ރިޔާސީ ބަޔާން އިއްވުމާއި ދެކޮޅަށް މިމަހުގެ އެއްވަނަ ދުވަހު އެމްޑީޕީން މުޒާހަރާ ކުރިވަގުތު މާލޭ ސިޓީ ކައުންސިލް ކައިރިން ދެ ފުލުހަކު ދުއްވާފައި ދިޔަ ސައިކަލެއްގައި ރޯކޮށް، ފުލުހަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ހ. ރެދަން، ފަވާޒް ކަޅުތުއްތުގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އަނެއްކާ ވެސް އިތުރުކޮށްދީފި އެވެ.

ކުރިން ކޯޓުން އޭނައަށް ޖަހައިދިން ފަސް ދުވަހުގެ މުއްދަތު ހަމަވުމުން އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ރޭ ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްދީފަ އެވެ.

އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ރޭ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ އޭނާ 15 ދުވަހަށް ބަންދުކުރަން އަމުރުކުރީ އެކަށީގެންވާ ހެކި ހުރުމުން ކަމަށެވެ.

އެ ދުވަހު ހަމަލާދިނުމުގެ ސަބަބުން އަނިޔާ ލިބުނު ފުލުސް މީހާ ވަނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާފައެވެ.