ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި ފޮރިން މިނިސްޓަރު ވާންގް ޔީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅާއެކު، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެއްޖެކަމަށް ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަން ލީޝިން، ވިދާޅުވެއްޖެއެވެ.

ޗައިނާގެ ސަފީރު މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވީ، ވާންގް ޔީގެ ދަތުރުފުޅާއެކު ޗައިނާ އާއި ރާއްޖޭގެ ގުޅުމުގެ މުސްތަގުބަލު އައު މިސްރާބަކަށް ގޮސްފައިވާ ކަމަށެވެ. މީގެއިތުރުން، ދެ ގައުމުގެ ދެމެދުގައި ކަންކަމުގައި އެއްބާރުލުން ދިނުމަށް އިތުރު ހިތްވަރަކަށް އެ ދަތުރުޅުވެގެން ގޮސްފައިވާކަމަށް ޗައިނާ ސަފީރު ވިދާޅުވިއެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު

"ޗައިނާ އާއި ރާއްޖޭގެ ޚާރިޖީ ގުޅުމަށް 50 އަހަރު ފުރުން ވެގެންދާނީ މުސްތަގުބަލުގައި އެއްކޮށް، އެއްބާރުލުންދީގެން މަސައްކަތްކުރާނެ ފުރުސަތަކަށް،" ޗައިނާ ސަފީރު ވިދާޅުވިއެވެ.

ވަން ލީޝިންގެ ބަޔާނުގައި ދެ ގައުމުގެ ދެމެދުގައި ސޮއިކުރި އެއްބަސްވުންތަކާ ބެހޭގޮތުންވެސް ވަނީ އަލިއަޅުވާލާފައެވެ. އަދި ޗައިނާއިން ރާއްޖޭގެ ތަރައްގީއަށް ވެދީފައިވާ އެހީތެރިކަންވެސް ލީޝިން ވަނީ ފާހަަގަކުރައްވާފައެވެ.

ޗައިނާގެ ފޮރިން މިނިސްޓަރާއި ރާއްޖޭގެ ފޮރިން މިނިސްޓަރު

ލީޝިންގެ ބަޔާނުގައިވެސް ޗައިނާ-ރާއްޖެ ފްރީ ޓްރޭޑް އެގްރިމެންޓަށް އަމަލުކުރުން އަވަހަށް ފެށުމުން ބަލިމަޑުކަމަށްފަހު ރާއްޖޭގެ އިގުތިސާދަށް އިތުރު ކުރިއެރުމެއް ލިބޭނެކަމަށް ފާހަގަކުރެއްވިއެވެ. މީގެއިތުރުން 'ވަން ޗައިނާ ޕޮލިސީ' ދެމެހެއްޓުމަށް ރާއްޖެއިން އެއްބާރުލުންދޭ ކަމަށްވެސް ލީޝިން ވިދާޅުވިއެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމަށް ޗައިނާގެ ސަފީރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ އެ ގައުމުގެ އިސް ބޭފުޅަކު މިފަހުން ރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.