އުންމީދަކީ ވަގުތީގޮތުން ފޮރިން މިނިސްޓްރީ ހިންގި ސޯމިލް އިމާރާތުގައި އަރަބިއްޔާ ދަރިވަރުންގެ ކިޔެވުން އާދިއްތަ ދުވަހު ފެށުންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އަރަބިއްޔާ ސުކޫލުގެ ދަރިވަރުން ކިޔެވުމަށް ވަގުތީ އިމާރާތެއްގެ ގޮތުގައި ސޯމިލް އިމާރާތް ކަނޑައެޅީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ އަހުމަދު އަލީ "ސަން" އަށް ވިދާޅުވީ އާދިއްތަ ދުވަހު ސުކޫލުތައް ހުޅުވެންވާއިރަށް އެ އިމާރާތުގައި އަރަބިއްޔާ ސްކޫލްގެ ކިޔެވުން ފެށުމަށް ވާންޖެހޭ ތައްޔާރީތައް ބާރަށް ކުރިއަށްދާ ކަމަށެވެ.

އިއްޔެގެ ވަގުތެއްގައި މި އިމާރާތުގެ މަސައްކަތްތައް ދާގޮތް ބެއްލެވުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވެސް ވަނީ އެ އިމާރާތަށް ޒިޔާރަތްކޮށްފައެވެ.

ކަނޑައެޅިފައިވާ ތާވަލުގެ ތެރެއިން އެ އިމާރާތުގެ މަަސައްކަތްތައް ކުރިއަށްދާކަމަށް ފާހަގަ ކުރެވިފައިވާ ކަމަށްވެސް އަހުމަދު އަލީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިތުރު ހުރަހެއް ކުރިމަތި ނުވާނަމަ ތާވާލާއެއްގޮތަށް ސުކޫލުތައް ހުޅުވެން ވާއިރަށް އިމާރާތުގެ މަސައްކަތްތައް ނިންމާލެވޭނެ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރު ޑރ. އައިޝަތު އަލީ އަރަބިއަޠގެ ވަގުތީ އިމާރާތުގެ މަސައްކަތް ބައްލަވާލައްވަނީ--ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ

މީގެ އިތުރުން އަރަބިއްޔާގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން ބާ ޖަމާލުއްދީން ހުރި ބުމުގައި އިމާރާތް އެޅުމުގެ ކުރިން ކުރަންޖެހޭ މަސައްކަތްތައް ވެސް ބާރަށް ކުރިއަށްދާ ކަމަށެވެ.

"މިވަގުތު އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދަނީ ޑިޒަނިންގެ މަސައްކަތް. މި މަސައްކަތް ވެސް ބާރަށް ކުރިއަށް އެބަދޭ،" އަހުމަދު އަލީ ވިދާޅުވިއެވެ.

އަރަބިއްޔާ ސްކޫލްގެ އިމާރާތުގައި ރެނދުލައި، އެތަނުގައި ކިޔެވުމަކީ ދަރިވަރުންނަށް ނުރައްކާތެރި ކަމެއް ކަމަށް ބެލެނިވެރިން ބުނަމުން ދަނިކޮށް އެކުދިން ވަގުތީ ގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލު ކުރަން އެޑިއުކޭޝަން މިނިސްޓްރީން އޭރު ވަނީ ނިންމާފައެވެ.

ނަމަވެސް އެ ސްކޫލްގެ ބެލެނިވެރިން އެ ނިންމުމާ ދެކޮޅު ހެދުމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ އާ އިމާރާތެއް އަޅަން މާލެއިން ބިމެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އޭގެ ފަހުން މިހާރު ހުރި އަރަބިއްޔާ ސްކޫލް އިމާރާތުގެ ބަދަލުގައި އާ އިމާރާތެއް އަޅަން ބާ ޖަމާލުއްދީން ބިން ދޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވިއެވެ.

އަރަބިއްޔާ ސުކޫލަކީ 2011 ވަނަ އަހަރުގެ ތެރޭގައި އިމާރާތްކޮށް 2013 ގައި ހުޅުވި ސުކޫލެކެވެ. އެ އިމާރާތަށް ގިނަ ދުވަސްތަކެއް ނުވި ނަމަވެސް އިމާރާތުގެ ބޮޑު ބައިގައި ވަނީ ރެނދު ލައިފައެވެ. އޭގެ ސަބަބުން ސްކޫލްގެ ބެލެނިވެރިން ކަންބޮޑުވުންފާޅުކުރާތާ ދުވަސްތަކެއް ވެއްޖެއެވެ.