކަމަށް އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުންނާއި ޕާކިސްތާން ސަރުކާރުން ބުނެފައިވެއެވެ.

ޕައިލެޓަކާނުލާ ދަތުރުކުރާ މަތިންދާބޯޓުތައް ބޭނުންކޮށްގެން އެމެރިކާ ހިންގާ މީހުން މެރުމުގެ ޢަމަލުތަކަކީ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ގޮތުގައި ބެލެވޭފަދަ ޖަރީމާތަކެއްކަމަށާ އެމެރިކާ ހިންގާ އިންސާނިއްޔަތާޚިލާފު މިފަދަ ޖަރީމާތަކުގެ ފަހަތުގައިވާ އެމެރިކާގެ މަސްއޫލުވެރިން ބައިނަލްއަޤްވާމީ ޖިނާއީ ކޯޓަށް ޙާޒިރު ނުކުރެވޭކަމީ އަދުގެ ބައިނަލްއަޤްވާމީ ނިޒާމުގެ ދޯހަޅިކަން ހާމަވާ ކަމެއްކަމަށްވެސް އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނެއެވެ.

އަނެއްކޮޅުން ވަޒީރުސްތާނުގެ އުތުރުގައި ތާލިބާނުން ޖަހާފައިވާ ޢަސްކަރީ ދަންތުރައެއްގައި ޖެހުމުގެ ސަބަބުން ޕާކިސްތާން ސިފައިންގެ 7 މީހަކުވެސް އިއްޔެ މަރުވެފައިވެއެވެ.

ވަޒީރުސްތާނަކީ ޕާކިސްތާނުގެ ހަރުކަށި ޖަމާއަތެއް ކަމަށްވާ ތާލިބާނުންނާ ދެކޮޅަށް ޕާކިސްތާން ސިފައިން ހަނގުރާމަކުރަމުންގެންދާ ސަރަޙައްދެކެވެ. މިސަރަޙައްދުގެ ބޮޑުބައެއްވަނީ އެޖަމާއަތުގެ ކޮންޓްރޯލްގެ ދަށުގައެވެ. މިދިޔަ ފެބްރުއަރީމަހު އެމެރިކާއިން ޕާކިސްތާނަށް ދިން ޙަމަލާތަކެއްގައި ޕާކިސްތާން ސިފައިންގެ 24 މީހަކުވެސް ވަނީ މަރުވެފައެވެ. -- އަލްޖަޒީރާ