09 Mar 2012, 18:40
އެމްޑީޕީގެ ސަޕޯޓަރުން މިއަދު ދޯނި ފަހަރުގައި ނުކުމެ ކަނޑުމަތީގައި މުޒާހަރާއެއް ކޮށްފި އެވެ.
އެމްޑީޕީގެ ރީނދޫ ދިދަ އާއި ބެނާތަކާއި ދިދަ ފަތިތައް ދަމާފައިވާ ދޯނި ފަހަރުގައި ކަނޑުމަތީގެ އިހުތިޖާޖަކަށް މިއަދު ނުކުތީ ހަވީރު 4:40 އެހާކަންހާއިރު އެވެ. ކަނޑުމައްޗަށް ނުކުތް ދޯނިތަކުގައި ގިނަ އަދަދެއްގެ މީހުން ވެސް ތިއްބެވެ. ދޯނި ފަހަރު ކަނޑަށް ނުކުމެފައި ވަނީ ޓީ ޖެޓީންނެވެ.
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި އެމަނިކުފާނުގެ ސަރުކާރު އިސްތިއުފާއަށް ގޮވާ މުޒާހަރާ ކުރަމުން ދިޔަ ދޯނި ރެލީ ކުރިޔަށް ގެންގޮސްފައި ވަނީ "އިންސާފްގެ ދަތުރު ދޯނި ބުރު" ނަމުގަ އެވެ. އެ މުޒާހަރާގައި ފަސް މަސް ދޯންޏާއި ކޮޅު ވެއްޓިއެއް ކަނޑަށް ނުކުތެވެ.
ކަނޑުމަތީގައި މުޒާހަރާ ކުރިމީހުން ރައީސް ފާލަމާ ދިމާލުން ފުލުހުންނާއި ސިފައިން ބަންދުކޮށްފައިވާ ސަރަހައްދު ހުރަސްކޮށް ނެރުން ފަޅު ތެރެއަށް ވަންނަން ހަވީރު ވަނީ މަސައްކަތްކޮށްފަ އެވެ. އެހެން ނަމަވެސް ކޯސްޓަގާޑުން ވަނީ އެ ދޯނިތައް ވަނުން ހުއްޓުވާފަ އެވެ.
މާލޭ ފަޅުތެރެއަށް ވަންނަން ދޯނިތައް ކުރި މަސައްކަތުގައި އެއްވެސް ހަމަ ނުޖެހުމެއް ހިނގާފަ އެއްނުވެ އެވެ. މުޒާހަރާ ނިންމާލީ މަޣުރިބު ނާމަދު ވަގުތު ކައިރިވުމުން މިއަދަށް މުޒާހަރާ ހުއްޓާލި ކަމަށް އިއުލާން ކުރުމަށްފަހު ޓީޖެޓީ އަށެވެ. އެމްޑީޕީން ބުނީ މާދަމާ ހަވީރު ވެސް މުޒާހަރާއަށް ކަނޑަށް ނުކުންނާނެ ކަމަށެވެ.