މޮނިޓަރިން އުވާލިތާ ކުޑަ ދުވަސްކޮޅެއް ފަހުން އައްޑޫ ސިޓީގެ ކޮވިޑްގެ ހާލަތު ގޯހުން ގޯހަށް ގޮސްފިއެވެ.

އައްޑޫގެ އެކްޓިވް ކޭސްތަކުގެ އަދަދު 159 އަކަށް އަރާފައިވާއިރު، ދުވާލެއްގެ މައްޗަށް 20 އަށްވުރެ ގިނަ މީހުންނަށް ކޮވިޑު ޖެހޭކަމަށް އައްޑޫ އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އައްޑޫ އީއޯސީ) އިން ވަނީ ބުނެފައެވެ.

އައްޑޫ އީއޯސީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައި ވާގޮތުން އިއްޔެ އެކަނިވެސް އެ ސިޓީން 29 މީހަކަށް ކޮވިޑް ޖެހުނެވެ. އެގޮތުން އެންމެ ގިނަ ކޭސްތައް ފެނިފައިވަނީ ހިތަދޫ އަވަށުން ކަމަށްވެސް އެ ސެންޓަރުން ބުނެއެވެ.

އައްޑޫގެ ހިތަދޫ އަވަށުން އިއްޔެވެސް ކޮވިޑުގެ 17 ކޭސް ފެނިފައިވާއިރު، އެ އަވަށުގައި ބަލިިން ފަސޭހަނުވާ 94 މީހުން އެބަތިއްބެވެ. ދެވަނައަށް އެންމެ ގިނަ އެކްޓިވް ކޭސްތައް އުޅެނީ އައްޑޫގެ ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ މީދޫ އިންނެވެ. މީދޫ އަވަށުގައި ބަލިން ފަސޭހަނުވާ 23 މީހުން އެބަތިބި ކަމަށް އައްޑޫ އީއޯސީން ބުނެއެވެ.

އައްޑޫގެ ހުރިހާ އަވަށްތަކުގައި މުޅި ޖުމުލަ 159 އެކްޓިވް ކޭސް އުޅޭއިރު، ދުވާލެއްގެ މައްޗަށް 150 އަށްވުރެ ގިނަ ސާމްޕަލް އެ ސިޓީން ނަގައެވެ.

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވަނީ ރައްޔިތުން ރައްކާތެރިކަމަށް އަހައްމިޔަތުކަން ދިނުމަށް ނަސޭހަތްތެރި ވެފައެވެ. އަދި އައްޑޫގައި ކޮވިޑް މާބޮޑަށް ފެތުރޭނަމަ ފަރުވާދޭން ދަތިވާނެކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

"މާލެ ފިޔަވައި ވަސީލަތްތައް އެންމެ ރަނގަޅަށް ގާއިމުވެފައި މިވަގުތު ވެސް ހުރީ އައްޑޫގައި. އެހެން ނަމަވެސް މާބޮޑަށް ފެތުރިގެން ކޮންޓްރޯލުން ނެއްޓޭ ހިސާބަށް ގޮސްފިނަމަ ވަރަށް އުނދަގޫ ހާލަތަކަށް ދާނީ،" ނިޒާރު ވިދާޅުވިއެވެ.

އައްޑޫ ސިޓީގައި އާންމު އެއްވުންތައް ނުބޭއްވުމަށް މޭޔަރު ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ސްކޫލްތައް ހުޅުވުމަށްފަހު އިތުރު ހަރަކާތްތައް ހިންގުން މަދުކުރުމަށް ވެސް އިލްތިމާސް ކުރެއްވިއެވެ.

އައްޑޫ ސިޓީ މޮނިޓަރިންގެ ހާލަތުގައި އޮންނަތާ ހަތަރު މަހަށްވުރެ ގިނަ ދުވަސްވެފައި ވަނިކޮށް މޮނިޓަރިން އުވާލީ ގާތްގަނޑަކަށް ދެ ހަފްތާ ކުރިންނެވެ. އޭރު އައްޑޫގެ އެކްޓިވް ކޭސްތަކުގެ އަދަދު އުޅުނީ 50 އަށްވުރެ ދަށުގައެވެ.