ފާއިތުވި 24 ގަޑިއިރު ތެރޭގައި މުޅި ރާއްޖެއިން ނެގި 5513 ސާމްޕަލްގެ ތެރެއިން 536 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިރޭ އާންމުކުރި މައުލޫމާތުން ދައްކާ ގޮތުގައި އަތޮޅުތެރޭގެ ރަށްރަށުން 158 މީހަކު މިއަދު އަލަށް ޕޮޒިޓިވް ވެފައިވާއިރު، ރިސޯޓުތަކުން 83 މީހުން ޕޮޒިޓިވްވިއެވެ.

މި އަދަދުތަކާއެކު، މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު މިވަނީ 99،635 އަށް އަރާފައެވެ.

މި ބަލި ޖެހިފައިވާ 4656 މީހަކު މިވަގުތު ރާއްޖޭގައި ތިބިއިރު، އޭގެ ތެރެއިން 21 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލްތަކުގައި އެނދުމަތިކޮށްގެންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މާލެއިން ޓެސްޓްކުރި ސާމްޕަލްގެ އަދަދަކީ 3077އެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިއަދާ ހަމައަށް ބަލިން މުޅިން ފަސޭހަވެފައިވާ މީހުންގެ ޖުމުލަ އަދަދަކީ 94،702އެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް 264 މީހުން ވަނީ މަރުވެފައެވެ.

ކޮވިޑުގެ ނަންބަރުތައް އިތުރުވަމުން އަންނާތީ އެޗްޕީއޭއިން ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން މާލެއިން ރަށްރަށް ފުރާނަމަ 72 ގަޑިއިރު ނުވާ ނެގަޓިވް ޕީސީއާރް ޓެސްޓެއް އޮންނަން ޖެހޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.