12 Jan 2022, 10:53
ކޮވިޑް ވެކްސިނާ ދެކޮޅަށް ޔޫރަޕުގެ ބައެއް ގައުމުތަކުގައި އިހުތިޖާޖުތައް ފަށައިފި އެވެ.
ވެކްސިން ނުޖަހާ މީހުންނަށް ޚާއްސަ އުސޫލުތަކެއް ފަރަންސޭސިވިލާތުން ތައާރަފްކުރުމުން އެ ގައުމުގެ ލައްކައެއްހާ މީހުން ވަނީ އެކަމާ ދެކޮޅަށް އަޑުއުފުލާފައެވެ. އަދި އެމީހުންގެ ހައްގުތައް ނިގުޅައިނުގަތުމަށްވެސް ގޮވާލާފައެވެ.
ދުވާލެއްގެ މައްޗަށް ތިން ލައްކައަށްވުރެ ގިނަ ކޮވިޑުގެ ކޭސްތައް ފެންނަމުންދާ ފްރާންސްގައި ވެކްސިން ނުޖަހާ މީހުންނާ ދެކޮޅަށް އެ ގައުމުގެ ރައީސްވެސް ވަނީ ނުކުމެވަޑައިގެންފައެވެ.
ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން ވަނީ ވެކްސިން ނުޖަހާ މީހުންނަށް ނިސްބަތްކޮށް ހަޑިހުތުރުބަހުން މުޢާމަލާތުވެސް ކުރައްވާފައެވެ.
ޖަރުމަނުގައިވެސް ކޮވިޑް ވެކްސިނާ ގުޅުންހުރި އުސޫލުތަކާ ދެކޮޅަށް 16000 އަށްވުރެ ގިނަ މީހުން އިހުތިޖާޖުކޮށްފައިވާއިރު، އެ ގައުމުގައި ފަސް އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ދިނުމަށް ވަނީ ނިންމާފައެވެ.
އެ ގައުމުގައި ހަޅުތާލުކުރާ ގިނަ މީހުން ވަކާލާތުކުރަނީ ކުޑަކުދިންނަށް ވެކްސިން ޖެހުމާ ދެކޮޅަށެވެ.
އިޓަލީގައި ކުރިއަށްދާ ހަޅުތާލުތަކުގައި އެތައް ސަތޭކަ ބަޔަކު ބައިވެރިވަމުން އަންނައިރު، އެ ގައުމުން އަންނަނީ ވެކްސިން ނުޖަހާ މީހުންނާ ދެކޮޅަށް ގިނަ އުސޫލުތަކެއް ހަދަމުންނެވެ. އެގޮތުން ރެސްޓޯރެންޓްތަކުގެ ޚިދުމަތް ނުލިބޭނެ ގޮތަށް ހަދައި، އާންމު ދަތުރުފަތުރުގެ ޚިދުމަތްވެސް ނުލިބޭގޮތަށް ހަދަން އެ ގައުމުގެ ސަރުކާރުން ވަނީ ނިންމާފައެވެ.
ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށްފަހު، ތިން ވަނަ ޑޯޒެއްވެސް ގިނަ ގައުމުތަކުން ވަނީ ތައާރަފްކޮށްފައެވެ. އަދި ބައެއް ގައުމުތަކުގައި ވެކްސިންގެ ހަތަރު ވަނަ ޑޯޒެއްވެސް ޖަހަމުންދެއެވެ.