ރާއްޖެއިން ވަކި ގައުމަކާ ދިމާކޮށްލުމަކީ ދިވެހީންނަށް ފައިދާ ހުރި ގޮތެއް ނޫން ކަމަށް އދގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

"ސަން"ގެ 50 މިނިޓު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ "އިންޑިއާ އައުޓް" ކެމްޕޭނާ ބެހޭ ގޮތުން ވިދާޅުވީ، ރާއްޖެއަށް ބޭނުން ވަނީ، ދެ ގޮތުން ކުރެ އެއް ގޮތެކޭ ބުނެ ނިންމާލެވޭ ވަރަށް ވުރެ ފުޅާ ޚާރިޖީ ސިޔާސަތެއް ކަމަށެވެ.

ޚާރިޖީ ސިޔާސަތު ކަނޑައެޅުމުގައި އެންމެ އިސްކަން ދޭ ކަމަކީ ގައުމުގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރުން ކަމަށާއި ކޮންމެ ގައުމެއްގެ ވެސް އެންމެ މަތީ މަސްލަހަތަކަށް ވާނީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެހެންކަމުން، ރާއްޖޭގެ އެންމެ މުހިންމު ދެ ސިނާއަތް ކަމަށްވާ މަސްވެރިކަމަށާއި ފަތުރުވެރިކަމަށް ބޭރު ގައުމުތަކުގެ އެއްބާރުލުން ބޭނުންވާ އިރު ބޭރު ގައުމުތަކަކާ ދިމާލަށް ބަދު ބަސް ބުނުން ފަދަ ކަންތައްތައް ކުރުމަކީ ދައުލަތުގެ މަސްލަހަތު އޮތް ކަމެއް ނޫން ކަމަށް ޝާހިދު ވިދާޅުވިއެވެ.

"އެއީ ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތެއް ނޫން ހަމަ ގައިމުވެސް އެކަމަކު ވަކި ބައެއްގެ ނުވަތަ ވަކި މީހެއްގެ މަސްލަހަތެއް ކަމުގަ ވެދާނެ،" ޝާހިދު ވިދާޅުވިއެވެ.

ބޭރު ގައުމުތަކުގެ ތެރެއިން އިންޑިއާއަށް ވަކިން ބަލާއިރު، ރާއްޖެއަށް ކުރިމަތިވި އެކިއެކި ބޮޑެތި ކާރިސާތަކުގައި އެގައުމުން އެހީ ފޯރުކޮށްދީފައިވާކަން ޝާހިދު ފާހަގަކުރެއްވިއެވެ.

އޭގެ ތެރޭގައި 1988ވަނަ އަހަރުގެ ނޮވެމްބަރު ތިނެއްގައި ރާއްޖެއަށް އަމާޒުވި އުދުވާނީ ހަމަލާ ތެރޭގައި އާއި 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއަށް ފަހު އިންޑިއާއިން ފޯރުކޮށްދިން އެހީ ޝާހިދު ފާހަގަކުރެއްވިއެވެ. އަދި 2014 ވަނަ އަހަރު މާލެއަށް ފެނުގެ ދަތިކަން ދިމާވި ދަނޑިވަޅުގަ އާއި ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައިވެސް އެންމެ ފުރަތަމަ އެހީ ފޯރުކޮށްދިން ގައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.

"ދަންނަވަން މި އުޅެނީ ދިމާވާ ހުރިހާ ބޮޑު ކަމެއްގައި އެހީތެރިވަމުން ދިޔަ ގައުމެކޭ އިންޑިއާއަކީ. އަދި މިގޮތަށް އެހީތެރިވަމުން ދިޔަ ތާރީހަށް ބަލާލާ އިރު ރާއްޖޭގައި ވަކި ބޭފުޅަކު ވެރިކަމުގައި ހުންނަވައިގެންނެއް ނޫން އެހީތެރިވެދިނީކީ. އެކިއެކި ކާރިސާތަކުގަ ރާއްޖޭގެ ވެރިކަމުގަ އެކި ބޭފުޅުން ތިއްބެވީ،" ޝާހިދު ވިދާޅުވިއެވެ.

އެހެންކަމުން ރާއްޖެ އާއި އިންޑިއާގެ ގުޅުމަކީ ވަކި ޕާޓީއަކާ ނުވަތަ ވަކި ވެރިކަމަކާ ނުވަތަ ވަކި ބޭފުޅަކާ ގުޅިފައި އޮތް އެއްޗެއް ނޫން ކަމާއި އެއީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުމެއްކަން އިންޑިއާއިން ފޯރުކޮށްދެމުންދާ އެހީތަކުން ސާބިތުވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން، އިންޑިއާ އައުޓްއޭ ވިދާޅުވާ ބޭފުޅުން މިހާރު ދައްކަވާ ވާހަކައާ މީގެ ކުރިން ދައްކަވާފަ ހުރި ވާހަކައާ ދިމާ ނުވާ ކަމަށް ޝާހިދު ވިދާޅުވިއެވެ. އެގޮތުން ރާއްޖެ ފަދަ ކުޑަކުޑަ ގައުމަކުން "ޖަޒުބާތުގަ ޖެހިގެން" އަވަށްޓެރި ގައުމުތަކާ ދިމާ ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް އެފަރާތްތަކުން ކުރިން ބުނި ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އިންޑިއާ އައުޓް ކެމްޕޭނުގެ މަގުސަދާ ބެހޭ ގޮތުން އޭނާ ސުވާލު އުފެއްދެވިއެވެ.

"އެ ކުރައްވާ އަމަލެއް އެ ކުރައްވަނީކީ ރައްޔިތު މީހާއަށް ހެޔޮ އެދިގެނެއް ނޫނޭ. އެކުރައްވާ ކަމެއް ކުރައްވަނީ މިވަގުތު ހުންނަވަން ޖެހުނު ހާލަތެއްގެ ގޮތުން ދައްކަވާނެ އެހެން ވާހަކައެއް ނެތީމަ. އެހެންވީމާ އެއީކީ ރައްޔިތުންގެ ހައްގުގަ ދައްކަވާ ވާހަކައެއް ވެސް ނޫން، އެއީކީ ރައްޔިތުންނަށް ފައިދާއެއް އެދިގެން ކުރައްވާ ކަމެއް ވެސް ނޫން، އެއީ ރައްޔިތުންނަށް ފައިދާއެއް ލިބޭނެ ކަމެއް ވެސް ނޫން،" ޝާހިދު ވިދާޅުވިއެވެ.

އެ ކެމްޕޭނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނުކުމެވަޑައިގަތުމާ ބެހޭ ގޮތުން ޝާހިދު ވިދާޅުވީ އޭނާ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމަށް ތާއިދު ކުރައްވާ ކަމަށެވެ. ނަމަވެސް ވަކި ގައުމަކާ ދިމާކުރުމަކީ ދިވެހިންނަށް ފައިދާ ހުރި ގޮތެއް ނޫންކަން ތަކުރާރު ކުރައްވާ ކަމަށެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ގައުމުން ބޭރު ކުރަން ގޮވާލައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭންގެ ހަރަކާތްތައް ފުޅާކޮށް އިތުރު ހަރުފަތަކަށް ގެންދިއުމަށް ރައީސް ޔާމީން ވަނީ ގޮއްވާލައްވައިފައެވެ.

އެ ކެމްޕޭންގެ ހަރަކާތްތައް އަތޮޅު ތެރޭގެ ރަށްރަށުގައި ވެސް ބާއްވަމުންދާ އިރު ރައީސް ޔާމީން ގެންދަވަނީ އޭގެ ތެރެއިން ބައެއް ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.