12 Jan 2022, 09:28
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލިސްޓިކް މިސައިލެއް ތަޖުރިބާކޮށްފި އެވެ.
އުތުރު ކޮރެއާއިން މި އަހަރު އެންމެ ބޮޑު އަހަމިއްޔަތުކަމެއް ދޭނީ ރައްޔިތުންގެ އަސާސީ ބޭނުންތަކަށް ކަމަށް އެގައުމުގެ ޒައީމް ކިމްޖޮންގް އުން ވިދާޅުވި ނަމަވެސް މިއީ މި އަހަރުގެ ތެރޭގައި އެގައުމުން ތަޖުރިބާކުރި ދެވަނަ މިސައިލެވެ.
ދެކުނު ކޮރެއާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ބަޔާނެއްގައި ބުނެފައިވާ ގޮތުން އުތުރު ކޮރެއާއިން މި މިސައިލް ޓެސްޓު ކުރިއަށް ގެންގޮސްފައިވަނީ ޖީއެމްޓީ ގަޑިން 22:27 ގައެވެ.
ޖަޕާނުގެ ކޯސްޓުގާޑުންވެސް ވަނީ މި މިސައިލް ޓެސްޓު އުތުރުކޮރެއާއިން ކޮށްފައިވާކަމަށް ރިޕޯޓްކޮށްފައެވެ. އެ މިސައިލް ވެއްޓިފައިވަނީ ޖަޕާނުގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒީގެ) ބޭރަށެވެ.
"އުތުރު ކޮރެއާގެ މި އަމަލުތަކަކީ ވަރަށް ކަންބޮޑުވާ ކަމެއް،" ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިދާ ވިދާޅުވި އެވެ.
އުތުރުކޮރެއާއަކީ ދުނިޔޭގެ ނިއުކްލިއާ ބާރުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އަދި ދުރު ރާސްތާގެ މިސައިލް ޓެކްނޮލޮޖީގެ ގާބިލްކަން ހުރި މަދު ގައުމުތަކުގެ ތެރޭގައިވެސް އެގައުމު ހިމެނެއެވެ.
އެމެރިކާއާއި ޔޫރަޕުންނާ އަދި ހުޅަނގުގެ ގައުމުތައް އިސްވެ ތިބެގެން އދ. މެދުވެރިކޮށް އުތުރުކޮރެއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެގައުމުގެ ރައްޔިތުންނަށްވަނީ ބޮޑެތި ދަތިތަަކަކާ ކުރިމަތިލާން ޖެހިފައެވެ.