ގާނޫނީ ވަކީލް އަހުމަދު ނާޒިމް އަބްދުއްސައްތާރުގެ ސުލޫކީ މައްސަލައެއް ބާ ކައުންސިލުން ބަލަން ނިންމައިފިއެވެ.

ބާ ކައުންސިލުން މިއަދު ނާޒިމް ސައްތާރަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ, އޭނާގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމާފައިވަނީ އަމިއްލަ ކުންފުންޏެއްގެ ފަރާތުން ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށެވެ.

އެ މައްސަލަ ބާ ކައުންސިލަށް ހުށަހަޅާފައިވަނީ, މާހަލް ޓުއާސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިހާމްއެވެ.

ބާކައުންސިލުން ނާޒިމަށް ފޮނުވި ސިޓީގައި ބުނެފައިވަނީ, ކ. މަހާނައެޅިހުރާގައި ހިންގަމުންދާ ރިހިވެލި ބީޗް ރިސޯޓާ ގުޅިގެން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ހިމެނޭ ސޭވް ދަ ޑްރީމްސް މޯލްޑިވްސްގެ ގާނޫނީ ވަކީލެއްގެ ގޮތުގައި އައްޔަނުކޮށްފައިވާ ނާޒިމްގެ ފަރާތުން ސޯޝަލް މީޑިއާގައި އެ މައްސަލައިގެ އަޑުއެހުންތައް ތާވަލުކުރެވޭ ގޮތާ ހަވާލާދީ ވާހަކަ ދެއްކުމާއި މައްސަލަ ބައްލަވާ ގާޒީ ޓެގް ކުރުމަކީ މައްސަލަ ބައްލަވާ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކުރަމުންދާ އަމަލުތަކެއްކަމަށެވެ.

އެފަދަ އަމަލުތަކަކީ ގާނޫނީ ވަކީލުން އަމަލުކުރަންޖެހޭ ސުލޫކާ ހިލާފު އަމަލުތަކެއްކަމަށް ބުނެ، މާހަލް ޓުއާސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިހާމްގެ ފަރާތުން, ބާ ކައުންސިލަށް ވަނީ ޝަކުވާ ހުށަހަޅާފައެވެ.

އެ ޝަކުވާއާ ގުޅިގެން ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމެޓީގެ ބައްދަލަވުމެއް ބާއްވައި އޭނާގެ ސުލޫކީ މައްސަލަ ބެލުމަށް ނިންމާފައިވާ ކަމަށް އެ ސިޓީގައި ވަނީ ބުނެފައެވެ.

އެހެން ކަމުން ގާނޫނީ ވަކީލުންގެ ސުލޫކީ މައްސަލަ ބެލުމުގެ ގަވާއިދުގެ ދަށުން ހުށަހަޅާފައިވާ ޝަކުވާއާ ގުޅިގެން ދިފާއުން ހުށަހަޅުއްވަން ބޭނުންވާ ލިޔެކިޔުންތަކާއި ހެކިންގެ މައުލޫމާތު, އަންނަ ބުދަ ދުވަހުގެ ކުރިން ބާ ކައުންސިލަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

އެކަމާ ގުޅިގެން ނާޒިމް ސައްތާރު ވިދާޅުވީ, ދަށު ކޯޓުން މައްސަލަ ނިންމީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 31 ވަނަ ދުވަހު ކަމަށާއި ހައި ކޯޓުގައި މައްސަލަ ރެޖިސްޓާ ކޮށްފައިވަނީ އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު ކަމަށެވެ.

"މިދެމެދު ކުރާ ޓްވީޓަތަކުން ނުފޫޒު ފޯރުވޭނެ މައްސަލައެއް އެއްވެސް ކޯޓެއްގަ ނޯންނާނެ," ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ސައްތާރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލަކަށް ވެސް ދާދި ފަހުން ހަރަކާތްތެރިވެފައެވެ. އެއީ ރައީސް ނަޝީދަށް އަމާޒުކޮށްގެން މެއި ހަވަނަ ދުވަހު ދިން ބޮމުގެ ހަމަލާއާ ގުޅިގެންނެވެ.