މައްޗަންގޮޅި ރައްޔިތުން ބޭނުމީ ބާ ޖަމާލުއްދީން ހުރި ބިމަށް އަރަބިއްޔާ ސްކޫލް ބަދަލުނުކޮށް، އެތަނުގައި ޕާކެއް ހަދަން ކަމަށް މާލެ ސިޓީ ކައުންސިލްގެ އެމްޑީޕީ މެމްބަރު އަހުމަދު ޒަމީރު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ދިޔަ މާލެ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 35 ވަނަ ރަސްމީ އާއްމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު ޒަމީރު ވިދާޅުވީ ލާމަރުކަޒީ ގާނޫނު ބުނާގޮތުން، ބިން ބޭނުން ކުރަން އޮންނަނީ ރައްޔިތުންގެ ހިޔާލާ ވިސްނުމާ އެއްގޮތަށް ކަމަށެވެ.

މައްޗަންގޮޅި މެދު ދާއިރާގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމެއްގައި، އެ އަވަށުގައި ނޭވާލާނެ ހުސް ބިންކޮޅެއް ނެތިގެން ރައްޔިތުން އެކަމުގެ ޝަކުވާ ކުރި ކަމަށް ޒަމީރު ވިދާޅުވިއެވެ.

"އެހެންވީމާ އެތަނުގައި ޕާކެއް އަޅަން [ބޭނުމީ] ދެން ހަމަ އެގޮތުން ސިޓީ ކައުންސިލްގެ ވިސްނުމަކީވެސް އެތަނުގައި ބޭސްމަންޓެއްލާފަ އަޑިއަށް ޕާކު ކުރެވޭ ގޮތަށް މަތީގަ ޕާކެއް އިންނަން،" ޒަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން ޒަމީރު ވިދާޅުވީ މާލޭގައި ސްކޫލެއް އެހެން ތަނަކަށް ބަދަލު ކުރާނަމަ ޓްރެފިކަށް ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމަށެވެ.

މިހާރުވެސް ނިކަގަސްމަގަކީ ޓްރެފިކް ތޮއްޖެހިފަ އޮންނަ ތަނެއްކަމަށާއި ޖަމާލުއްދީން ސްކޫލު އެތާ ކައިރީގައި ހުންނައިރުވެސް އެ ސަރަހައްދުގައި ޓްރެފިކް ބާރުބޮޑުވާ ކަމަށް ޒަމީރު ވިދާޅުވިއެވެ.

"ހަމައެކަނި އެ ސަރަހައްދުން ދެކުނުން އުތުރަށް މަޖީދީމަގަށް ނިކުންނަށް އޮތް މަގު އެއީ، އެމަގަކީ. އެހެންވާއިރުގަ، ކުރިއަށް އޮތް ތަނުގަ މާލޭގަ ސްކޫލު ބަހުގެ ހިދުމަތް ފަށާއިރުގަ ބަސް ދަތުރު ކުރެވޭނެ ރޫޓަކަށް ސްކޫލުތައް ބަދަލު ކުރުމަކީ އަދި ބޮޑެތި މަގުތަކާ ދިމާލަށް ސްކޫލުތައް ގެނައުމަކީ ސިޓީ ކައުންސިލްގެ ވެސް އަދި ސަރުކާރުގެ ވެސް ވިސްނުމަކަށް ވާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ޒަމީރު ވިދާޅުވިއެވެ.

އެކަމަށް މާލެ ސިޓީ ކައުންސިލްގެ އެމްޑީޕީ މެމްބަރު މުހައްމަދު ސައިފް ފާތިހު އާއި ގަލޮޅު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު މަރިޔަމް ނާޒިމާވެސް ވަނީ ތާއީދު ކުރައްވާފައެވެ.

އަރަބިއްޔާ ސްކޫލް އިމާރާތުގައި ރެނދުލައި، އެތަނުގައި ކިޔެވުމަކީ ދަރިވަރުންނަށް ނުރައްކާތެރި ވާ ވަރަށް އިމާރާތް ވަނީ ހަލާކުވެފައެވެ.

މިހާރު ހުރި އަރަބިއްޔާ ސްކޫލް އިމާރާތުގެ ބަދަލުގައި އާ އިމާރާތެއް އަޅަން ބާ ޖަމާލުއްދީން ބިން ދިނުމަށް، މިދިޔަ މަހުގެ ފަހުކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނިންމަވައިފައެވެ.

މިވަގުތު، ވަގުތީގޮތުން އަރަބިއްޔާ ކުދިން ކިޔެވުމަށް ތައްޔާރު ކުރަމުން ދަނީ ފޮރިން މިނިސްޓްރީ ހިންގި ސޯމިލް އިމާރާތުގައެވެ. އަރަބިއްޔާ ދަރިވަރުންގެ ކިޔެވުން އާދިއްތަ ދުވަހު ފެށުމަށް މަސައްކަތް ކުރައްވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

އަރަބިއްޔާ ސުކޫލަކީ 2011 ވަނަ އަހަރުގެ ތެރޭގައި އިމާރާތްކޮށް 2013 ގައި ހުޅުވި ސުކޫލެކެވެ. އެ އިމާރާތަށް ގިނަ ދުވަސްތަކެއް ނުވި ނަމަވެސް އިމާރާތުގެ ބޮޑު ބައިގައި ވަނީ ރެނދު ލައިފައެވެ. އޭގެ ސަބަބުން ސްކޫލްގެ ބެލެނިވެރިން ކަންބޮޑުވުންފާޅުކުރާތާ ދުވަސްތަކެއް ވެއްޖެއެވެ.