09 Mar 2012, 19:55
ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި، ސުޕަވައިޒަރުންނާއި، ޓީޗަރުން ސިޔާސީ ކަންކަމުގެ ތެރެއަށް ނުވަނުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެދިވަޑައިގެންފި އެވެ.
ށ. އަތޮޅަށް ރައީސް ވަހީދު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު ނަރުދުއަށް ވަޑައިގެން ރައީސް ވަހީދު މިއަދު ވިދާޅުވީ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި، ސުޕަވައިޒަރުންނާއި، ޓީޗަރުންނާއި ދަރިވަރުން ސިޔާސީ ކަންކަމުގެ ތެރެއަށް ވަނުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. ސްކޫލްތަކުގެ ވެރިން މަސައްކަތް ކުރައްވަންޖެހޭނީ، ދަރިވަރުންގެ މެދުގައި އިސްލާމްދީނަށާއި ގައުމިއްޔަތުގެ ލޯބި އިތުރުކުރަން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ރައީސް އަދި ވިދާޅުވީ ތަޢުލީމީ ދާއިރާގެ އިސްބޭފުޅުންގެ ޢަމަލުތައް އެމަނިކުފާނު ވަރަށް ގާތުން ބައްލަވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ޅަދަރިން ބޮޑެތިވަމުން އަންނައިރު، އެކުދިންނަށް ނޭދެވޭ ކަންކަން ފެނުމަކީ، ވަރަށްދެރަ ކަމެއް. ތަޢުލީމު ޙާޞިލު ކުރަމުންދާ ސްކޫލްގެ ތެރެއިންވެސް މިފަދަ ކަންކަން އެކުދިންނަށް ފެނިގެން ނުވާނެ،" ރައީސް ވިދާޅުވި އެވެ. ރައީސް ވަހީދަކީ ސިޔާސީ މައިދާނަށް ވަދެވަޑައިގަތުމުގެ ކުރިން ގިނަ ދުވަސްތަކެއް ވަންދެން ތައުލީމީ ދާއިރާގައި މަސައްކަތް ކުރެއްވެވި ބޭފުޅެކެވެ.
ނަރުދޫ ރައީސް ދެއްކެވި ވާހަކަފުޅުގައި ސިޔާސީ ސަބަބުތަކާހުރެ، އެއްވެސްކަހަލަ ހަމަނުޖެހުމެއް އުފެދިގެން ނުވާނެ ކަމަށާއި، އެންމެންވެސް އެއް ރޫޙެއްގައި މަސައްކަތް ކުރުމަށް ވެސް ގޮވާލެއްވެވި އެވެ.