19:00


ޑީއާރުޕީގެ އާ ލީޑަޝިޕާއެކު ޒިންމާދާރު ގޮތެއްގައި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދެވިދާނެކަމުގެ ސިގްނަލް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފެނިގެން ހިނގައްޖެ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް މި ދައުރަށް ފެށިގެން ދިޔަގޮތާ މެދު ސަންއެފްއެމުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރީކޯ މޫސަ ވިދާޅުވީ މިއަދަކީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ބަދަލު ގެންނަން ވަރަށް ގިނަ ދުވަހު މަސައްކަތް ކުރުމަށްފަހު އެ ގަވާއިދު ފާސްކުރި ދުވަސް ކަމަށެވެ. އަދި މިއަދު މަޖިލީހުގެ މަސައްކަތްތައް ފެނިގެންދިޔައީ އެތަކެއް ދުވަހުން ފެށިގެން އަޅުގަނޑުމެން ރާއްޖެއަށް ގެންނަން ބޭނުން މިވާ ޑިމޮކްރަސީ ގެނައުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.


ޑީއާރުޕީ އިސް މަގާމުތަކުގައި ކުރިން ތިއްބެވީ އާއިލީ ވެރިކަމުގައި ތިއްބެވި މީހުން ކަމަށާއި އޭގެ ތެރޭގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލް ގައްޔޫމް ވެސް ހިމެނިވަޑައިގެންނަވާ ކަމަށް މޫސަ ވިދާޅުވި އެވެ. އަދި ރައީސް މައުމޫން ސިޔާސީ ހަޔާތާ ދުރަށް ވަޑައިގަތުން ވެގެންދިޔައީ ސަރުކާރު ޒިންމާދާރު ކުރުވުމަށް ޑީއާރުޕީގެ މެންބަރުންނަށް މަގުފަހިވެގެން ގޮސްފައިވާ ކަމެއް ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.


މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގެންނަވާ ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އަލީ ވަހީދު ވިދާޅުވީ މިވަގުތު އެކަމާ ބެހޭ ގޮތުން އެއްޗެއް ވިދާޅުވަން ދަތިފުޅު ކަމަށެވެ.