ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި ޔޫރަޕުގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނަށް ކޮވިޑް-19ގެ އޮމިކްރޯން ވޭރިއެންޓް ޖެހޭނެކަމަށް ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ލަފާކޮށްފިއެވެ.

އެ ޖަމްއިއްޔާގެ ރީޖިނަލް ޑިރެކްޓަރު ހާންސް ކްލޫގް ވިދާޅުވީ، އޮމިކްރޮން ވޭރިއަންޓާއެކު ޔޫރަޕުގެ ހުޅަނގުން ދެކުނަށް ކޮވިޑުގެ އައު ރާޅެއް ފެތުރިދާނެ ކަމަށެވެ. އަދި ކޮވިޑް އިންފެކްޝަންތައް މިހާރު ހުރި ރޭޓުތަކަށް ބަލައި ކުރިއަށް އޮތް 6-8 ހަފްތާގެ ތެރޭގައި ޔޫރަޕުގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނަށް ކޮވިޑު ޖެހޭނެކަމަށް ލަފާކުރެވޭކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޑަބްލިއުއެޗްއޯގެ ޔޫރަޕުގެ ރީޖަންގައި 53 ގައުމު ހިމެނޭއިރު، 50 ގައުމަކުން ކޮވިޑުގެ އައު ވޭރިއަންޓް އޮމިކްރޯން ވަނީ ފެނިފައެވެ. އަދި މި ގައުމުތަކުގެ ތެރެއިން 26 ގައުމަކުން ކޮންމެ ހަފްތާއަކު އާބާދީގެ އެއް އިންސައްތައަށް ކޮވިޑު ޖެހޭކަންވެސް އެ ޖަމްއިއްޔާއިން ވަނީ ބުނެފައެވެ.

މި އަހަރުގެ އަމާޒަކީ ކޮވިޑް ބަލިމަޑުކަން ކޮންޓްރޯލް ކުރެވުން ކަމަށާއި، އެ އަމާޒަށް ވާސިލުވެވޭނެކަމަށް އެ ޖަމްއިއްޔާއިން ވަނީ މީގެ ކުރިން ބުނެފައެވެ.

ކޮވިޑް ބަލީގައި މުޅި ދުނިޔެއިން 5.5 މިލިއަން މީހުން މަރުވެފައިވާއިރު، 312 މިލިއަނަށްވުރެ ގިނަ މީހުންނަށް ވަނީ މި ބަލި ޖެހިފައެވެ.